އެމެރިކާގައި އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރި ދަރިވަރުންގެ ތައުލީމީ ސެޓްފިކެޓްތައް ބާތިލުކޮށްފި
ވޮޝިންޓަން (15 މާޗް 2025): ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދިޔަ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ދެކޮޅު ހެދުމުގެ ގޮތުން އިސްރާއީލާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާކުރި އެމެރިކާގެ ކޮލަންބިއާ ޔުނިވާސިޓީގެ ބައެއް ދަރިވަރުން އެ ޔުނިވާސިޓީން ހާސިލްކުރި ސެޓްފިކެޓްތައް ބާތިލުކުރިކަން އެ ޔުނިވާސިޓީން އިއުލާނުކޮށްފިއެވެ. ކޮލަންބިއާ ޔުނިވާސިޓީން ނެރުނު ބަޔާނެއް ބުނާގޮތުން ޣައްޒާގެ ރައްޔިތުންގެ ހައްގުގައި މިދިޔަ އަހަރު އެ ޔުނިވާސިޓީގެ ދަރިވަރުން ޔުނިވާސިޓީގެ ކެންޕަސްގައި އިސްރާއީލާ ދެކޮޅަށް ކުރި ސުލްހަވެރި މުޒާހަރާތަކަކީ ޔަހޫދީންނާ ޖައްސާލުމުގެ އަމަލެކެވެ. ޔަހޫދީންނަށް ނަފުރަތު އުފެއްދުމުގެ މަގްސަދުގައި ކުރި މުޒާހަރާތަކެކެވެ. އެހެންކަމުން އެ މުޒާހަރާތައް އިންތިޒާމު ކުރުމުގައި އެކްޓިވިސްޓުންގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިވި ދަރިވަރުންގެ ތެރެއިން މިދިޔަ އަހަރު އެޔުނިވާސިޓީން ޑިގްރީ މާސްޓާސް އަދި ޕީއެޗްޑީ ފަދަ ދާއިރާތަކުގައި ގްރޭޖްއޭޓްވި ދަރިވަރުންގެ ސެޓްފިކެޓްތައް ބާތިލުކޮށް މިހާރު ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން އެ ޔުނިވާސިޓީން ވާނީ ބޭރުކޮށްލާފައެވެ. މިއީ އެމެރިކާގައި ހަރަކާތްތެރިވާ ބާރުގަދަ ޔަހޫދީ ޒަޔަނިސްޓް ލޮބީގެ ބާރުގައި އެމެރިކާ ސަރުކާރުން ކުރި ޕްރެޝަރުތަކާ ގުޅިގެން ކޮލަންބިއާ ޔުނިވާސިޓީން އެޅި ހަރުކަށި ފިޔަވަޅުތަކެއްކަމަށް މީޑީއާ ރިޕޯޓުތައް ބުނެއެވެ. ޣައްޒާގެ މައްސަލާގައި އިސްރާއީލާ ދެކޮޅަށް ކޮލަންބިއާ ޔުނިވާސިޓީގައި މިދިޔަ އަހަރު ބޭއްވި މުޒާހަރާތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ދަރިވަރު މަހްމޫދުއަލް ޚަލީލު ހައްޔަރުކޮށް އޭނާ އެމެރިކާއިން ބޭރުކޮށްލުމަށް ވެސް އެމެރިކާ ސަރުކާރުންވަނީ ނިންމާފައެވެ. ޚަލީލަކީ އެމެރިކާގެ ގްރީން ކާޑު އޮންނަ އަދި އެމެރިކާގައި އުޅުމުގެ ގާނޫނީ ބާރު ލިބިފައިވާ ދަރިވަރަކަށްވާތީ އޭނާ އެމެރިކާއިން ބޭރުކޮށްލުމަކީ ޣައިރު ގާނޫނީ ކަމެކެވެ. ނަމަވެސް އެމެރިކާގެ ފުލުހުން މިދިޔަ ހަފުތާގައި ވަނީ ޚަލީލް ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ އެމެރިކާގެ ދުސްތޫރުގައި ދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ސަބަބުން ކަމަށްވާތީ އެކަމާދެކޮޅަށް ޚަލީލުގެ ލޯޔަރުން އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހެޅިއެވެ. އެއާއެކު އެކޯޓުން ވަނީ ޚަލީލު ހައްޔަރުކުރުމާއި އޭނާ އެމެރިކާއިން ބޭރުކޮށްލުމަކީ ޣައިރު ގާނޫނީ ކަމެއްކަމަށްބުނެ އޭނާ މިނިވަންކުރުމަށާއި އޭނާ އެމެރިކާއިން ބޭރުކޮށް ނުލުމަށް ގޮވާލާ އަމުރެއް ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް ނެރެފައެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން އެ އަމުރު މިހާތަނަށް ވެސް ތަންފީޒުކޮށްފައެއް ނުވެއެވެ. އިސްރާއީލުން ހިންގާ ޓެރަރިޒަމާއި ލާއިންސާނީ ޖަރީމާތައް ހިމާޔަތް ކުރުމަށްޓަކައި އެމެރިކާއާއި ޔޫރަޕުން ގެންގުޅޭ އުކުޅަކީ އިސްރާއީލުގެ ޖަރީމާތަކާ ދެކޮޅަށް ބަހެއް ބުނުމަކީ ނުވަތަ އިސްރާއީލުގެ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށް ޚިޔާލު ފާޅުކުރުމަކީ ޔަހޫދީންނާ ޖައްސާލުގެ އަމަލެއް ކަމުގައި ހެދުމެވެ. އަދި އެއީ ޔަހޫދީންނަށް ނަފުރަތު އުފެއްދުމުގެ ހޭޓް ސްޕީޗް އަކަށް ހެދުމުގެ އުކުޅެވެ. މިކަމުގެ ބޭނުމަކީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އުފުލާ އަޑުތައް އެއްކޮށް ކަނޑުވާލުމެވެ. ނަމަވެސް ތޮށިގަޑު ފަޅާލާފައި މިކަމާދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ އެތަށް ލައްކަ ބަޔަކު މިދިޔަ އަހަރުވަނީ މަގުތަކަށް ނުކުމެ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ޓެރަރިޒަމާއި ނަސްލު ނައްތާލުމާއި ގަތުލުއާންމުތަކާ ދެކޮޅަށް އަޑުއުފުލާފައެވެ. މި މުޒާހަރާތައް ހުއްޓުވުމަށް އެމެރިކާއާއި ޖަރުމަނުފަދަ ގައުމުތަކުގައި ފުލުހުންވަނީ އިންތިހާއަށް ބާރުގެ ބޭނުންކޮށް އެތަށް ބަޔަކު ހައްޔަރުކޮށް އަނިޔާކޮށްފައެވެ. އެމެރިކާގެ ޔުނިވާސިޓީތަކުގައި އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރުމުން އެމެރިކާގެ ފުލުހުން ވަނީ ހަތިޔާރާއެކު ޔުނިވާސިޓީތަކުގެ ކެންޕަސްތަކަށް ވަދެގަނެ ދަރިވަރުންނަށް ލަޓިބުރިން ހަމަލާދީ އަނިޔާކޮށް ކަރުނަ ގޭސް ބޭނުންކޮށް އެމީހުން ހައްޔަރު ކުރުންފަދަ އެތަށް އަމަލުތަކެއް ހިންގާފައެވެ. އެމެރިކާގެ ގާނޫނު އަސާސީގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޕްރެކްޓިސް ކުރުމުގެ ހައްގު ކަށަވަރުކޮށްދީފައި ވީނަމަވެސް އިސްރާއީލާ ޖެހުމުން މި ހައްގު ނުލިބޭކަމާ އަދި މިހައްގު ޕްރެކްޓިސް ކުރިޔަ ނުދޭކަމުގެ ހަގީގަތް މިހާރުވަނީ ދުނިޔެއަށް ހާމަވެފައެވެ. މީގެއިތުރުން އެމެރިކާގެ ހުރިހާ މުއައްސަސާތަކަކަށް ވެސް ޔަހޫދީންގެ ބާރާއި ނުފޫޒު ހިނގާ މިންވަރުވަނީ މުޅި ދުނިޔެއަށް ހާމަވެފައެވެ. ޣައްޒާގެ ހައްގުގައި މުޒާހަރާކުރި ދަރިވަރުންގެ ސެޓްފިކެޓްތައް ކެންސަލް ކުރުންފަދަ ހަރުކަށި ފިޔަވަޅުތައް ކޮލަންބިއާ ޔުނިވާސިޓީން އެޅުމުން އެކަމާ ދެކޮޅަށް ޔޫރަޕާއި އޮސްޓްރޭލިއާ އަދި ނިއުޒީލޭންޑް ފަދަ ގައުމުތަކުގެ ޔުނިވާސިޓީގެ ދަރިވަރުން ވަނީ އަޑުއުފުލައި އެމެރިކާ އާ ދެކޮޅަށް އެއްވުންތައް ބައްވަން ފަށާފައެވެ. މުޒާހަރާކުރި ދަރިވަރުންވަނީ އެމެރިކާގެ މި އަމަލުތަކަކީ އުތުުރު ކޮރެއާގެ އަމަލުތައްފަދަ އަމަލުތަކެއް ކަމަށް ސިފަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ