މޯލްޑިވްސް ޖޫނިއާ އޯޕަންގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބާއްވަނީ މޯލްޑިވްސް ޖޫނިއާ އޯޕަންގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބާއްވަނީ

ރާއްޖޭގެ ބެޑްމިންޓަން ކުރިމަގަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ގޮތަކަށް މޯލްޑިވްސް ޖޫނިއާ އޯޕަންގެ ނަމުގައި، ބެޑްމިންޓަން މުބާރާތެއް އިއުލާނުކޮށްފި އެވެ.
ކުރީގެ ސްޕޯޓްސް މިނިސްޓަރު، އަހުމަދު މަހުލޫފް، ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ، ބެޑްމިންޓަނަށް ހިތުގައި އޮންނަ ހާއްސަ ޝައުގުވެރިކަމެއްގެ ސަބަބުން، ދި ބެޑްމިންޓަން ކްލަބްގެ ނަމުގައި، ޖަމިއްޔާއެއް ރަޖިސްޓްރީކުރުމަށް ފަހު، މުޅި ރާއްޖޭގެ ބެޑްމިންޓަން ޑިވެލޮޕްމަންޓަށް ފުރުސަތުތަކެއް ހޯދައިދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ގޮތުން، ދި ބެޑްމިންޓަން ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ގުޅިގެން ބާއްވާ "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" ކުރިއަށްދާނީ، ސެޕްޓެމްބަރު މަހު 1-6 އަށް ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގަ އެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށް އިއުލާނުކޮށްފައިވާއިރު، ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުޅޭ މި މުބާރާތުގައި އޯޕަން ކެޓަގަރީ އާއި ޕެރަ އެންޑް ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ ވެސް އޮންނާނެ އެވެ.
އޯޕަން ކެޓަަގަރީގެ އިތުރުން، މުބާރާތް ދެން ކުޅޭނެ އުމުރުފުރާތަކަށް ބަލާއިރު، 9، 11، 13، 15، 17 އަދި 19 އަހަރުން ދަށް ހިމެނެ އެވެ. އޯޕަން ކެޓަގަރީ އާއި ޕެރަ/ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ އޮންނާނީ ސެޕްޓެމްބަރު އެއް ވަނަ ދުވަހާއި ދެ ވަނަ ދުވަހު އެވެ. އަދި، ޖޫނިއާ އޯޕަން އުމުރުފުރާގެ ބައިތަށް ކުރިއަށްދާނީ ސެޕްޓެމްބަރު 3-6 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ