ރައީސް މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާތަކުގައި ނެންގެވި ޕޯލްތަކުގައި، 2000ގެ ޖީލުން ތާއީދު ފެށިގެން ދުންފަތް މަނާކުރުމަށް ލިބުނު ނަމަވެސް އެ ގޮތަށް ކެބިނެޓުން ނުނިންމީ އޭރަށް ނަތީޖާއެއް ނުނެރެވޭނެ ކަމަށް ގަބޫލުކުރާތީ ކަމަށް އެ މަނިިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އާންމުންގެ ހިޔާލު ހޯއްދެވުމަށް ރައީސް މުއިއްޒުގެ ރަސްމީ ފޭސްބުކް ޕޭޖުންނާއި އެކްސް އެކައުންޓްގައި ވެސް ޕޯލެއް ނެންގެވި އެވެ. ތިން އިހުތިޔާރެއް ދެއްވާފައި ނެންގެވި ޕޯލްތަކުގެ ނަތީޖާއަކީ:
ގިނަ ވޯޓު ލިބުނީ 1 ޖެނުއަރީ 2000 އިން ފެށިގެން އުފަންވި އަދި އުފަންވާ މީހުންނަށް ދުންފަތް މަނާކުރުމަށް
ދެން އެންމެ ގިނަ ވޯޓު ލިބުނީ 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވި އަދި އުފަންވާ މީހުންނަށް ދުންފަތް މަނާކުރުމަށް
އެންމެ މަދުން ވޯޓު ލިބުނީ 1 ޖެނުއަރީ 2004 އިން ފެށިގެން އުފަންވި އަދި އުފަންވާ މީހުންނަށް ދުންފަތް މަނާކުރުމަށް
ނަމަވެސް ކެބިނެޓުން މިދިޔަ އާދިއްތަ ދުވަހު ނިންމީ، ޕޯލްތަކުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނު އިހުތިޔާރު ކަމަށްވާ 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވި އަދި އުފަންވާ މީހުންނަށް ދުންފަތް މަނާކުރުމަށެވެ.
ތަފްސީލް - ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ރައީސް އޮފީހުން ގެނެސްދޭ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގިނަ ވޯޓު ލިބުނު ގޮތަށް ކެބިނެޓުން ފާސްނުކުރީ ރައްޔިތުންގެ ވޯޓަށް އިހުތިރާމު ނުކުރާތީ ނޫން ކަމަށެވެ.
އެ މަނިކުފާނު އަދި އެ މަނިކުފާނުގެ ކެބިނެޓު ވެސް ބެއްލެވީ ނަތީޖާ ނެރެން އެންމެ ރަނގަޅު ގޮތަކަށް ވާނެ ގޮތް ކަމަށެވެ. ޒުވާން އާބާދީގެ ވެސް ބޮޑު ބަޔަކު ދުންފަތުގެ ތެރެއަށް ވަދެފައިވާއިރު، ކެބިނެޓުން ބެލީ އެންމެ އަމަލީ ސިފައެއް ގެނެވޭނެ ގޮތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"މި އުޅެނީ ރައްޔިތުންގެ މައްޗަށް ކަމެއް މަޖުބޫރުކުރަން. ކަމެއް މަޖުބޫރުކުރަން ބަލާއިރު ބަލަން ޖެހޭނެ އޭގެ ސަބަބަކުން ބަޔަކަށް އުނދަގޫ ނުވާނެ ގޮތަކަށް އެ ކަން ކުރުން. އޭގެ އެންމެ ޕްރެޓިކަލް ގޮތް، އަމަލީ ގޮތުން ކުރެވޭ ވަރު ކަމެއް ކުރުން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ވަކި އުމުރެއް [ވަކި ޖީލެއް] ނޫން. އެންމެން ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުކުރަން. އެކަމަކު ކަމެއް ނިންމަން ވާނީ އޭގެ ނަތީޖާއެއް ނެރެވޭނެ ގޮތަކަށް. މެދު މިނުގެ ހައްލެއް މި ހޯދީ."
1 ޖެނުއަރީ 2007 އިން ފެށިގެން އޮތް ޖީލަށް ދުންފަތް މަނާކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ކެބިނެޓުން ޓައިމްލައިނެއް ކަނޑައެޅި އެވެ. އެ ކަނޑައެޅުމުގައި ވެސް ބެލީ ދުންފަތުގެ ތެރެއަށް ވަދެފައިވާ ގިނަ ޒުވާނުން ދުރުވާނެ ވަގުތު ދިނުމެވެ.
"ގާނޫނު ފާސްކުރާތާ ހަ މަސްދުވަހުން ފެށިގެން މަނާކުރާ ގޮތަށް ކެބިނެޓުން ނިންމާފައި އޮންނާނީ. އޭރަށް 18 އަހަރު ފުރިފައިވާ ކުދިންނަށް ވެސް ލިބޭނެ ހަ މަސް ދުވަސ.ް ދުންފަތުގެ ތެރެއަށް ވަދެފައި ހުރިއްޔާ އެއިން ދުރުވާން،" ރައީސް ވިދާޅުވި އެވެ.
ކެބިނެޓުން ކަނޑައެޅި ޓައިމްލައިނަށް އަމަލުކުރަންޏާ މި މަސް ނިމުމުގެ ކުރިން މަޖިލީހުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ފާސްކުރަން ޖެހޭނެ ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
ކެބިނެޓުން ނިންމީ 1 ނޮވެމްބަރު 2025ގައި ގާނޫނު ތަންފީޒުކުރަން ފެށުމަށެވެ.
ފަސްފަހަތް - މި ސަރުކާރުން ދުންފަތާ ދެކޮޅަށް ދަނީ ބޮޑެތި ނިންމުންތަކެއް ނިންމަމުންނެވެ. ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުމުން މަނާކޮށް، ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް އިތުރަށް ބޮޑުކޮށްފައި ވެސް ވެ އެވެ.
ގިނަ ވޯޓު ލިބުނަސް 2000ގެ ޖީލުން ފެށިގެން ދުންފަތް މަނާނުކުރީ ނަތީޖާ ނުނެރެވޭނެތީ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ