ޖަނަވާރު މިނިސްޓަރގެ ބުޅާ ގޯނިން ބޭރުވެއްޖެ!

ދޮގުހަދާ އޮޅުވާލުމުގައި މުއިއްޒު ސަރުކާރުގައި މީހަކަށް ދޫކުރާ މީހަކުނެތެވެ. މަގާމާއި ބާރަށްޓަކައި ރައްޔިތުންނަށް އޮޅުވާލުމުގައި ޖަނަވާރު މިނިސްޓަރ މަރިޔަބުވެސް އެންމެ ތަންފުކެއްވެސް ދެރައެއް ނޫނެވެ. ބުޅާ ހިޔަލުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި ދައްކާލި ގޮތް އެކަނިވެސް މަރިޔަބުމެންގެ ދޮގުވެރިކަމަށް ފުދެއެވެ. 
މާލޭގައިއުޅޭ ބުޅަލުގެ އުނދަގޫ ބޮޑުވެގެން ބުޅާ ހިޔާހެދުމަށް އެޗްޑީސީން ބިމެއް ހޯދައިގެން ހުޅުމާލޭގައި ކެޓް ޝެލްޓާ ހެދީ މާލޭ މޭޔަރ އާދަމް އާޒިމުގެ މިންނަތް މަސައްކަތުން މާލެ ސިޓީ ކައުންސިލުންނެވެ. ރެޔާއި ދުވާލު އެ މަސައްކަތްކުރީ ސިޓީ ކައުންސިލްގެ މުއައްޒަފުންނެވެ. ބުޅާ ހިޔާހެދުމަށް ކުރިހާ ހަރަދެއްކުރީ މާލެ ސިޓީ ކައުންސިލުންނެވެ.
ބުޅާ ފެސިލިޓީ ފުރިހަމަކޮށް ނިންމީ ބުޅާތައް ބެލެހެއްޓުމަށް އިތުރު ކަމެއް ކުރަން ނުޖެހޭހާ ފުރިހަމަކޮށެވެ. ބުޅާ ފެސިލިޓީ ނިމުމާއެކު ސަރުކާރުން ހިންގި ކާމިޔާބު މަސައްކަތެއްގެ ނަން ހޯދަން އަވަސް އަވަހަށް ރައީސް މުއިއްޒު އެތަން ހުޅުވާ އެތައް ބައިސާއެއް ކެނޑިއެވެ. ކާޅު ހާލި ހެދީމާ ކޮވެލި ބިސްއަޅާ އުސޫލުން އޮޅުހިޔާ (ބުޅާ ފެސިލިޓީ) ސަރުކާރުން ޖަހައިގަތީ ސިޓީ ކައުންސިލުން އެތަނަށް ބުޅާތައް ގެންދިއުމުގެ މަސައްކަތް ފެށިތަނާއެވެ. 
ޖަނަވާރު މިނިސްޓްރީއަށް އޮޅުހިޔާ ނެގިފަހުން އަހަރު ވެގެންދާއިރު މާލެތެރެއިން ބުޅާތައް ގެންދެވުނު ކަމަކަށް ނުވިއެވެ. ވާނީ އެހެންތާއެވެ. ބުޅާ ފެސިލިޓީއަކީ ވެސް ބައި އަޅައިގެން ކުރާ ބޮޑުވިޔަފާރިއަކަށް ހަދަން މުއިއްޒު ބޭނުމެވެ. ބުޅާ ފެސިލިޓީގެ ނަމުގައި އެތައް މިލިޔަން ރުފިޔާ ދަވާލެވޭ ގޮތަށް ނޫނީ ބުޅާ ފެސިލިޓީވެސް ހިންގޭ ކަމަކަށް ނުހަދާނެއެވެ. 
ޕްލޭނެއް ނެތޭ ބޭނުންވާ އެތައް ފެސިލިޓީއެއް ބުޅާ ހިޔާގައި ނެތޭ ބުނެ މިލިޔަނުން ހޭދަނުކޮށް މާލެތެރޭން ބުޅާތައް ނެގޭކަމަކަށް ނުވާނެއެވެ. ބުޅާ ފެސިލިޓީގެ ޕްލޭނެއް އޮތްކަން ހާމަކޮށްދީ ފެސިލިޓީގައި ގާއިމުކޮށްފައިވާ ހިދުމަތްތަކުގެ ވީޑިއޯ މާލެސިޓީގެ މޭޔަރ އެވަނީ އާއްމުކޮށްފައެވެ. ޕްލޭނެއްނެތޭ ހިދުމަތްދެވޭނެ ގޮތެއްނެތޭ ބުނެ ޖަނަވާރު މިނިސްޓަރ މަޖިލީހުގައި ހެދި ބޮޑު ދޮގުއެއޮތީ ފަޅާ އަރުވާލާފައެވެ. 
މުއިއްޒު ސަރުކާރުގެ އުސޫލަކީ ބަހަނައި ދައްކައިގެން ހިދުމަތްނުދީ ދައުލަތުގެ ފައިސާ ބައިއަޅައިެން ކައިފުރާލުމެވެ. މަކަރާ ހީލަތްހެދުމާ އޮޅުވާލުމުގައި ޖަނަވާރު މިނިސްޓަރުގެ ޖަނަވާރުކަން ވަކިން ކުޑަވާނެހެއްޔެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ