ފާރިސް ވޯޓު ދިނީ ރަނގަޅަށް، ފިޔަވަޅު އަޅާކަށް ނުޖެހޭ: މައުމޫން

ތްރީ ލައިން ވިޕާ ހިލާފުވި މައްސަލާގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ފިޔަވަޅު އަޅަން ފޮނުވީ އިންސާފުގެ ހަމަތަކާއި އުސޫލުން ބޭރުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ފާރިސްގެ ބައްޕާފުޅު މައުމޫން މިހެން ވިދާޅުވީ ފާރިސް އަށް ފިޔަވަޅު އަޅައިދޭން އެދި ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ސުލޫކީ ކޮމެޓީ އަށް ފޮނުއްވި ސިޓީގެ ޖަވާބުގަ އެވެ.
ނިހާނަށް ފޮނުއްވި ސިޓީގައި މައުމޫން ވިދާޅުވީ މީގެ ކުރިން ވެސް ތްރީލައިން ވިފާ ބައެއް މެމްބަރުން ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު އެ މެމްބަރުންނާ ދޭތެރޭ ފިޔަވަޅު އަޅާފައި ނުވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"މީގެ ކުރިން، ތްރީ ލައިން ވިފް އާ ހިލާފުވެގެން މެމްބަރުންނާ މެދު ފިޔަވަޅު ނާޅުއްވައި ޕާލަމެންޓްރީ ގްރޫޕުގެ ވަކި މެމްބަރަކު ތްރީ ލައިން ވިޕާ ހިލާފުވީމާ ފިޔަވަޅު އަޅުއްވަން ސުލޫކީ ކޮމެޓީ އަށް ފޮނުއްވުމަކީ އިންސާފުގެ ހަމަތަކާއި އުސޫލްތަކާ ހިލާފަށް ކުރައްވާ ކަމެއް ކަމުގައި ދަންނަވަމެވެ،" މައުމޫންގެ ސިޓީގައިވެ އެވެ.
މައުމޫން ވިދާޅުވީ ފާރިސް ވޯޓު ދެއްވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އެންގެވި ގޮތަށް ކަމަށެވެ. އެހެންކަމުން އެއީ އޭނާއާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.
ފާރިސްއާ މެދު ފިޔަވަޅު އަޅަން ފޮނުވީ އިއުލާން ނުކޮށް ރަށްތައް ކުއްޔަށް ދޫކުރާ އިސްލާހު ފާސްކުރަން ވިޕްލައިން ނެރެފައި ވަނިކޮށް، އެ ނިންމުމާ ހިލާފުވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ހާޒިރުވެވަޑައިގެން އިންނަވައި ފާރިސް ވޯޓު ދެއްވީ ބިލް ފާސްކުރަން ނުފެންނަ ކަމަށެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިދިޔަ ހަފުތާގައި ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕުގެ ނިންމުމަކާ ފާރިސް ހިލާފުވެވަޑައިގަތުމަކީ ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށެވެ. އެ ގްރޫޕްގެ ނިންމުންތަކާ އެހެން މެމްބަރުން ވެސް ހިލާފުވެވަޑައިގަތުމުން ފިޔަވަޅު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ