އަންނަ ޖޫން މަހު، ސްރީ ލަންކާ އިން ބާއްވަން މަސައްކަތް ކުރަމުން އައި ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ސާފުން އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށާއި ލަންކާ އިން އިންވިޓޭޝަނަލް މުބާރާތެއް ބާއްވަން މަސައްކަތްކަތް ފަށައިފި އެވެ.
ސާފްގެ ރައީސް ކާޒީ ސަލާހުއްދީނާ ހަވާލާދީ ބަންގްލަދޭޝްގެ "ޑެއިލީ އޮބްސާވާ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުބާރާތާ ގުޅޭގޮތުން އަދި ފައިނަލް ގޮތެއް ނުނިމެ އެވެ. ކާޒީ ވިދާޅުވީ، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ގުޅޭ މުހިންމު ކަންތައްތަކެއް ހުރީ ނިމިފައި ނޫން ކަމަށެވެ.
"ސާފް ޗެމްޕިއަންޝިޕް ބާއްވާނެ ވެނިއުއަކާ މެދު އަދިވެސް ކަންކަން ފައިނަލެއް ނުވޭ. މާކެޓިން ޕާޓްނަރުން އަންނަނީ ތަފާތު އެކި ކަންކަން ރިވިއުކުރަމުން. ފައިނަލް ގޮތެއް ނިންމޭނީ ދެން އޮންނަ ސާފްގެ ކޮންގްރެސްގައި،" ކާޒީ ވިދާޅުވި އެވެ.
ސާފްގެ ކޮންގްރެސް ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 24 ވަނަ ދުވަހު ނޭޕާލުގެ ކަތުމަންޑޫގައި ކުރިއަށްދާ ގޮތަށެވެ. ބަންގްލަދޭޝް މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސްޕޯޓްސްފައިވް އިން ބޭނުންވަނީ ސެންޓްރަލައިޒްކޮށް ކުޅޭނަމަ އިންޑިއާ ނޫނީ ބަންގްލަދޭޝްގައި ކުޅުމަށެވެ.
މީޑިއާގައި ސާފް ޗެމްޕިއަންޝިޕްގެ ވާހަކަ ދެކެވެމުން ދަނިކޮށް، ސާފްގެ ހިންގާ ކޮމިޓީ މެމްބަރު، އަދި އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް، އަލީ އުމަރު، "މިހާރު" ނޫހަށް ދިން އިންޓަވިއުއްގައި، ވިދާޅުވެފައިވަނީ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރަން ޖެހުނީ، ސާފުން ހަމަޖެއްސި، މާކެޓިން ޕާޓްނަރު، ސްޕޯޓްސް ފައިވް އިން ބޭނުންވަނީ މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން ކަމަށްވާއިރު، މި ފަހަރު އެކަން ކުރެވެން ނެތުމުން ކަމަށެވެ.
އޭނާ ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕް ބާއްވަން ކަނޑައެޅި ތާރީހު ކަމަށްވާ އަންނަ ޖޫން 22 އިން ޖުލައި 5 އަށް ސާފް އާއި އޭއެފްސީ އަދި ލަންކާ ފުޓްބޯޅަ ފެޑެރޭޝަން ގުޅިގެން، އިންވިޓޭޝަނަލް މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސްރީ ލަންކާ އިން 2021 ވަނަ އަހަރު ބޭއްވި ފޯ ނޭޝަންސް ކަޕްގައި ވާދަކުރީ ލަންކާ އާއި ރާއްޖޭގެ އިތުރުން، ބަންގްލަދޭޝް އަދި ސީޝެލްސް އެވެ. އަދި، މިދިޔަ އަހަރު ލަންކާ އިން ހޯސްޓް ކުރި ފީފާ ސީރީސް މުބާރާތުގައި ކުޅުނީ ލަންކާ އާއި ބޫޓާންގެ އިތުރުން، ސެންޓްރަލް އެފްރިކަން ރިޕަބްލިކް ޓީމު އަދި، ޕަޕުއާ ނިއު ގިނީ އެވެ.
ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފި؛ ލަންކާ އިން އިންވިޓޭޝަނަލް މުބާރާތެއް ބާއްވަނީ ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފި؛ ލަންކާ އިން އިންވިޓޭޝަނަލް މުބާރާތެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ