އާރްޓީއެލްގެ ލޯގޯއިން ރީނދޫކުލަ އުނިކޮށްފައިވާކަމަށް ބުނެ ފާޑުކިޔަނީ

ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅައިލުމަށް މިދިޔަ ސަރުކާރުގައި ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ލޯގޯއިން ރީނދޫ ކުލަ އުނިކޮށްފި ކަމަށް ބުނެ މީހުން ފާޑުކިޔަން ފަށައިފިއެވެ. އާރުޓީއެލްގެ ދަށުން ބަހުގެ ޚިދުމަތާއި ފެރީގެ ޚިދުމަތް ދެއެވެ. މި ޚިދުމަތް ފެށިއިރު އާރުޓީއެލްގެ ލޯގޯގައި ހުންނަނީ ރީނދޫ ކުލައާއި ގަދަ އަދި މަޑު ނޫކުލައެކެވެ. އާރުޓީއެލް ފެރީތަކާއި ބަސްތަކުގައި ވެސް މި ލޯގޯއާއި ކުލަތައް ހުރެއެވެ. ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށިއިރު ނަގާފައިވާ ފޮޓޯއެއް ---- އާރުޓީއެލް ފެރީގެ ޚިދުމަތް މިއަދު ބ. އަތޮޅުގައި ފަށާކަން އިއުލާނު ކުރުމަށް މި ޚިދުމަތްދޭ އެމްޓީސީސީން އިއްޔެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރިއެވެ. މި ޕޯސްޓުގައި ފެންނަ ގޮތުން ނަމަ، ފެރީގައި ހުރި ލޯގޯގައި ރީނދޫކުލައިގެ ބަދަލުގައި ބޭނުންކޮށްފައި ވަނީ އަޅިކުލައެވެ. މިއީ ކިހިނެތް ގެނައި ބަދަލެއްކަމެއް އަދި ސާފެއް ނުވެއެވެ. އާރުޓީއެލްގެ ލޯގޯ ރަސްމީކޮށް ބަދަލުކުރިކަން މިހާތަނަށް އިއުލާނުކޮށްފައެއް ވެސް ނުވެއެވެ. ބ އަތޮޅުގައި އާރްޓީއެލް ޚިދުމަތް ދިނުމަށް އެމްޓީސީސީން ފޮނުވި ފެރީ -- ފޮޓޯ/ އެމްޓީސީސީ މިކަމާ ގުޅިގެން ސުވާލުކުރުމަށް އެމްޓީސީސީއަށް ގުޅުމުން ޖަވާބު ނުދޭތީ މި މައުލޫމާތު ސާފުވާގޮތެއް އަދި ނުވެއެވެ. https://x.com/MTCCPlc/status/1949500545900728498 މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެމްޑީޕީ ސަރުކާރުގެ ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ވަނީ، ގައުމީ މަޝްރޫއެއްގެ ގޮތުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ކަމަށާއި ލޯގޯގެ ކުލަތައް ބަދަލު ކުރިޔަސް އެކަން ބަދަލެއް ނުކުރެވޭނެ ކަމަށެވެ. https://x.com/AslamAslamtey/status/1949838364192174529 "މީގެ އޮރިޖިނަލް ކުލައަކީ ބްރޭންޑުގެ ބައެއް،" އޭނާ ލިޔުއްވާފައި ވެއެވެ. އާރުޓީއެލް ފެރީ ޚިދުމަތުގެ ނިޒާމުގެ ދަށުން ޅ. އަތޮޅާއި، ނ. އަތޮޅާއި، ރ. އަތޮޅުގައި ވެސް މިހާރު އެ ޚިދުމަތް އެބަދެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ބ. އަތޮޅުގައި އެ ޚިދުމަތް ފެށުމާއެކު ޒޯން ދޭއްގެ ޚިދުމަތް އެއްކޮށް ފުރިހަމަވީ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޒޯން ދޭއްގައި ހިމެނޭ ހަތަރު އަތޮޅު ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މި ޚިދުމަތް ދެނީ ތިން ފިޔަވައްސެއް ހިމެނޭ ގޮތަށް ހަ ސަރަހައްދަކަށް ބަހާލައިގެންނެވެ. މި ޚިދުމަތުގެ މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު، ކުޑަ އަގެއްގައި އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ