ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
އެނގުން މުހިންމު - މިއީ ސެޕްޓެމްބަރު 2024 ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގަތް އަނޫރާ ރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތީ ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ.
ތަފްސީލު - މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލަންކާގެ ރައީސްއަށް އިސްތިގުބާލު ކުރެއްވީ ރައީސް މުއިއްޒު އެވެ. އަދި އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ގޮތުން މިއަދު މެންދުރުފަހު ބޭއްވި އިހުތިފާލުތަކުގައި:
ދެ ގައުމުގެ ގައުމީ ސަލާމް އިއްވި
ދިވެހި ސަގާފީ ނެށުމެއް ހުށަހަޅައިދިން
އެމަނިކުފާނަށް 21 ބަޑީގެ ސަލާމެއް އެރުވި
އެމަނިކުފާނުގެ ޝަރަފުގައި ގާޑް އޮފް އޮނާއެއް އެރުވި
އެ އިހުތިފާލްތަކަށް ފަހު ރައީސް އަނޫރާ ވަނީ ރައީސް އޮފީހަށް ވަޑައިގެން އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.
އަނޫރާގެ މި ދަތުރުފުޅުގައި، ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ މަޝްވަރާތަކާއި ލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި ނިންމެވި ނިންމެވުންތަކުގެ މައްޗަށް ބިނާކޮށް، ދެ ބޭފުޅުން ގުޅިގެން ބަޔާނެއް ވެސް ދެއްވާނެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރާއްޖެ އާއި ސްރީ ލަންކާގެ ހާރިޖީ ގުޅުމަށް މިއަހަރު 60 އަހަރު ވަނީ ފުރިފަ އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރީ ރާއްޖޭގެ މިނިވަން ދުވަހު، 26 ޖުލައި 1965 ގައެވެ.
ލަންކާގެ ރައީސަށް 21 ބަޑީގެ ސަލާމަކުން މަރުހަބާ ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ