ގަލަސަތަރާއިގެ ކޯޗުގެ ނޭފަތުގައި ހިފުމުން މޮރީނިއޯ ތިން މެޗަށް ސަސްޕެންޑް ގަލަސަތަރާއިގެ ކޯޗުގެ ނޭފަތުގައި ހިފުމުން މޮރީނިއޯ ތިން މެޗަށް ސަސްޕެންޑް

އިސްތަންބޫލް، ތުރުކީ (އޭޕްރީލް 6) - ތުރުކީގެ ސުޕަ ލީގުގައި އެންމެ ފަހުން ކުޅުނު މެޗަށް ފަހު، ގަލަސަތަރާއިގެ ކޯޗު، އޮކާން ބުރުގެ ނޭފަތުގައި ހިފުމުން، ފެނަބާޗޭގެ ކޯޗު ހޯސޭ މޮރީނިއޯ ތިން މެޗަށް ސަސްޕެންޑް ކުރަން ނިންމައިފި އެވެ.
ޓާކިޝް ކަޕްގައި ގަލަސަތަރާއި އިން 2-1 އިން ފެނަބާޗޭ ބަލިކުރި މެޗަށް ފަހު، މޮރީނިއޯ އާއި އޮކާން ތިބީ މެޗު އޮފިޝަލުންނާ ވާހަކަ ދައްކާށެވެ. އެ ވަގުތު މޮރީނިއޯ ވަނީ ފުރަގަހުން ގޮސް، އޮކާންގެ ނޭފަތުގައި އަތްއަޅައިފަ އެވެ. އޮކާން ވަގުތުން ދަނޑުމައްޗަށް ވެއްޓި މޫނުމަތީގައި އަތް އަޅައިގެން އޮށޯތުމާ އެކު، މޮރީނިއޯ އެ ތަނުން ދުރުކުރި އެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ބެލެވުނީ، އެންމެ ހަރުކަށި އަދަބެއްގެ ގޮތުގައި، މޮރީނިއޯ އަށް 10 މެޗުގެ ސަސްޕެންޝަނެއް އަންނާނެ ކަމަށެވެ. އެކަމަކު، ތުރުކީގެ ފުޓްބޯޅައިގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ 7700 ޑޮލަރުން ޖޫރިމަނާކޮށް، މޮރީނިއޯ ތިން މެޗަށް ސަސްޕެންޑް ކުރުމަށެވެ. މި ގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ، މޮރީނިއޯ ރުޅިއަރުވާލުމުގެ ގޮތުން، އޮކާން ކުޅިވަރުގެ ރޫހާ ހިލާފަށް އަމަލުކޮށްފައިވާތީ އެވެ.
އެ މެޗުގެ ތެރެއިން، މޮރީނިއޯގެ އެސިސްޓަންޓް، ސަލްވަޓޯ ފޯޓީ، އިދިކޮޅު ޓީމުގެ ކުޅުންތެރިއަކާ ބޭއަދަބީ ބަހުން މުއާމަލާތުކޮށްފައިވާތީވެ، އޭނާ ހަތަރު މެޗަށް ސަސްޕެންޑްކުރި އެވެ.
މޮރީނިއޯއާ ދެކޮޅަށް މި ވަގުތު ގަލަސަތަރާއި އިން އެހެން މައްސަލައެއް ވެސް ކުރިއަށް އެބަގެންދެ އެވެ. އެއީ، ފެބްރުއަރީ މަހު މި ދެ ޓީމުން ކުޅުނު މެޗަށް ފަހު، މޮރީނިއޯ ނަސްލީ ތަފާތު ކުރުމަށް ބާރުއަޅާ ފަދަ ގޮތަކަށް ވާހަކަ ދެއްކި ކަމަށް ބުނެ، ގަލަސަތަރާއި އިން ކުރިއަށްގެންދާ މައްސަލަ އެކެވެ. މި ކަމާ ގުޅިގެން، މޮރީނިއޯގެ ފަަރާތުން އަންނަނީ ގަލަސަތަރާއިއާ ދެކޮޅަށް އަބުރުގެ ދައުވާގެ މައްސަލައެއް ވެސް ކުރިއަށްގެންދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ