މޫސުން ގޯސްވުމުގެ ސަބަބުން ހިނގި ކަނޑުމަތީގެ ހަތް ހާދިސާއެއް އެމްއެންޑީއެފަށް ރިޕޯޓުކުރި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވެފައިވާ މި ދުވަސްވަރު، ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރެޔާއި ހަމައަށް ރިޕޯޓުކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މި ހާދިސާތައް ރިޕޯޓުކޮށްފައިވަނީ ޖުލައި 10 ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން އެދުވަހުގެ ރޭ މެންދަމު 2:00 އާ ހަމައަށެވެ. ރިޕޯޓުކޮށްފައިވާ ހާދިސާތަކުގެ ތެރޭގައި ހިމެނެނީ:
ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި ޑިންގީއެއްގައި ހުރި މީހަކު ގެއްލުނު ކަމުގެ ހާދިސާ ރިޕޯޓުކޮށްފައިވެއެވެ. މި މީހާ އަދިވެސް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ.
ރ.އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުނު ކަމުގެ ރިޕޯޓެއްވެސް އެމްއެންޑީއެފަށް ލިބިފައިވެއެވެ. ނަމަވެސް މި މީހާ ވަނީ ފަތާފައި ރ.ދުވާފަރަށް އަރާ ސަލާމަތްވެފައެވެ.
އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު އުޅަނދު ވަނީ އެހެން އުޅަނދެއްގައި ކަފު ޖަހައިގެން މާލެ އައުމަށް ގެނެސްފައެވެ.
22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.ދަރަވަންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ސަފާރީ ވަނީ ސަލާމަތްތެރިކަމާ އެކު ޖުލައި 10ވަނަ ދުވަހުގެ 22:23 ހާއިރު ބ.ދަރަވަންދޫއަށް ވަދެފައެވެ. މި ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.
ކ.ގިރިފިނޮޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި ލޯންޗުގައި ތިބި ހަތަރު މީހުން ވަނީ ޖުލައި 11ވަނަ ދުވަހުގެ 00:05 ގައި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ 110 ނަންބަރު ލޯންޗުގައި ކ.ހިންމަފުއްޓަށް ގެންގޮސްފައެވެ.
މ.އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯނި އަދި ފެނިފައިނުވާ އިރު، ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.
8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަން އެކްސްޕްރެސް" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓު، ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ އަޑިއަށްގޮސްފައިވާ އިރު، އެ ބޯޓުގައި ތިބި އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު ޖުލައި 10ވަނަ ދުވަހުގެ 22:52 ހާއިރު މާލެ ގެނެސްފައެވެ. މި މީހުން މާލެ ގެނެސްފައި ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113ގައެވެ.
ހަތް މީހުންނާ އެކު މަހަށް ނިކުތް ތ.ވިލުފުށީ "ވިލުރޯދި" ނަމަކަށްކިޔާ ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް އިއްޔެ ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ޖުލައި 11 ވަނަ ދުވަހުގެ ދަންވަރު އެ ދޯނީގައި ތިބި ފަޅުވެރިންނާ ގުޅި، ސަލާމަތްތެރިކަމާ އެކު ދަންވަރު 02:00 ހާއިރު ދޯނި ތ.ވިލުފުއްޓަށް ވަދެފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވާ ދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެފަދަ ކަނޑުމަތީގެ ހާދިސާއެއް ދިމާވިޔަސް ލަސްނުކޮށް ކޯސްޓްގާޑުގެ ހޮޓްލައިން 191 އަށް ގުޅުމަށް އިލްތިމާސް ކުރައްވައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ