އިޓާލިއަން އޯޕަންގެ ފައިނަލުން ސިނާ އާއި އަލްކަރާޒް ޖާގަ ހޯދައިފި

އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުން އިޓަލީވިލާތުގެ ޔަނިކް ސިނާ އާއި ސްޕެއިންގެ ކާލޯސް އަލްކަރާޒް ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލުން މި މުބާރާތުގައި އެއް ވަނައަށް ސީޑު ކުރެވިފައިވާ ސިނާ ޖާގަ ހޯދީ ސެމީ ފައިނަލްގައި އެގާރަ ވަރަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޮމީ ޕޯލް އާ ބައްދަލުކުރި މެޗު ފަހަތުން އަރާ ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ވަރަށް ފަސޭހަ ކަމާއެކު އެކެއް ހަޔަކުން ކާމިޔާބު ކޮށްފައި ވަނީ ޕޯލްއެވެ. މި ސެޓު މިހެން ދިއުމާއެކު މި މެޗު ސިނާއަށް ގެއްލިދާނެކަމަށް ހީވެގެން ދިޔަ ނަމަވެސް ޖެހިގެން އައި ސެޓުގައި ސިނާގެ ފަރާތުން ފެނިގެންދިޔައީ މުޅިން ތަފާތު ކުޅުމެކެވެ. މި ގޮތުން ދެވަނަ ސެޓު ސިނާ ކާމިޔާބު ކޮށްފައިވަނީ ޕޯލްއަށް އެންމެ ގޭމްއެއްވެސް ކާމިޔާބު ކުރުމުގެ ފުރުސަތު ނުދީ ހައެއް ސުމަކުންނެވެ. އަދި ފަހު ސެޓު ސިނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ. މި ކާމިޔާބީ އާއެކު އުމުރުން 23 އަހަރުގެ ސިނާ މިވަނީ ބަލިނުވެ 26 މެޗު ހަމަކޮށްފައެވެ. އަދި މިއާއެކު ސިނާ މި ވަނީ 1976 ވަނަ އަހަރު އެޑްރިއާނޯ ޕަނާޓާ މި މުބާރާތް ކާމިޔާބު ކުރިފަހުން ފިރިހެން ސިންގަލްސް އިވެންޓް އިޓަލީވިލާތުގެ ކުޅުންތެރިއެއް ފުރަތަަމަ ފަހަރަށް ކާމިޔާބު ކުރުމުގެ ފުރުސަތު ތަނަވަސްކޮށްފައެވެ. މި މުބާރާތުގެ ފައިނަލްގައި އިޓަލީވިލާތުގެ ދެ ކުޅުންތެރިން ފެނިގެން ދިއުމުގެ ފުރުސަތު އޮތް ނަމަވެސް މި މުބާރާތުގައި ތިންވަނައަށް ސީޑު ކޮށްފައިވާ އަލްކަރާޒް ވަނީ ސެމީ ފައިނަލްގައި އެކަން ނިމުމަކަށް ގެނެސްފައެވެ. އެއީ އިޓަލީވިލާތުގެ ލޮރެންޒޯ މުސޭޓީ އާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު އަލްކަރަޒް ފަސޭހަ ކަމާއެކު ހައެއް ތިނަކުން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ވެގެންދިޔައީ އުނދަގޫ ސެޓަކަށެވެ. މި ގޮތުން މި ސެޓު ޓައި ބްރޭކަކަށް ގޮސް އަލްކަރާޒް ކުރި ހޯދީ ހަތެއް ހަތަރަކުންނެވެ. މިއާއެކު މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްގައި ވާދަކުރާނީ ސިނާ އާއި އަލްކަރާޒްއެވެ. މިއީ ފަހަކަށް އައިސް ފިރިހެން ޓެނިހުގައި އެންމެ ފާހަގަ ކޮށްލެވޭ އަދި ގިނަ ބަޔަކު އެ ކުރިމަތިލުމަކަށް އުންމީދު ކުރާ ކުރިމަތިލުމެކެވެ. އެހެން ކަމުން ވަރަށް ވާދަވެރި އަދި ބެލުންތެރިން ހިތްހަމަ ޖެހޭ ފައިނަލެއް ފެނިގެންދިއުމުގެ ފުރުސަތު މިފަހަރު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ