އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި، ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމުގެ ހުށަހެޅުއްވުމަށް އ.ދ އިން ދެކޮޅު ހަދައިފިއެވެ.
އ.ދ ގެ ސްޕޯކްސްޕަރސަން ސްޓެފާން ދުޖާރިކް ވިދާޅުވި ގޮތުގައި "މީހުން ބާރުގެ ބޭނުންކޮށްގެން ބަދަލުކުރުމަށް ނުވަތަ ނަސްލު ފޮހެލުމަށް ހުށަހަޅާ އެއްވެސް ޕްލޭނަކަށް އެއްބަސްވެވެން ނެތް" ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ ޣައްޒާ "ސާފުކޮށް" އެތަނުގެ ރައްޔިތުން މިޞްރާއި އުރުދުނަށް ބަދަލުކުރުމަށެވެ. އަދި އިޒްރާއީލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާއަކީ "ތަޅާލެވިފައިވާ ސަރަޙައްދެއް" ކަމުގައި ވިދާޅުވިއެވެ.
މިޞްރު، އުރުދުން، އަރަބި ލީގު އަދި އިސްލާމިކް ކޯޕަރޭޝަންގެ ޖަމްޢިއްޔާއިން ވެސް ވަނީ މި ހުށަހެޅުއްވުމާ ދެކޮޅު ހައްދަވާފައެވެ. އެފަރާތްތަކުން ވަނީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބަދަލުކުރުމަށް ކުރެވޭ އެއްވެސް ގޮވާލުމަކަށް ހަރުކަށި އިބާރާތުން އިންކާރުކުރައްވާފައެވެ.
ހަމައެއާއެކު، ހުޅަނގު އައްސޭރީގައި އިސްރާއީލްގެ ހަމަލާތައް އިތުރުވަމުންދާތީ އ.ދ އިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޚާއްޞަކޮށްހުޅަނގު އައްސޭރީގެ ފަލަސްތީނު އާންމުންނަށް އިސްރާއީލްގެ ވަޒަންވެރިން ދޭ އަނިޔާތަކާމެދު ހަރުކަށި ފާޑުކިޔުންތައް ވަނީ ރައްދުކުރައްވާފައެވެ.
ޖެނިންގައި ހިނގަމުންދާ އިސްރާއީލީ އޮޕަރޭޝަނުގެ ސަބަބުން މަގުތަކާއި އާންމު ވަސީލަތްތައް ހަލާކުވެ، މިހާތަނަށް 16 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން، ޠުލްކަރަމް ރެފިއުޖީ ކޭމްޕަށް ވައިގެ ހަމަލާތަކެއް ދީ، ފަލަސްތީނުގެ ދެ ރައްޔިތަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތައްބުނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 47،300 އަށްވުރެ ގިނަ މީހުން މަރުވެ، 111،500 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި ހުޅަނގު އައްސޭރީގައި މަދުވެގެން ފަލަސްތީނުގއ 880 މީހުން މަރުވެ، 6،700 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވައިނުލުމަށް އ.ދ އިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ