72 ކިލޯގެ ޑްރަގް މައްސަލަ: ކުށް ސާބިތުނުވި ހުކުމުގެ ރިޕޯޓް ލަހުން ދިނުމުން އިސްތިއުނާފްކުރުން ލަސްކޮށްދީފި

ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރި ކަމަށް ބުނާ މައްސަލާގައި ދައުވާ އުފުލި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ ރިޕޯޓް ދިނުން ލަސްވުމުން އެ ހުކުމް އިސްތިއުނާފުކުރުމަށް ލިބޭ މުއްދަތު އިތުރުކޮށްދީފި އެވެ.
މައްސަލައިގެ ފެށުން - މިއީ ޑިސެމްބަރު 2020ގައި 'މަސްޖަރީ 2' ނަމަކަށް ކިޔާ ދޯންޏެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކްކުރި ކަމަށް ބުނާ މައްސަލައެކެވެ. ފުލުހުން ކަނޑުމަތީގައި ހިންގި ދިގު އޮޕަރޭޝަނަކަށް ފަހު، އެ މަސްތުވާތަކެތި އަތުލައިގަތީ މާލޭގައި އޮތް ކާރަކުންނެވެ.
މި މައްސަލާގައި ދައުލަތުން 10 މީހެއްގެ މައްޗަށް ފުރަތަމަ ދައުވާ އުފުލި އެވެ. ނަމަވެސް އެއިން ހަތް މީހެއްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސް ކްރިމިނަލް ކޯޓުން ފަހުން ޝަރީއަތް ހިންގީ ތިން މީހެއްގެ މައްސަލަ އެވެ.
ޑައިމޯފިންގެ ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިގެން ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގި ތިން މީހުންނަކީ:
އިރުފާން ތަގިއްޔު، ދޭލިޔާގެ/އައްޑޫ ހުޅުދޫ
އަހްމަދު ނަސީރު، އަނބުގަސްދޮށުގެ/ދ. މާއެނބޫދޫ
މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީ
ވީ ކިހިނެއް؟ - ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އޭގެ ތިން މަސް ފަހުން މިދިޔަ އޭޕްރީލްގަ އެވެ. އޭގެ ފަހުން ވެސް މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ތަފްސީލް - މައްސަލަ އިސްތިއުނާފުކުރުން ލަސްވަނީ ހުކުމުގެ ރިޕޯޓް ދަށު ކޯޓުން ލިބުން ލަސްވުމުންނާއި ކުރަން ޖެހޭ ދިރާސާތައް ގިނަވުމުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެގޮތުން:
ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ލަހުން ދޫކޮށްފި ނަމަ، ރިޕޯޓް ލިބޭ ތާރީހުން ފެށިގެން އިސްތިއުނާފު ކުރަން ލިބޭ މުއްދަތު ގުނޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކޮސްފައިވޭ
މި މައްސަލާގައި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ދަށު ކޯޓުން ދޫކުރި ތާރީހުން ފެށިގެން އިސްތިއުނާފުގެ މުއްދަތު ގުނާ ގޮތަށް މުއްދަތު އިތުރުކޮށްދޭން ޕީޖީ އޮފީހުން ހުށަހެޅުމުން އެ ގޮތުގެ މަތީން ވަނީ އިތުރުކޮށްދީފައި
ޕީޖީ އޮފީހުން ބުނި ގޮތުގައި މައްސަލަ އިސްތިއުނާފުކުރުމުގެ މުއްދަތު މިހާރު ހަމަވަނީ އަންނަ 31 ޖުލައިގައި
އެނގުން މުހިންމު - ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހުސާން މައްސަލަ ބެއްލެވުމަށް ފަހު، ޖެނުއަރީ މަހު ކުރެއްވި ހުކުމުގައިވަނީ:
ވީޑިއޯ އެންޑް އިމޭޖު އެނަލިސިސް ރިޕޯޓްގައި އަކްރަމްގެ ފޮޓޯ ކަމަށް ބުނެ ހިމެނިފައިވަނީ އަހުމަދު ވިޝާމް، އެލެކްސް/ރ. އިނގުރައިދޫގެ ފޮޓޯއެއް؛ އެއީ މުޅި ރިޕޯޓްގެ އިތުބާރު ގެއްލޭނެ ފަދަ ގޯހެއް؛ ވިޝާމްގެ ދައުވާ ވަނީ އަނބުރާ ގެންގޮސްފައި
އިންތިޒާމުވެގެން ސިއްރުން ހިންގާ ޖިނާއީ ބޮޑެތި ކުށްތަކުގައި އެންމެ މުހިންމު ހެއްކަކަށް ވާނީ ވީޑިއޯ އެންޑް އިމޭޖު އެނަލިިސިސް ރިޕޯޓް؛ އޭގައި މީހާ ދެެނަގެތުމުގެ މަރުހަލާގައި ހަދާ ގޯހުގެ ސަބަބުން ކުށް ސާބިތުކުރެވޭނެ ހެއްކެއް ގޮތަށް އެ ހެކި ނުބެލެވޭނެ
ކޯލް ޗާޓުތައް ތައްޔާރުކުރި މީހެއް ނޭނގޭ؛ އޭގައި ބަޔާންކުރާ ނަންބަރުތަކުގެ ވެރިފަރާތުގެ މައުލޫމާތާއި ކޯލްތަކުގެ ތަފްސީލާއި ސެލް ލޮކޭޝަންގެ މައުލޫމާތު ހޯދަން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ މައްޗަށް ރައްދުވާނެ ގޮތަށް ކޯޓު އަމުރުތައް ހޯދިކަން ވެސް ސާފެއް ނުވޭ
އިންޓެލިޖެންސް ރިޕޯޓްތަކުގެ ސައްހަކަމާއި އިޖުރާއަތްތައް ފުރިހަމަކޮށްގެން އެއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަން ސާބިތުކުރުމަށް އެއްވެސް ޝަފައީ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާތީ އެއިން ކަމެއް ކަށަވަރުވާ ގޮތެއް ނުވި
މޯބައިލް ފޮރެންސިކް ރިޕޯޓްތަކުގައި ވެސް ހާދިސާއާ ގުޅޭ ވާގިއާއެއް ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ
އިރުފާން އަކީ އަކްރަމްގެ ގެ ބަލައިފާސްކޮށް ހެކީގެ ގޮތުގައި ބުނާ ތަކެއްޗާއި މައްސަލާގައި ހިމެނޭ ކާރުން ފެނުނު މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ މާއްދީ ރުކުން އަދި މައުނަވީ ރުކުން ސާބިތު ކުރުމަށް ގުޅުވައިލެވޭ ގޮތެއް ދައުލަތަށް ބުނެ ނުދެވޭ
'މަސްޖަރީ-2' ދޯނިން 'ތުރާޔާ' ބްރޭންޑްގެ ސެޓެލައިޓް ފޯނެއް ފެނި އިރުފާންގެ ގެއިން އެ ބްރޭންޑްގެ ފޯނުގެ ހުސް ފޮށިގަނޑެއް ފެނުނަސް ދޯނިން މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުކުރަން ޖެހޭނެ؛ އެކަން ދައުލަތަކަށް ސާބިތެއް ނުކޮށްދެވޭ
މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުވާ ކުރިއަށް ގެންދާ މީހުންގެ ތެރެއިން އަކްރަމަކީ މަސްތުވާތަކެތި ފެނުނު ކާރުގެ ވެރިފަރާތެވެ.
އަހުމަދު ނަސީރަކީ މި މަސްތުވާތަކެތި މަސް ދޯނިން ބޭލުމަށް ފަހު، މާލެއަށް ގެނައި ކަމަށް ބުނާ ލޯންޗު ދުއްވި މީހާ އެވެ.
އިރުފާންގެ މައްޗަށް ތުހުމަތުކުރަނީ މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ