ފްރީޑަމް ފްލޮޓިލާއަށް ހުރަސްއެޅުމުން ސްޕެއިންގައި ހުންނަ އިސްރާއީލުގެ މަންދޫބު ހާޒިރުކޮށްފި

ޣައްޒާއަށް އެހީ ހިފައިގެން ދިޔަ, ފްރީޑަމް ފްލޮޓިލާއިން ހިންގާ މަލްދީން ޔޮޓު ހުއްޓުވި މައްސަލައިގައި, ސްޕެއިންގައި ހުންނަ އިސްރާއީލުގެ މަންދޫބު، އެ ގައުމުގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށްފިއެވެ. ސްޕެއިންގެ ދުވަހު ނޫސް އެލް ޕައިސް އާއި ބްރޯޑްކާސްޓަރު ކެޑޭނާ ސެރްއަށް މައުލޫމާތު ދެމުން އެ ވުޒާރާއިން ބުނީ މެޑްރިޑްގައި ހުންނަ އިސްރާއީލުގެ އެމްބަސީގެ ޗާޖް ޑި އެފެއާޒް ޑޭން ޕޮރާޒް ހާޒިރުކޮށްފައި ވަނީ އިސްރާއީލުގެ ސިފައިން ހިޞާރުކޮށްފައިވާ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރި މެޑްލީން ޔޮޓު ހިފަހެއްޓުމުންނެވެ. މެޑްލީންގައި ތިބި އެކްޓިވިސްޓުންގެ ތެރޭގައި ސްޕެއިންގެ އެކްޓިވިސްޓް ސާޖިއޯ ޓޮރިބިއޯ ވެސް ހިމެނެއެވެ. "މި ވުޒާރާއިން މިކަމުގައި ބައިވެރިވާ ސްޕެއިންގެ ރައްޔިތާއި އޭނާގެ އާއިލާއަށް އިސްރާއީލުގެ ޚާރިޖީ ވުޒާރާއާ ގުޅިގެން ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުން އެބަދޭ،" އެލް ޕައިސްއަށް މައުލޫމާތު ދެމުން ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. ޕޮރާޒް އަކީ ސްޕެއިންގައި ހުރި އިސްރާއީލުގެ އެންމެ މަތީ ދަރަޖައިގެ ޑިޕްލޮމެޓެވެ. މިއީ ތިން ހަފްތާގެ ތެރޭގައި ސްޕެއިން އިން އިސްރާއީލުގެ މަންދޫބު ހާޒިރުކުރި ދެވަނަ ފަހަރެވެ. އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި، ގުދުސްގައި ހުންނަ ސްޕެއިން ކޮންސިއުލޭޓް އޮފީހުގެ މުވައްޒަފުން ހިމެނޭހެން ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް ވަފުދަކަށް އަމާޒުކޮށް އިސްރާއީލުން ދިން ބަޑީގެ ހަމަލާ ކުށްވެރިކޮށް މެއި މަހުގެ 21 ވަނަ ދުވަހު ޚާރިޖީ ވުޒާރާއިން ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. ޣައްޒާއަށް ފޯރުކޮށްދިނުމަށް އެހީ ހިފައިގެންދިޔަ އެކްޓިވިސްޓުންގެ ޔޮޓު މަލްދީން ހިފަހައްޓައި އޭގައިތިބި ފަޅުވެރިން އިސްރާއީލުން ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ. ބާރަ އެކްޓިވިސްޓުން ހިމެނޭ އެ ޔޮޓުގައި އޭގެ ތެރޭގައި ސްވިޑެންގެ މަޝްހޫރު ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް، ޔޫރަޕިއަން ޕާލަމެންޓްގެ ފްރާންސް-ފަލަސްތީނުގެ މެމްބަރު ރީމާ ހަސަން، ޖަރުމަނުގެ ޔާސެމިން އަކާރު، ފްރާންސްގެ ބަޕްޓިސްޓް އަންޑްރޭ، ޕަސްކަލް މައުރިއެރާސް، ޔާނިސް މަހަމްދީ ހިމެނެއެވެ. މީގެ އިތުރުން ރެވާ ވިއާޑް، ބްރެޒިލްގެ ތިއާގޯ އަވިލާ، ތުރުކީގެ ސުއަބް އޮރްޑޫ، ސްޕެއިންގެ ސާޖިއޯ ޓޮރިބިއޯ، ނެދަލެންޑްސްގެ މާކޯ ވެން ރެންސާއި، ނޫސްވެރިއެއް ކަމަށްވާ އޮމާރު ފައިއާދު ހިމެނެއެވެ. ޣައްޒާގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އެހީގެ ސާމާނު ކަމަށްވާ، ތުއްތު ކުދިން ބޭނުންކުރާ ކިރާއި، ފުށް، ހަނޑޫ، ނެޕީ، އަންހެނުންގެ ސެނިޓައިޒާ ފެން ޑީސެލިނޭޝަން ކިޓް، އަދި ސިއްޙީ ސާމާނު ވެސް އެ ޔޮޓުގައި ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ