ރަޝިއާގެ އެއާ ބޭސްތަކަކަށް ޔޫކްރެއިނުން ޑްރޯން ހަމަލާއެއް ދީފި ރަޝިއާގެ އެއާ ބޭސްތަކަކަށް ޔޫކްރެއިނުން ޑްރޯން ހަމަލާއެއް ދީފި

ކީވް، ޔޫކްރެއިން (ޖޫން 2) - ރަޝިއާގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުގެ ތެރޭގައި އެ ގައުމުގެ އެއާފޯސްގެ ޖެޓުތައް އޮޕަރޭޓު ކުރާ އަސްކަރީ މަރުކަޒުތަކަކަށް ޔޫކްރެއިނުން ވަރުގަދަ ޑްރޯން ހަމަލާއެއް ދީފި އެވެ.
އެ ހަމަލާ ދިނުމަށް 117 ޑްރޯން ބޭނުންކުރި ކަމަށް ޔޫކްރެއިނުން ވަނީ ހާމަކޮށްފަ އެވެ. މި ހަމަލާ ދިނީ ރަޝިއާ ސަރަހައްދުގެ ތެރެއަށް ޑްރޯންތައް ވަގަށް ވެއްދުމަށް ފަހު އެވެ. އެސޯސިއޭޓެޑް ޕްރެސްއާ ވާހަކަ ދެއްކި ޔޫކްރެއިން އަސްކަރިއްޔާގެ އޮފިޝަލަކު ބުނި ގޮތުގައި މި ހަމަލާ ރޭވުމަށް ދޮޅު އަހަރު ހޭދަވި އެވެ. ހަމަލާ ސުޕަވައިޒް ކުރެއްވީ އެ ގައުމުގެ ރައީސް ޒިލެންސްކީ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެ ހަމަލާގައި ރަޝިއާގެ 41 އަސްކަރީ މަތިންދާބޯޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އޭގެ ތެރޭގައި އޭ-50، ޓީޔޫ-95 އަދި ޓީޔޫ-22 މަރުކާގެ ބޯޓުތައް ހިމެނެ އެވެ. ވައިގެ މިސައިލް އުފުލާ ރަޝިއާގެ އަސްކަރިއްޔާގެ މަތިންދާބޯޓުގެ 34 ޕަސެންޓު ބޯޓުތައް ހަލާކުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޔޫކްރެއިނުން ބުނާ ގޮތުގައި ރަޝިއާގެ އަސްކަރިއްޔާއަށް ލިބުނު ގެއްލުން ހަތް ބިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެ އެވެ. މި މަތިންދާބޯޓުތައް ޕާކުކޮށްފައި ހުރީ ރަޝިއާގެ ބޭސްތައް ހުރީ ޔޫކްރެއިންގެ ސަރަހައްދަށް ވުރެ 4،000 ކިލޯމީޓަރު ދުރުގަ އެވެ.
މި ހަމަލާ ދީފައި މިވަނީ ޔޫކްރެއިނާއި ރަޝިއާ އާ ދެމެދު ސުލްހައިގެ މަޝްވަރާތައް ފެށުމަށް އިސްތަންބޫލުގައި މިއަދު ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ