މިއީ 'އެ ބައްޕަ'ގެ ހިތްދަތި ފެށުމުގެ ވާހަކަ

މި އުޅެނީ އެއީ ކާކުކަން ބުނެދޭކަށް ނޫނެވެ. އެއީ، ކުރަންޖެހޭ ކަމެއް ނޫނެވެ. ހ. ރޯޝަންލޭން ހަސަން އަލިމަނިކު (ކޮއްޔަ ހަސަނިކަ)ކީ ފިލްމީ ދާއިރާގެ 'ބައްޕަ'އެކެވެ. މިއީ އެ ބައްޕައަށްވުމުގެ ކުރީގައި އުޅުނު ހާލާއި ހިތްދަތި ފެށުމުގެ ވާހަކައެވެ. ބައްޕައަކު ދަރިންނަށް އުފާވެރި ހަޔާތެއް ހޯދައިދޭން ކުރި މަސައްކަތުގެ ވާހަކައެވެ. ހަސަނިކުގެ ބައްޕަ ގޯތި ވަރަށް ތަނަވަހެވެ. އެކަމަކު، އުޅުނީ ތަނަވަސްކަމަކު ނޫނެވެ. ފަގީރު ނިކަމެތި ހާލުގައެވެ. އެއްބައި ރާނާފައި އަނެއް ބައި ފަނުން ހަދައިގެންނެވެ. ގޯތީގެ ކުޑަކުޑަ ތަންކޮޅެއްގައެވެ. އަމުދުން މައިންބަފައިން ވަރިވެފައި ތިބުމުން އެކަނިވެރިކަމުގައެވެ. މަންމަ އުޅުނީ ވަކިން އެއްބަނޑު އެއްބަފާ ދައްތައެއް ކައިރީގައެވެ. ބައްޕަ ކައިރީ އުޅުނަސް ހަސަނިކު ކެއީ މަންމަ ގޯތިންނެވެ. "ވަކިން އެހެން އުޅެން ޖެހުމުން ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސްވި. ޅައިރުގެ ހަގީގީ އުފާތަކުން ވަރަށް ބޮޑަށް އުނިވެފައިވާކަމުގެ އިހުސާސް ކުރެވުނު،" ނިޔާވުމުގެ އަހަރުތަކެއް ކުރިން އެންމެ ފަހު އިންޓަވިއުއަކަށް 'އަވަސް'އަށް ދެއްވި އިންޓަވިއުއެއްގައި ހަސަނިކު ވަރަށް ތަފުސީލުކޮށް ހަޔާތުގެ ބައެއް ވާހަކަތައް ކިޔައިދިނެވެ. އެކަނިވެރިކަމެއް ދެން ވަކި ކުޑައެއް ނުވެއެވެ. ހަސަނިކު ދިރިއުޅުނު ގެ: އެއީ ވަރަށް ބޮޑު ގޯއްޗެއް -- ބައްޕަ ވަރަށް ބޮޑަށް ބަލިވީއެވެ. އޭރު ހަސަނިކަށް އެންމެ 13 އަހަރެވެ. ބައްޕަގެ ގައިގައި ފިތްތަކެއް ނެގީއެވެ. ޑޮކްޓަރަށް ދެއްކީމާ ކަފަ ކޮޅަކުން ކަންފަތުގައި ޖެއްސިއެވެ. އެ އިހުސާސްނުވީމާ ނިންމީ ޖުޒާމުބަލި ޖެހިފައި ހުރީ ކަމަށެވެ. ވަގުތުން ފޮނުވާލީ ބިޔާދޫއަށެވެ. އެކަހެރި ކުރީއެވެ. ކަރަންޓީނުވާން މަޖުބޫރުވީއެވެ. ދަރިންނާ ސަލާންގަލާން ކޮށްލަން ވެސް ނުލިބެއެވެ. "އެއީ ވަރަށް ދެރަވި ވަގުތެއް. ބައްޕަ ފެނުނު އެންމެ ފަހު ވަގުތު އެއީ،" ހަސަނިކު އެ އިންޓަވިއުގައި ކިޔައިދިނެވެ. "އޭރު އެކަންކަމާއި ހަވާލުވެ ހުންނަވާނީ އިމާދުއްދީން. އެ ބޭފުޅާ އެއް ދުވަހަކު ބައްޕަ އަރިހުގައި އައްސަވަނީ ކޮންކަމެއްހޭ ދެން އެންމެ ބޭނުންވަނީ. ބައްޕަ ދެންނެވި، އަޅުގަނޑުގެ ހުންނާނޭ ހަސަން މަނިކު ކިޔާ ކުއްޖެއް. އެންމެ ފަހަރަކު ނަމަވެސް އޭނާ ދެކިލަން ބޭނުމޭ،" އެކަހެރިކުރިތާ ތިން މަސް ފަހުން، ބައްޕަގެ އެދުން ފުރިހަމަނުވެ އުޅެނިކޮށް ބައްޕަ ނިޔާވީއެވެ. ހަސަނިކު ދެން ކުރިއަށްވުރެ އެކަނިވެރިވީއެވެ. މާޔޫސްވީއެވެ. އެންމެ 14 އަހަރުގައި ބައްޕަ ވަކިވީއެވެ. "މުޅިން އެކަނިވެރިވީ އަޅުގަނޑު. އެކަނި މައި އެކަނި ހަމަ މި ގޭގައި. އެހާ ބޮޑަށް ކިޔެވިފައި ހުރީއަކީ ނޫން. ވަރަށް ފިކުރު ވެސް ބޮޑުވި،" ކޮއްޔަ ހަސަނިކާ އެކު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) -- ހިތްވަރު އެލުވައިލާފައި ހުރީއަކީ ނޫނެވެ. ރައްޓެއްސަކަށް ގުޅައިގެން އުމުރުން 15 ފުރުމުގެ ކުރިން 1967 ވަނަ އަހަރު ވަޒީފާއެއް ހޯދައިފިއެވެ. އެއީ، ފިހާރައެއްގެ މަސައްކަތު މީހަކަށެވެ. މަހަކު ލިބެނީ އެންމެ 30 ރުފިޔާއެވެ. ކެއުން އޮންނަނީ ފިހާރައިންނެވެ. ކާމިޔާބު ފިލްމީ ހަޔާތުގެ ކުރިން ހަސަނިކު ބޭރު ދަތުރުކުރަން ވެސް ދިޔައެވެ. އޭރު ހަގުކަމުން އުމުރު ވެސް ދޮށިކޮށްގެންނެވެ. އެއީ، ފިހާރައިގައި އުޅެނިކޮށް ލިބުނު ފުރުސަތެކެވެ. އެކަމަކު، އެ ދަތުރު ނިމުނީ ވެސް ހިތްދަތިކަމުގައެވެ. ދަތުރުކުރަން ފެށިތާ 11 މަސް ފަހުން ތުހުމަތެއްކޮށްފައި، އަހަރަކާއި ހަ މަސް ދުވަސް ވަންދެން ގޭގައި ބަންދުކުރީއެވެ. އޭރުގެ އިނގިރޭސި ރާނީ އެލިޒެބަތު ދެވަނަ، މާޗު 13، 1972 ގައި ރާއްޖެއަށް ތާރީޚީ ދަތުރުފުޅު ކުރެއްވިއިރު ކޮއްޔަ ހަސަނިކު ހުންނެވީ ބަންދުގައެވެ. ކާމިޔާބުގެ ފެށުން ހަސަނިކަށް އެކްޓުކުރަން ފުރުސަތު ހޯދައިދެއްވީ ހައިވަކަރު ނަޖުމާ ހުސައިނެވެ. ކެރޭނެހޭ ކިޔާފައި ދިން ފުރުސަތެކެވެ. "ނަޖުމާ އެއް ދުވަހަކު ފެނިގެން ބުނީ އެބައޮތޭ ޕްރޮގްރާމެއް. ކެރޭނެހޭ އަންނާށޭ 'ހަކުރާ ފެއާ'އަށް" އޭނާ ކިޔައިދިނެވެ. އެ ފަހަރު ހަސަނިކު ބައިވެރިވީ 'ހަމަ މިހާރު' ޕްރޮގްރާމުގައެވެ. އޭގައި އޮންނަނީ ކޮންމެ މީހަކު ވެސް އެ މީހަކަށް ދިމާވި މަޖާ ކަމެއް ކިޔައިދިނުމެވެ. މައުޟޫއެއް ދިނީމާ އެއަށް އެންމެ މަޖާކޮށް ވާހަކަދެއްކުމެވެ. އެއީ، ހަސަނިކަށް އުނދަގޫ ކަމަކަށްނުވިއެވެ. އެއިން އެތައް ފަހަރަކު އެއްވަނަ ހޯދިއެވެ. ކާމިޔާބު ފިލްމީ ހަޔާތުގެ ބިންގަލަކީ އެއީއެވެ. ކޮައްޔަ ހަސަނިކު: އޭނާ ނިޔާވީ ކޮވިޑުގައި -- އޭގެ ފަހުން އެ ދުވަސްވަރު މަޝްހޫރުވި ކޮމެޑީ 'ބަޚަބަރު'ގައި ވެސް ރޯލެއް ކުޅުއްވިއެވެ. ފިލްމަކަށް އެންމެ ފުރަތަމަ ކުޅުއްވީ 'ލޯބިވެވިދާނެ'އެވެ. އޭގައި އުޅުނީ ރީކޯ މޫސާ މަނިކާ ދެ މީހުންނެވެ. އެ ފިލްމުން ސަންޖޭ ދަތު ވެސް ފެންނާނެއެވެ. އެއީ، އެކަމަކު އިއްތިފާގެކެވެ. ފިލްމު ޝޫޓުކުރަން ދިޔައިރު އެނބޫދޫފިނޮޅުގައި އޭނާ ހުރީއެވެ. އޭގެ ފަހުން ދެން އެ ފެށުނީއެވެ. ކާމިޔާބުވާން ފެށީއެވެ. ފިލްމު އަޖައިބު، ހުރަސް، ދެރިޔާ، ކަރުނަވީ ބޭވަފާ، ވާ ލޯބި އެނގޭނަމަ، މާފެއް ނެތް، އަދި ޑްރާމާ ސިލްސިލާ ހިނިތުންވެލާށޭ ކަލާއަކީ ހަސަނިކުގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. އެ ބައްޕަގެ ހިތްދަތި ވާހަކަ ހަސަނިކުގެ އެ ބައްޕަގެ ހިތްދަތި ވާހަކަ އެކަންޏެއް ނޫނެވެ. މި ބައްޕައަށް ވެސް ނިކަމެތި އެތައް ތަޖުރިބާއެއް ކުރަން ޖެހުނެވެ. މީގެ 14 ވަރަކަށް އަހަރުކުރިން ގެނެސްދިން 'އެ ބައްޕަ' ފިލްމަކީ ހަސަނިކުގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމެކެވެ. އޭގައި ހަސަނިކަށް ދިމާވި ހިތްދަތި އެތައް ވާހަކައެއް ހިމެނިއެވެ. "އެ ފިލްމުގެ އިންޓަވަލާ ހަމައަށް، އެ ކުޑަކުދިންގެ ބައި އެ އޮތީ ހަގީގަތް،" އޭނާ ކިޔައިދިނެވެ. ހަސަނިކުގެ ކުރީގެ ފޮޓޯއެއް: އޭނާ ވަނީ ގިނަ ފިލްމުތަކެއް ކުޅެފައި --- ހަސަނިކު ހަތަރު ކައިވެންޏެއް ކުރިއެވެ. ފުރަތަމަ ކައިވެންޏަށް ހަތް އަހަރުވިއެވެ. ދެވަނަ ކައިވެންޏަށް 10 އަހަރެވެ. ތިންވަނަ ކައިވެންޏަށް ނުވަ އަހަރާއި ހަ މަހެވެ. ފަހު ކައިވެންޏަށް އެންމެ ހަތް މަހެވެ. އެ ބައްޕަ ފިލްމުގައި އެއީ ފުރަތަމަ ކައިވެނީގައި ދިމާވި ހިތްދަތި ތަޖުރިބާއެވެ. ފިލްމުގައި ވާގޮތަކީ މިއެވެ. ދަތުރުކުރަން ދިޔަތަނާ އަންހެނުން އެހެން މީހަކާ ހިތާވަނީއެވެ. ދަރިންނާ ދުރުވީއެވެ. އަޅައިލުން ކުޑަވީއެވެ. އެންމެ ފަހުން އެކަން އެނގިގެން ވަރިކުރަނީއެވެ. ދަރިންގެ ކަންކަމަށް އެހީވަނީ ރަހުމަތްތެރިންނެވެ. އެ ކައިވެންޏަށް ލިބުނު ކުޑަ ތިން ކުދިން ހަ މަސް ދުވަސް ވަންދެން ބެލީ އެކަންޏެވެ. އޭރު ފިރިހެން ދެ ކުދިންގެ އުމުރުން ތިން އަހަރެވެ. އަންހެން ކުއްޖާގެ އުމުރުން ފަސް އަހަރެވެ. އޭގެ ފަހުން ވެސް ކުއްޖަކު ލިބުނެވެ. ލޭ އަޅާ ކުއްޖެކެވެ. އެކަމަކު، އެ ކުއްޖާ ތިން އަހަރުގައި މަރުވީއެވެ. އެންމެ ބޮޑު ހިތާމައެއް ލިބުނު ދުވަހަކީ އެއީއެވެ. އެންމެ އުފާވީ ވެސް އަލަށް ކުއްޖަކު ލިބުނު ދުވަހެވެ. ހަސަނިކު ނިޔާވިއިރު ޖުމުލަ ހަ ކުދިން ތިއްބެވެ. ފަސް ފިރިހެން ކުދިންނާއި އެންމެ އަންހެން ކުއްޖެކެވެ. ކޮއްޔަ ހަސަނިކު އޭނާގެ ކުދިންނާ އެކު -- "އަޅުގަނޑު އެހާ އުފާވާ ކަހަލަ ދުވަހެއް އަޅުގަނޑަކަށް ދިމައެއްނުވޭ،" ހިތްދަތިކަމާ އެކު ހަޔާތް ނިއުޅައި ނިންމާލާފައި ބުނެލިއެވެ. ކޮވިޑު ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް ހަސަނިކު ނިޔާވީ ފެބްރުއަރީ 20، 2021 ގައެވެ. އުމުރުން 67 އަހަރުގައެވެ. މުޅި ފިލްމު އިންޑަސްޓްރީ ރޮއްވާލައިފައެވެ. އެ މީހުންނަށް އެ ދުވަހު ގެއްލުނީ އެ މީހުންގެ ބަހުން ނަމަ 'ބައްޕަ'އެކެވެ. އެ އެންމެންނަށް ގެއްލުނީ ފޫނެބެއްދޭނެ އެކުވެރިއެކެވެ. ނަސޭހަތްތެރިވާނެ 'ބައްޕަ'އެވެ. އެކަމަކު، މިއީ ކޮއްޔަ ހަސަނިކުގެ މޮޅު ވާހަކައެއް ނޫނެވެ. ކާމިޔާބީއެއް ވެސް ނޫނެވެ. މިއީ ހަސަނިކުގެ ހިތްދަތި ފެށުމުގެ ވާހަކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ