ސީލައިފް އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމައިފި
ހުޅުމާލޭގައި އެޕާޓުމަންޓް ޔުނިޓްތަކެއް އެޅުމަށް ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހެދި އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ. ހުޅުމާލޭގައި 3،000 އެޕާޓްމެންޓް ޔުނިޓް ހެދުމަށް ސީލައިފާއެކު އެއްބަސްވުން ހެދީ މާރިޗް 13، 2014ގައެވެ. ނަމަވެސް ސީލައިފްއިން އެއްބަސްވުމާ ޚިލާފުވެ، ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނެގި ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވެއެވެ. އެ މައްސަލައިގައި، އެޗްޑީސީން ސީލައިފާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރީ ޑިސެމްބަރު 24، 2018ގައެވެ. އެ އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާއި ގާނޫނާ ޚިލާފަށް ކަމުގައި ކަނޑައަޅައިދިނުމަށް އެދި، ސީލައިފްގެ ފަރާތުން އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓު ހުޅުމާލޭ ޑިވިޝަނަށް މައްސަލައެއް ހުށަހެޅިއެވެ. މި މައްސަލައިގެ ތެރެއިން ސީލައިފްގެ ފަރާތުން އެދިފައިވަނީ އެއްބަސްވުން ބާތިލުކުރި ކުރުމާ ގުޅިގެން އެފަރާތަށް ގެއްލުމުގެ ބަދަލު ދިނުމަށް، އެޗްޑީސީގެ މައްޗަށް އަމުރުކުރުމަށެވެ. މިއަދު އެ މައްސަލައިގައި ސިވިލް ކޯޓުން އަމުރުކުރީ، ސީލައިފް އެއްބަސްވުން އެޗްޑީސީން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމަށާއި އެކަމާ ގުޅިގެން އެއްވެސް ބަދަލެއް ސީލައިފަށް ދޭން ނުޖެހޭނެ ކަމަށެވެ. ސީލައިފް މައްސަލައިގައި، އެޕާޓުމެންޓު ވިއްކާނެ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައިފައިވެއެވެ. އެގޮތުން ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާއާއި ޑައުންޕޭމެންޓުގެ ގޮތުގައި ވެސް ބައެއް މީހުން ފައިސާ ދެއްކިއެވެ. އެ މައްސަލައިގައި 200އަށް ވުރެ ގިނަ މީހަކު ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުން، އެޗްޑީސީން އެ މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި، ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އެއްބަސްވުމެއް އެކުލަވާލިއެވެ. އެ އެއްބަސްވުމުގެ ދަށުން، ސީލައިފަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުންނަށް ހިޔާ ފުލެޓުތަކާއި ވިނަރެސް ފުލެޓުތައް ދީފައިވާ ކަމަށް މިދިޔަ އަހަރުގެ މާޗު މަހު އެޗްޑީސީގެ އެއިރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ ހިޔާ ޓަވަރުތަކުން ބާކީވި 60 ވަރަކަށް ފުލެޓާއި ވިނަރެސްގެ 130 ފުލެޓު އެ މީހުންނަށް ހަމަޖައްސައިދިން ކަމަށެވެ. https://sun.mv/200388 ސީލައިފްގެ ޚިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ