ކަނޑުގެ އެންމެ ފުނުން ޝަފް އުފަންކުރި ޕޮޑްކާސްޓަށް ދުނިޔޭގެ ސަމާލުކަން
އެންމެ ކުޑައިރު މޫދަށް އުފެދުނު ޝައުގު، ނޫކަށިފުރާ ޒުވާން އުމުރަށް އެޅިއިރު ވެސް އޭނާގެ ހިތުން ފިލައިގެނެއް ނުދެއެވެ. އެ ޝައުގާ އެކު މޫދަށް އެރެން ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުން ހިފި ނަމަވެސް، ޑައިވިން ފަދަ ކަންކަން ރާއްޖޭގައި އޭރު މާ މަގުބޫލެއް ނޫނެވެ. އެހެންކަމުން ސްކޫލު ނިމުމަށް ފަހު ހިތާ ދެކޮޅަށް ވެސް ޝަފްރާޒް ނައީމް, (ޝަފް)އަށް ޖެހުނީ ސިފައިންގެ ޚިދުމަތާ ގުޅޭށެވެ. އެއީ، 1994ވަނަ އަހަރު އުމުރުން އެންމެ 18 ނުވަތަ 19 އަހަރުގައެވެ. އޭރު ވެސް އޭނާ ކަޅިއަޅަމުން ދިޔައީ ސިފައިންގެ ޚިދުމަތުގެ ތެރެއިން ނަމަވެސް ޑައިވިންއަށް ދެމިލެވޭނެ ފުރުސަތަކަށެވެ. އެ ފުރުސަތު އޭނާއަށް ލިބުނީ 1995ވަނަ އަހަރު ރިޒޯޓަކަށް ކުރި ދަތުރެއްގައެވެ. އޭރު ޑައިވްކުރަން ފެށި ގޮތަށް އޭނާ މިއަދާހަމައަށް ވެސް އެކަން ހުއްޓައެއް ނުލައެވެ. އޭޝިއާ ސަރަހައްދުގެ އެންމެ ދިގު ޑައިވްގެ ރިކޯޑާ އެކު ކަނޑުގެ އެންމެ ފުންމިނުން އޭނާ ވަނީ ޕޮޑްކާސްޓެއް އުފަންކޮށްފައެވެ. މި ޕޮޑްކާސްޓަށް މިހާރު ވަނީ ދުނިޔޭގެ ސަމާލުކަން ލިބިފައެވެ. ފީނުމުގެ ހުވަފެން ކާމިޔާބުކޮށް, އޭނާ ދަނީ އެތައް ޕްރޮޖެކްޓްތަކަކަށް ވެސް ތައްޔާރުވަމުންނެވެ. ނަމަވެސް, މުސްތަގުބަލަށް ކުރާ އުންމީދާއި ހިޔާލީފޮލައިގެ ވާހަކަދެއްކުމުގެ ކުރިން ދައްކަން އޮތީ މާޒީގައި އޭނާ ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ ވާހަކައެވެ. އެއީ ވެސް ކަނޑުގެ އަޑިންނެވެ. ސިފައިންގެއިން ޑައިވަރަކަށް, ދިގު ދަތުރެއް ކުރުކޮށް "އަލިމަތަ ރިޒޯޓުގައި އުޅުނު އިންސްޓްރަކްޓަރެއް ފުރަތަމަ ޑައިވްއަކަށް ގެންދިޔައީ. އެ ތަނުން ފުރަތަމަ ކޯހެއް ވެސް ހެދީ. އެއީ ހަމަ އެމްއެންޑީއެފްގެ ތެރެއިން. އޭރުން ފެށިގެން ޑައިވްކުރަން," އޭނާގެ ޑައިވިން ހަޔާތުގެ ވާހަކަ ފެށީ މިފަދައިންނެވެ. މިލިޓަރީ ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި ޝަފް މަސައްކަތް ކުރި އިރު -- ލިބުނު ފުރުސަތުގެ ބޭނުން ހިފައި ކޯސް ފުރިހަމަކުރުމާ އެކު އޭނާ ޚާއްސަވީ މިލިޓަރީ ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައެވެ. ސިފައިންގެ ޑައިވަރެއްގެ ހައިސިއްޔަތުން އޭނާ އެތައް ކަމެއް ތަޖުރިބާކުރިއެވެ. ވަރަށް ފުނަށް ފީނައިގެން ހަށިގަނޑުތައް ނެގުމާއި, ބޯޓު އެއްޗެހި ނެގުންފަދަ މަސައްކަތްތައް އޭރު އޭނާ ކުރިއެވެ. ސިފައިން ގޭގައި ކުރި ތަޖުރިބާތައް ހިއްސާކުރަން ބޭނުން ނުވަނީ ސިފައިންގެ ޚިދުމަތާ އޭނާ މިހާރު ވަކިވެފައިވީ ނަމަވެސް އެ އިދާރާއަށް އިހުތިރާމުކުރާތީއެވެ. ޑައިވަރަކަށްވުމުގެ ހުވަފެން އުމުރުން 19 ވަރަކަށް އަހަރުގައި ހާސިލުވި ނަމަވެސް, އޭނާގެ ހިތް އުފަލެއް ނުވެއެވެ. ބޭނުންވީ އަދިވެސް ގިނަ ތަޖުރިބާތަކެއް ހޯދާށެވެ. އެހެންކަމުން ސިފައިންގެ ޚިދުމަތުން ފުރަތަމަ ފަހަރަށް ވަކިވީ 2003ވަނަ އަހަރެވެ. "ސިފައިންގެ ޚިދުމަތުން ވަކިވުމަށް ފަހު ބަނޑޮސް ރިޒޯޓާ އެހެން ރިޒޯޓުތަކެއްގެ ޑައިވް ސްކޫލުތަކެއް މެނޭޖްކުރުމުގެ މަސައްކަތް ކުރީ. އެ ތަނުން ވެސް ވަރަށް ގިނަ އާ ކަންތައްތަކެއް ދަސްވި. ހަ އަހަރު ފަހުން 2009ވަނަ އަހަރުގެ ކުރީކޮޅު އަނެއްކާ ވެސް އެމްއެންޑީއެފަށް އެނބުރި ދިޔައީ," ޝަފް ކިޔަދިނެވެ. ޝަފް ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި: އޭނާ ޑައިވިންއާ ގުޅޭގޮތުން އުފެއްދި ޕޮޑްކާސްޓަށް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައި އެމްއެންޑީއެފްގައި އޭނާ އިތުރު ތިން އަހަރު ޚިދުމަތް ކުރިއެވެ. އެއަށް ފަހު ދެން ފެށީ އަމިއްލަ މަސައްކަތެވެ. ޑައިވިންގައި މި ސަރަހައްދުގެ ރިކޯޑަކާ އެކު މި މަހު ފިލްމެއް އަމިއްލަ މަސައްކަތުގެ ތެރެއިން އޭނާ އއ. ރަސްދޫއާއި އއ. ބޮޑުފޮޅުދޫގައި "އެޓޯލް ސްކޫބާ"ގެ ނަމުގައި ދެ ޑައިވިން ސްކޫލު ހިންގިއެވެ. ނަމަވެސް، އޭނާގެ މަސައްކަތުގެ ތެރެއިން އެންމެ ޝައުގުވެރި ވާހަކައަކީ އޯޝަން ސިކްސް ފިފްޓީގެ ނަމުގައި އުފެއްދި ފައުންޑޭޝަނުން ކުރި "ކޫލް" ކަންކަމެވެ. އެގޮތުން, 2022ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް އޯޝަން ސިކްސް ފިފްޓީން އިސްނަގައިގެން ވަނީ 50 ގަޑިއިރުގެ ދިގު ޑައިވެއް ފުރިހަމަ ކޮށްފައެވެ. "އަސްލު ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް އައި ޚިޔާލެއް އެއީ. އެކަމަކު މީގެ ތެރެއިން ޕްލާސްޓިކް ޕޮލިއުޝަން ފަދަ ކަންކަމަށް އެވެއާނަސް ސްޕްރެޑްކުރުމާ އެ ހުރިހާ ކަމަކަށް ކުރި ޑައިވެއް މީ," ޖުމުލަ 178 ބައިވެރިންނާ އެކު މި ޑައިވް ފެށީ 2022ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 25ވަނަ ދުވަހު 15:34ގައެވެ. ޑައިވް ނިންމައިލީ ފެބްރުއަރީ 27ވަނަ ދުވަހުގެ 15:34ގައެވެ. އޯޝަން ސިކްސް ފިފްޓީން ކުރިއަށް ގެންދިޔަ 50 ގަޑިއިރުގެ ޑައިވްގެ ތެރެއިން -- ހަ މީޓަރު އަޑީގައި މި ޑައިވް ކުރިއަށް ގެންދިޔައީ އަނަންތަރަ ރިޒޯޓުގެ ފަޅުތެރޭގައެވެ. ޑައިވްގެ ބައިވެރިން އެ ވަގުތު ކުރިއަށްގެންދިޔައީ ހަމައެކަނި ދިޔާ އެއްޗެހީގެ ޑައިޓެެކެވެ. ޓޭންކުތަކެއްގައި މި ތަކެތި ބަހައްޓާފައި ހުރިއިރު، މި ޓޭންކުތަކާއި އޮކްސިޖަން ބަދަލުކޮށްދިނުމަށް އެހީތެރިންގެ ޓީމެއް ހަރަކާތްތެރިވިއެވެ. "މި ޑައިވަށް އޭޝިއާގެ އެންމެ ދިގު ޑައިވްގެ އެވޯޑު ވަނީ ލިބިފައި," އޭނާ ބުންޏެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފާހަގަކުރަން ކުރި ޑައިވެއް ނަމަވެސް، ސަރުކާރުން މި ޑައިވް ނުވަތަ އެވޯޑުގެ ވެސް އަގުވަޒަންކޮށްފައިނުވާކަން ޝަފް ފާހަގަކުރިއެވެ. ޝަކުވާއެއް ނެތެވެ. އެ "ރިކޯޑް ބްރޭކިން" ޑައިވްގެ ކުރިން އޯޝަން ސިކްސް ފިފްޓީގެ ފަރާތުން ވ. އަތޮޅަށް ކުރި ދަތުރެއްގައި ޖަރުމަނު ފިލްމް ކުރޫއަކާ ދިމާވިއެވެ. "އެ މީހުން ޝައުގުވެރިކަން ފާޅުކުރީ އަހަރުމެންގެ 50 ގަޑިއިރުގެ ޑައިވް ފިލްމެއްގެ ގޮތުގައި ގެނެސް ދިނުމަށް. އޭގެ ޑޮކިއުމަންޓްރީ އިންޓަނޭޝަނަލީ ޕްރިމިއާކުރާނެ މި މަހުގެ 18ގައި. ސިނަމާތަކަށް ނުކުންނާނެ ސެޕްޓެންބަރުގައި،" އެހެންކަމުން މި ޑައިވްކުރި ވަގުތު އެ މީހުން ދިޔައީ ޑައިވްގެ މަންޒަރުތައް ޑޮކިއުމަންޓު ކުރަމުންނެވެ. މި ފިލްމު ރާއްޖޭގައި ދައްކަން އަދި ހަމަޖެހިފައެއް ނެތެވެ. ފިލްމު ދައްކާނީ އިނގިރޭސިވިލާތުގެ ބޮޑެތި ސިނަމާތަކުގައެވެ. 50 ގަޑިއިރުގެ ޑައިވަށް އުފެއްދި ފިލްމުގެ ޕޯސްޓަރު -- ދެން އުފެއްދި ޕޮޑްކާސްޓް ވެސް ހިޓަކަށް ޕޮޑްކާސްޓެއް އުފެއްދުމަކީ ދުވަހަކު ވެސް އޭނާ ކުރާނެކަމަށް ހީކުރި ކަމެއް ނޫނެވެ. އަމުދުން އޭނާ އުފައްދާ ޕޮޑްކާސްޓެއް ދުނިޔޭގެ ސަމާލުކަމަށް އައިސްދާނެ ކަމަށް ދުވަހެއްގެކޮޅުން ވެސް ހިތަކަށް ނާރައެވެ. މިކަން ބަދަލުވީ "ޝަފް ޑައިވްސް ޔޫ ކްރޭޒީ"ގެ ނަމުގައި ޕޮޑްކާސްޓެއް އުދައްފައި މި އަހަރުގެ އޭޕްރީލް 24ގައި ސްޕޮޓިފައިއަށް ފުރަތަމަ އެޕިސޯޑް ދޫކޮށްލުމާ އެކެވެ. "ފުރަތަމަ އެޕިސޯޑު އެއީ އެކްސިޑެންޓެއް. ޑޭވިޑް ސްޓްރައިކް އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ވެޓެރަންއެއް. ޓެކްނިކަލް ޑައިވިންގައި އެންމެ އިހުތިރާމު ލިބޭ އެކަކު. އޭނާ ބުނީ ތިމަންނަ ފުރަތަމަ އެޕިސޯޑަށް އަރައިދޭނަމޭ ދެން ކުރިއަށް ގެންދާށޭ," މީގެ ގާތްގަނޑަކަށް ދޮޅު އަހަރު ކުރިން ރިކޯޑުކުރި ފުރަތަމަ އެޕިސޯޑުގެ ވާހަކަ ހިއްސާކުރަމުން އޭނާ ކިޔައިދިނެވެ. މި އެޕިސޯޑު ރިކޯޑުކޮށް ނިމުނުއިރު އަޑުގައި މައްސަލައެއް ހުއްޓެވެ. މި މައްސަލަ ހައްލުކުރަން އެއްވެސް މީހެއްގެ ފަރާތުން އެހީއެއް ނުލިބުނެވެ. "މީގެ ދެތިން މަސްކުރިން ތައިލެންޑުގައި އުޅޭ ދިވެހި ރަހުމަތްތެރިއަކު ބުނީ ހިނގާށޭ އެކީގައި ކަމެއް ކުރަން. އޭނާއަކީ ސައުންޑު އިންޖިނިއަރެއް. އަޅުގަނޑު އޭނާއަށް އެ އެޕިސޯޑު ފޮނުވައިލައިގެން އޭނާ އޭތި އަޕްލޯޑު ކުރީމާ އިންބޮކްސް ހަމަ ފުރިއްޖެ," މިހާރު މި ޕޮޑްކާސްޓުގެ ނުވަ އެޕިސޯޑު އާންމުންނަށް ދޫކޮށްލައިފައިވާއިރު، މި ޕްރޮގްރާމްތަކަށް ގެސްޓުންގެ ގޮތުގައި އަރުވަނީ އެ ކަމަށް އަމިއްލައަށް އެދޭ މީހުންނެވެ. "އެ ހިސާބުން ހަމަ ދުނިޔޭގެ އެކި ހިސާބުތަކުން މީހުން އަމިއްލައަށް އެދެން ފެށީ ޕޮޑްކާސްޓްގެ އެޕިސޯޑުތަކަށް އަރަން. އެހެން އެދޭ ޑައިވަރުންނަށް ފުރުސަތު ދެނީ،" މި ޕޮޑްކާސްޓުގެ އެޕިސޯޑުތައް ރިކޯޑުކުރަނީ އޮންލައިންކޮށެވެ. ޕޮޑްކާސްޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޭވް ޑައިވަރުންނާއި ޕަޑީ ކޯސް ޑިރެކްޓަރުންނާއި ކަނޑުއަޑީގެ ފިލްމުތައް ހަދާ މީހުންނާއި ކަނޑު އަޑީގައި ފޮޓޯ ނަގާ މީހުންފަދަ ޝަޚުސިއްޔަތުތައް ވަނީ ބައިވެރިވެފައެވެ. "މިއީ ހަމަ އެއްވެސް ސްޕޮންސާއަކާ ވެސް ނުލައި އަމިއްލައަށްކުރާ ކަމެއް. ހިޔެއް ނުކުރަން މިހެން ދުވަހަކު ވެސް މިކަން ދާނެ ކަމަކަށް،" މި ކާމިޔާބީއާ އެކު ޝަފްއަކީ ދުނިޔޭގެ ސަމާލުކަން ހޯދި ޕޮޑްކާސްޓެއް އުފެއްދި ފުރަތަމަ ދިވެއްސަށް ވަނީ ވެފައެވެ. މި ޕޮޑްކާސްޓަށް ދުނިޔޭގެ "ޑައިވް ކޮމިއުނިޓީ"ގެ ސަމާލުކަން ލިބުނީ އޭނާ ސުވާލުތައް ކުރާގޮތުން ކަމަށް ޝަފް ގަބޫލުކުރެއެވެ. ޝަފް ޑައިވް ކުރަނީ: އޭނާ ޑައިވިންއާ ގުޅޭގޮތުން އުފެއްދި ޕޮޑްކާސްޓަށް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައި "ކުރީބައިގައި ސުވާލު ތައްޔާރުކޮށް ގެސްޓަށް ސުވާލުދީ އެ މީހުން އެޕިސޯޑުތަކަށް ތައްޔާރެއް ނުކުރަން. ސުވާލުތައް ނަގަނީ ވާހަކައިގެ ތެރެއިން. އެޕިސޯޑުތައް ގެންދަނީ ބޮޑަށް ރަހުމަތްތެރިއަކާ އެކު ދައްކާ ވާހަކައެއްގެ ގޮތަށް،" އޭނާ ބުންޏެވެ. ކުރިއަށް އޮތީ އަނެއްކާ ވެސް ޚާއްސަ ދަތުރެއް ޑައިވިން މަޑު ޖައްސައިލުމަށް ފަހު، އަނބިދަރީންނާ އެކު އޭނާ ވަނީ 2019ވަނަ އަހަރު ސްވިޒަލޭންޑަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެ ގައުމުގައި ޕްރައިވެޓް ސެކިއުރިޓީގެ މަސައްކަތް މިހާރު ކުރި ނަމަވެސް އޭނާގެ އަމާޒު ހުރީ އަނެއްކާ ވެސް މާ "ކޫލް" ކަމަކަށެވެ. "އެކްރޮސް މޯލްޑިވްސްގެ ނަމުގައި މިހާރު މި ރާވަނީ އެންމެ ދިގު ޑައިވް. މި ޕްރޮޖެކްޓުގައި އަހަރެމެން ފީނާނީ ތުރާކުނުން އައްޑުއަށް،" އޯޝަން ސިކްސް ފިފްޓީން ކުރިއަށް ރާވާފައިވާ ޕްރޮޖެކްޓާ ގުޅިގެން ވާހަކަދައްކަމުން ޝަފް ބުންޏެވެ. މި ޑައިވްގެ މަގުސަދަކީ ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދައްކައިލުމާއި ކަނޑުގެ ދިރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި، މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ދިރުންތަކަށް ކުރާ އަސަރު މި ޑައިވްގައި ފާހަގަކުރާނެއެވެ. ޝަފް އޯޝަން ތްރީ ސިކްސްޓީގެ ޓީމާ އެކު: އޭނާ ވަނީ އޭޝިއާގެ އެންމެ ދިގު ޑައިވްގެ ރިކޯޑު މުގުރާލައިފައި މި ޑައިވާ އެކު އޭޝިއާގެ އެންމެ ދިގު ޑައިވްގެ ރިކޯޑު މުގުރާލެވިދާނެކަމުގެ އުންމީދު ވެސް އެބައޮތެވެ. މި ޑައިވަށް ތައްޔާރުވުމުގެ ގޮތުން، ސްވިޒަލޭންޑުގެ ލޭކްތަކުގައި އޭނާ ގެންދަނީ ޑައިވްކުރަމުންނެވެ. ޝަފްއަކީ ހަމައެކަނި ޑައިވަރެއް ނޫނެވެ. އެނާ ޑައިވްކުރަނީ އަމިއްލަ ނަފުސަށް ވެސް ކުރާ ޗެލެންޖެއްގެ ގޮތުގައެވެ. މި މަސައްކަތުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ޑައިވްކޮށްފިއެވެ. އޭޝިއާގެ އެންމެ ދިގު ޑައިވްގެ ރިކޯޑު މުގުރައިލުމަށް ފަހު ފިލްމެއް ރިލީޒްކުރަން ތައްޔާރުވަނީއެވެ. ކަނޑުގެ އެންމެ ފުނުން އުފަންކުރި ޕޮޑްކާސްޓު ވެސް ވީ ހިޓަކަށެވެ. އޭނާގެ ވާހަކަ ނިންމައިލީ އެކްރޮސް މޯލްޑިވްސް ޕްރޮޖެކްޓަށް ކުރާ އުންމީދު އާކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ