ޣައްޒާގައި އިސްރާއީލު ގާއިމުކުރާ އިންސާނީ އެހީގެ މެކޭނިޒަމްގައި ބައިވެރި ނުވާނަން: އދ.

އދ. މަޖިލިސް (29 މެއި 2025): ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ޣައްޒާގައި އިސްރާއީލު ގާއިމް ކުރަން އުޅޭ އިންސާނީ އެހީގެ މެކޭނިޒަމަކީ ޣައިރު ގާނޫނީ އެއްޗަކަށް ވާތީ އެކަމުގައި ބައިވެރި ނުވާނެކަމަށް އދ.އިން ބުނެފިއެވެ. ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ސަލާމަތީ މަޖިލީހުން ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި އދ.ން ފަލަސްތީނަށް ކަނޑައަޅާފައިވާ އިންސާނީ އެހީގެ މަންދޫބު ސިގްރެޑް ކާޚް ވިދާޅުވީ ޣައްޒާގައި އިސްރާއީލު ގާއިމް ކުރަން އުޅޭ އިންސާނީ އެހީގެ މެކޭނިޒަމަކީ އދ.ން ކަނޑައަޅާފައިވާ އިންސާނީ ހައްގުތަކާއި ހިޔުމަނިޓޭރިއަން ޕްރިންސިޕަލްސްތަކާ ފުށުއަރާ މެކޭނިޒަމަކަށްވާތީ އެކަމުގައި އދ. ބައިވެރި ނުވާނެ ކަމަށެވެ. އދ.ގެ އިންސާނީ އެހީގެ މަންދޫބު ކާޚް ވިދާޅުވިގޮތުގައި އިސްރާއީލު މަސައްކަތްކުރަނީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ކަންތައް ވެސް އަސްކަރީ އޮޕަރޭޝަނަކަށް ހަދާށެވެ. މިއީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ކަމެއްކަމަށްވާތީ އެކަމުގައި އިސްރާއީލަށް އެއްބާރުލުން ނުދޭނެކަމަށް ކާޚް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ބައިވެރިވި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ މަންދޫބުން ފިޔަވައި އެ ނޫން ގައުމުތަކުގެ މަންދޫބުންވަނީ އިސްރާއީލުން ޣައްޒާގެ ރައްޔިތުން ކާބޯތަކެތިން މަހުރޫމްކޮށް ބަނޑަށް ޖައްސަނީ އަސްކަރީ މަގްސަދުތައް ހާސިލް ކުރުމަށް ކަމަށް ތުހުމަތުކޮށް އިސްރާއީލު ކުށްވެރިކޮށް ވާހަކަ ދައްކާފައެވެ. އަދި ޣައްޒާގެ ރައްޔިތުންނަކީ އިސްރާއީލުގެ އިސްތިއުމާރާއި އަޅުވެތިކަމުގެ ދަށުގައި ތިބި ބަޔަކަށްވާތީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަކީ އިސްރާއީލުގެ ޒިންމާއެއްކަންވެސް ސަލަމާތީ މަޖިލީހުގެ ބައްދަލުވުމުގައި އިސްރާއީލަށް ހަނދާން ކޮށްދިނެވެ. ސަލާމަތީ މަޖިލީހުގެ މި ބައްދަލުވުމުން އިސްރާއީލަށް ގޮވާލާފައިވަނީ އެއްވެސް ޝަރުތަކާ ނުލައި ޣައްޒާގެ ރައްޔިތުންނަށް އދ. މެދުވެރިކޮށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ބާވަތްތައް ފޯރުކޮށްދިނުމަށެވެ. އދ.ން ފަލަސްތީނަށް ކަނޑައަޅާފައިވާ އިންސާނީ އެހީގެ މަންދޫބު ވިދާޅުވިގޮތުގައި އިސްރާއީލު ގެންދަނީ ޣައްޒާގެ ރައްޔިތުން ދިރިއުޅުމުގެ ހައްގުން މަހުރޫމް ކުރަމުންނެވެ. ބޮންއަޅައިގެންނާއި ކާބޯތަކެތީން މަހްރޫމް ކޮށްގެން ޣައްޒާގެ ރައްޔިތުން ޑަޒަން ޑަޒަނަށް މަރަމުންނެވެ. ނަމަވެސް އޭނާ ވިދާޅުވިގޮތުގައި ޣައްޒާގެ ރައްޔިތުންނަކީވެސް އެހެންމީހުން ފަދަ އިންސާނުންނެވެ. ޖަނަވާރުންނެއް ނޫނެވެ. އެެހެންކަމުން ޣައްޒާގެ އާންމުންނަށް މިވަރުގެ ބޮޑު އަނިޔާތަކެއް ހުއްޓުމެއް ނެތި ދިނުމަކީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އިސްރާއީލުން ގަސްދުގައި ޣައްޒާގެ އާންމުން ބަނޑަށް ޖައްސާތީ ދުނިޔޭގެ ފިއްތުންތައް އިސްރާއީލަށް މިހާރު ދަނީ ކުރިމަތިވަމުންނެވެ. ނަމަވެސް އެމެރިކާގެ ހިމާޔަތުގެ ސަބަބުން އިސްރާއީލަށް ދެވޭ އަދަބެއް އަދިވެސް ނެތެވެ. ދުނިޔޭގެ ގައުމުތަކުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް ކުރާ މުޒާހަރާތަކުގެ ސަބަބުން އިސްރާއީލަށްވަނީ ޑިޕްލޮމެޓިކް ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ. އަދި ދުނިޔޭގައި ބާކީވެ އެކަހެރިވެފައެވެ. ނަމަވެސް މިވަރުން އަދި އިސްރާއީލު މައިތިރި ނުކުރެވޭނެއެވެ. މައިތިރި ކުރެވޭނީ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެންނެވެ. މިއީ އެމެރިކާ އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާ ކުރާހާ ހިނދަކު ކުރެވޭނެކަމެއްނޫނެވެ. ޑިޕްލޮމެޓިކް ފިއްތުންތަކުން ސަލާމަތް ވުމަށްޓަކައި އިސްރާއީލުން ޣައްޒާގައި ގާއިމް ކުރަން އުޅޭ އިންސާނީ އެހީގެ މެކޭނިޒަމަކީ އެމެރިކާގެ ބައިވެރިވުމާއެކު ކުރާކަމެކެވެ. މިކަން ކުރަންއުޅެނީ އިސްރާއީލުގެ ކޮންޓްރޯލް އޮންނަ އަދި އެމެރިކާގެ ތާއީދު ލިބިފައިވާ މުއައްސަސާއަކުންނެވެ. ނަމަވެސް މިއީ އދ.ން ކަނޑައަޅާފައިވާ އިންސާނީ ހައްގުތަކާއި ހިޔުމަނިޓޭރިއަން ޕްރިންސިޕަލްތަކާ ފުށުއަރާ ގޮތަށް މަސައްކަތް ބައްޓަން ކޮށްފައިވާ މުއައްސަސާއެކެވެ. އަދި އިސްރާއީލަކީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާ ގާތިލު ކަމަށްވާތީ މިހާލަތުގައި އިސްރާއީލުގެ އަސްކަރީ ކޮންޓްރޯލް އޮންނަ ގޮތަށް ކާބޯތަކެތި ފޯރުކޮށްދިނުމަކީ އދ.ގެ ހިޔުމަނިޓޭރިއަން ޕްރިންސިޕަލްތަކާ ފުށުއަރާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ