އިސްރާއީލަށް ހަތިޔާރު ވިއްކުމާ ދެކޮޅަށް މުޒާހަރާކުރުމުން ބެން އެންޑް ޖެރީގެ ފައުންޑަރު ހައްޔަރުކޮށްފި
އިސްރާއީލަށް އަސްކަރީ އެހީތެރިކަން ދިނުމާއި ޣައްޒާގެ އިންސާނީ ހާލާތާ ގުޅިގެން އެމެރިކާގެ ސެނެޓްގައި ކުރި މުޒާހާރާގެ ތެރެއިން ބެން އެންޑް ޖެރީސްގެ ކޯ ފައުންޑާ ބެން ކޯހެން ހައްޔަރުކޮށްފިއެވެ. ކޯހެންގެ މައްޗަށް ކުށުގެ ދައުވާ އުފުލާފައިވާއިރު، އިތުރު ހަ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށާއި އިތުރު ބޮޑެތި ދައުވާތަކެއް އުފުލާފައިވާ ކަމަށް އެމެރިކާގެ ކެޕިޓަލް ޕޮލިހާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. "ކޮންގްރެސްއިން ޣައްޒާގައި ނިކަމެތި ކުދިން މަރާލަނީ ބޮން ގަނެގެން. އަދި އެކަމުގެ އަގު ދައްކަނީ އެމެރިކާގެ މެޑިކޭޑްއަށް ކުޑަކުދިން ފޮނުވައިގެން،" އޭނާ ހައްޔަރުކުރީ ކީއްވެތޯ މީހަކު ސުވާލުކުރުމުން ކޯހެން ބުނެފައިވެއެވެ. ބެން އެންޑް ޖެރީސްއަކީ 1978 ވަނަ އަހަރު ކޯހެންއާއި ޖެރީ ގްރީންފީލްޑް އުފެއްދި ކުންފުންޏެކެވެ. އެ ކުންފުންޏަކީ އަބަދު ވެސް އިޖުތިމާއީ އަދި ސިޔާސީ މައްސަލަތަކުގައި އާންމު ސްޓޭންޑެއް ގެންގުޅޭ ކުންފުންޏެކެވެ. މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ ޔުނިލިވާއިން ވަނީ 2002 ވަނަ އަހަރު ބެން އެންޑް ޖެރީސް ގަނެފައެވެ. ނަމަވެސް، 2021 ވަނަ އަހަރު ދެ ކުންފުނީގެ ގުޅުން ގޯސްވީ ބެން ޖެރީސްގެ އުފެއްދުންތައް ހުޅަނގު އައްސޭރީގައި ވިއްކުން ހުއްޓާލިކަން އިއުލާނުކުރުމާ ގުޅިގެންނެވެ. ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ބެން އެންޑް ޖެރީސްއިން ގޮވާލުމުން އެ ގުޅުން މިދިޔަ އަހަރު ތެރޭގައި ވަނީ އިތުރަށް ގޯސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ