ރާއްޖޭގެ ގިނަ ބަޔެއްގެ ލޯބި ހޯއްދެވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ މަރާ ގުޅުވައިގެން އަދާލަތު ޕާޓީގެ ރައީސް އަދި މިދިޔަ ސަރުކާރުގެ ދާޚިލީ ވަޒީރު ޝައިހު އިމްރާން އަބްދުﷲ މިއަދު ބޮޑު ތުހުމަތެއް ފެންމަތި ކުރައްވައިފި އެވެ.
ޑރ. މަޖީދު އަވަހާރަވީ އުމުރުފުޅުން 55 އަހަރުގައި 22 މެއި 2018 ގައި ސްރީ ލަންކާގައި އެވެ. އެ މަރަށް މިހާރު ވަނީ ހަތް އަހަރުވެފައެވެ.
ރާއްޖޭގައި ތަޢުލީމް ފެތުރުމުގައި ހާއްސަކޮށް ދީނީ، ޝަރުޢީ ތަޢުލީމު އުނގަންނަވައިދެއްވައި، އެ ރޮނގުން ފޮތްތައް ލިޔުވައް ގިނަ ޚިދުމަތްތަކެއް ޤައުމަށްކޮށްދެއްވި އުސްތާޛެއްކަމަށްވާ ޑރ. ބާރީގެ ކުއްލި ވަކިވުމަކީ ދިވެހިންނަށް ލިބިގެންދިޔަ ފުން ހިތާމައެކެވެ. އަދި އެއީ ޤައުމަށް ގެއްލިގެންދިޔަ އަހުހުރި އެސެޓެކެވެ.
ސެއިޚް އަވަހާރަވިތާ 7 އަހަރާއި 22 ދުވަސްފަހުން މިދިޔަ ސަރުކާރުގެ ދާޚިލީ ވަޒީރުގެ މަގާމުގައި ހުންނެވި ސެއިޚް އިމްރާން މިވަނީ ސީރިއަސް ތުހުމަތެއް ފެންމަތިކުރަށްވާފައެވެ. މިއީ ގިނަ ބަޔަކަށް ސިހުން ގެނުވި ތުހުމަތެކެވެ.
''ޑރ ޢިަބްދުލްމަޖީދު ރަޙިމަހުالله ގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެއެވެ. އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ.'' ސެއިޚް އިމްރާން ވިދާޅުވެފަވެއެވެ.
ރާއްޖޭގެ ފުލުހުންގެ މުއައްސަސާގެ ބެލެނިވެރިއެއްގެ ގޮތުގައި ފަސް އަހަރު ހޭދަކުރައްވާފައިވާ ވަޒީރަކު، މިފަދަ ތުހުމަތެއް ފެންމަތިކުރަށްވާނީ އޭގައި ބޮޑު ބުރަދަނެއް ހުރެގެންކަމުގައި ގިނަ ބަޔަކު ދެކޭނެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ މިފަދަ ހީއެއްވެސް ކުރެވިގެން ނުވަތަ މައުލޫމާތެއް ލިބިގެން އިމްރާންގެ ވަޒީރުކަމުގައި މިކަމުގެ ތަހުގީގެއް ފަށާފައިވޭތޯއެވެ. މިހާރު ހުންނެވީ ވަޒީރުކަމުގައި ނޫންކަމުން އެއިރުގެ މިފަދަ ޚައްޞާޞް ވާހަކަ މިހާރު މިގޮތަށް ނުދެއްކެވޭނެތީ، އިމްރާނަށް މިކަން މި އިނގިވަޑައިގަތީ ވަޒީރުކަމުގެ ފަހުންތޯ ވެސް އެއީ ސުވާލެކެވެ. ކޮންމެއަކަށް މިކަމާއި އެތައް ބަޔަކު ތިބީ ކުއްލި ޝޮކެއްލިބި ސުވާލުތަކުގެ ކަނޑަކަށް ޣަރަގުވެފައެވެ.
ޑރ. މަޖީދުގެ މަރާއި ގުޅިގެން ސީރިއަސް ތުހުމަތެއް ކުރެވިގެން ދިވެހި ފުލުހުން ވެސް ނުވަތަ މަޖީދު އަވަހާރަވި ޤައުމު ލަންކާގެ ފުލުހުން ވެސް އެއްވެސް ތަޙްގީޤެއް ހިންގިކަމެއް މިހާތަނަށް ސާފުވެފައެއްނުވެއެވެ.
22 މެއި 2018 ގައި ޑރ. މަޖީދު އަވަހާރަވީ ބައްދަލުވުމަކަށް ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށް ސްޓްރޯކެއް ޖެހިގެން ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ. މަޖީދުގެ ތިން އޮޕަރޭޝަނެއް ވެސް އެ ހޮސްޕިޓަލްގައި ކުރިއެވޗެ. ފަހުން ވެންޓިލޭޓަރުގެ އެހީގައި ވެސް ފަރުވާދިނެވެ.
23 މެއި 2018 ގައި މަޖީދު ފަސްދާނުލާފައި ވަނީ އެދުވަހުގެ މެންދުރު ނަމާދަށް ފަހު، މަޖީދުގެ ބައްޕާފުޅުވެސް ސްރީލަންކާގައި އަވަހާރަ ވުމުން ފަސްދާނުލެވިފައިވާ ގަބުރުތުސްތާނު ކަމުގައިވާ ޖާވައްތަ ޖުމްއާ ގަބުރުސްތާނުގައެވެ.
އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. މަޖީދަކީ ތަފްސީރު އިލުމުން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޑރ މަޖީދަކީ ޤުރުއާނާގެ އިލްމު ފެތުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެއްވި އަދި ސިޔާސީ ދާއިރާގެވެސް ފާހަގަކޮށްލެވުނު ބޭފުޅެކެވެ. ކީރިތި ޤުރުއާނާއި މަރުކަޒު އުފެއްދުމުން އެ މަރުކަޒުގެ ފުރަތަމަ ރައީސްކަންވެސް ކުރައްވާފައިވަނީ ޑރ މަޖީދެވެ. ޑރ މަޖީދު އަވަހާރަވިއިރު އެމަނިކުފާނު ހުންނެވީ އަދާލަތު ޕާޓީގެ އިލްމެވެރިންގެ މަޖިލީހުގެ ރައީސްގެ މަގާމުގައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަވަހާރަވިތާ 7 އަހަރުފަހުން ޑރ. މަޖީދުގެ މަރާ ގުޅުވައިގެން އިމްރާން ސީރިއަސް ތުހުމަތެއް ފެންމަތިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ