ޖައްވީ ދިރާސާތަކަށް ޚާއްސަ ބައިނަލްއަޤްވާމީ ޖަމިއްޔާއެއް ޗައިނާއިން އިފްތިތާހުކޮށްފި

ޖައްވީ ދިރާސާތައް ކުރުމުގެ ދާއިރާއިން ބައިނަލްއަޤްވާމީ ގޮތުން އެއްބާރުލުން އިތުރުކުރުމުގެ މަޤްސަދުގައި، "އިންޓަނޭޝަނަލް ޑީޕް ސްޕޭސް އެކްސްޕްލޮރޭޝަން އެސޯސިއޭޝަން (އައިޑީއެސްއީއޭ)" ގެ ނަމުގައި އިލްމީ ޖަމިއްޔާއެއް ޗައިނާއިން އިފްތިތާޙްކޮށްފިއެވެ. ޗައިނާގެ ދައުލަތުގެ ޚަބަރުފަތުރާ އިދާރާ، ޝިންހުއާއިން ރިޕޯޓްކުރާ ގޮތުގައި، މި ޖަމިއްޔާ އިފްތިތާހުކޮށްފައިވަނީ ހޯމަ ދުވަހު، އަންހުއި ޕްރޮވިންސްގެ ވެރިރަށް ހެފެއިގައެވެ. މި ޖަމިއްޔާ އުފައްދާފައިވަނީ ހެފެއިގައި ހުންނަ ޑީޕް ސްޕޭސް އެކްސްޕްލޮރޭޝަން ލެބޯޓްރީ، ޗައިނާ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަންގެ ދަށުން ހިންގާ ލޫނާ އެކްސްޕްލޮރޭޝަން އެންޑް ސްޕޭސް ޕްރޮގްރާމް ސެންޓަރު، އަދި ޗައިނާގެ އެހެނިހެން ޖައްވީ އިދާރާތަކާއި ފްރާންސްގެ "ޕްލެނެޓަރީ އެކްސްޕްލޮރޭޝަން، ހޮރައިޒަން 2061" އިނީޝިއޭޓިވް ގުޅިގެންނެވެ. މީގެ އިތުރުން ޗައިނާގެ 20 އެކަޑެމިޝަނުންނާއި ބައިނަލްއަޤްވާމީ 31 ސައިންސްވެރިން މިކަމުގައި ބައިވެރިވެފައިވެއެވެ. ޖަމިއްޔާގެ ފުރަތަމަ ޗެއާމަންގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ ޗައިނާގެ ލޫނާ ޕްރޮގްރާމުގެ ޗީފް ޑިޒައިނަރު އަދި ޗައިނީޒް އެކަޑަމީ އޮފް އިންޖިނިއަރިންގެ އެކަޑެމިޝަނެއް ކަމަށްވާ ވޫ ވެއިރެންއެވެ. ވޫ ވަނީ، ޗައިނާގެ ޖައްވީ ޕްރޮގްރާމުގައި ބައިނަލްއަޤްވާމީ ބައިވެރިވުން އިތުރު ކުރުމަށް މި ޖަމިއްޔާގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ޑީޕްސްޕޭސް ދިރާސާކުރުމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި އީޖާދީ މަސައްކަތްތައް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ޖަމިއްޔާއިން މައިގަނޑު ގޮތެއްގައި ސަމާލުކަން ދޭނީ ހަނދާއި ޕްލެނެޓްތަކަށް ކުރާ މިޝަންތަކާއި، އެސްޓަރޮއިޑް (ގިނިހިލަ) ތަކުން ދިފާޢުވުމާއި، ބައިނަލްއަޤްވާމީ ރިސާޗްގެ ދާއިރާތަކާއި، ޤާބިލް މީހުން ތަރައްޤީކުރުމާއި، މިންގަނޑުތައް ކަނޑައެޅުމާއި، އަދި ބޭރު ޖައްވު އަމާންކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުން ފަދަ ކަންކަމަށެވެ. ޖައްވު ދިރާސާކުރުމުގެ ދާއިރާއަށް ޗައިނާ ވަދެފައިވަނީ ވަރަށް ފަހުން ކަމަށްވީ ނަމަވެސް، އެ ޤައުމު ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ދާއިރާގެ މުހިންމު ބާރަކަށް ވެފައެވެ. އަދި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާއިން ދޭ އަހައްމިއްޔަތު ފާހަގަކުރެވެއެވެ. މިގޮތުން، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު، ޗައިނާގެ ޗާންގްއީ-5 މިޝަނުން ގެނައި ހަނދުގެ ސާމްޕަލްތައް ދިރާސާ ކުރުމަށްޓަކައި ހަ ޤައުމެއްގެ (ފްރާންސް، ޖަރުމަން، ޖަޕާން، ޕާކިސްތާން، ޔޫކޭ އަދި އެމެރިކާ)ގެ ކުންފުނިތަކަށް ޗައިނާއިން ވަނީ ފުރުސަތު ދީފައެވެ. މީގެ އިތުރުން، މާސްގައި ދިރުން ހުރިތޯ ބެލުމަށް 2028 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ، (ޓިއާންވެން-3) މިޝަންގައި ބައިވެރިވުމަށްވެސް ޗައިނާއިން ވަނީ ބައިނަލްއަޤްވާމީ ފަރާތްތަކަށް ދައުވަތު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ