ވެއްޓުނު އަންހެން މީހާ އައިސީޔޫގައި: އަދިވެސް ވީގޮތެއް ނުބުނޭ
މާލޭ, ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެން މީހާއަށް އަދިވެސް އައިސީޔޫގައި ފަރުވާ ދެމުން ދާއިރު މިކަން ހިނގި ގޮތް އަދިވެސް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 7:23 ގައި ކަމަށާއި ވެއްޓިފައި އޮތް ކުއްޖަކީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މި މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާގައާއި ރަށު ތެރޭގައި ގިނަ ގޮތްތޮތަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ. ޒުވާނުންތަކަކަށް ބޮޑެތި ތުހުމަތުތަކެއް ކޮށް, ސޯޝަލް މީޑިއާގައި އަންނަނީ ފޮޓޯތަކެއް ވެސް ދައުރު ކުރަމުންނެވެ. https://www.sun.mv/204959 ނަމަވެސް މިކަން ހިނގާދިޔަ ގޮތާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ. މި މައްސަލައާ ގުޅޭގޮތުން މިއަދު ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށާއި ނަމަވެސް މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ. ކުއްޖާގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އަންހެން މީހާއަށް ފަރުވާ ދެމުން މިހާރު އަންނަނީ އައިސީޔޫގައި އޮކްސިޖަންގެ އެހީގައި ކަމަށެވެ. މިދިޔަ ހުކުރު ދުވަހު އެ ހޮސްޕިޓަލުން ބުނެފައި ވަނީ އެ އަންހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ޒުވާން އަންހެނަކު އުސް އިމާރާތަކުން ވައްޓާލީ ކަމަށް އެއްބަޔަކު ތުހުމަތު ކުރާއިރު މިކަމުގެ ހަގީގަތް ނޭނގޭތީ ވެސް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ