ބޮޑުތަކުރުފާނު މަގުގެ އުތުރުބައިގައި ތާރުއަޅަން، 144 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް
މާލޭގެ ބޮޑުތަކުރުފާނުމަގުގެ އުތުރުބައިގައި، ހެންވޭރު ޓާމިނަލުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް ތާރު އަޅަން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާންސްޓަކްޗާ މިނިސްޓްރީން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. އެ މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް 830 މީޓަރުގައި ތާރު އަޅާނެ ކަމަށާއި 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. އެމްޓީސީސީގެ އެމްޑީ ސައުދީ ވާހަކަދައްކަވަނީ --- ފޮޓޯ/އެމްޓީސީސީ އެ ސަރަހައްދުގައި ތާރު އަޅައިނިމޭއިރު، ފެން ހިންދާ ނިޒާމެއް ވެސް ގާއިމުކުރެވޭނެތީ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެމްޓީސީސީއަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 144.5 މިލިއަން ރުފިޔާއަށް 455 ދުވަސްތެރޭ ނިންމާ ގޮތަށެވެ. އޭގެއިތުރުން، މި މަޝްރޫއުގެ ދަށުން ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ޑްރެއިނޭޖް ސާވިސް ލައިން އެޅުމާއި މަގު ބައްތިއާއި ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ. https://sun.mv/176525 މިދިޔަ އެމްޑީޕީ ސަރުކާރުގެ ފަހުކޮޅު ވެސް، އެ ސަރަހައްދުގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކުރަން ނިންމިއެވެ. އެކަމަކު، އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ