ޢާޝޫރާ ދުވަސް، ވަރަށް މަތިވެރި އިޙްތިފާލެއް

ދީނީ އިޙްތިފާލުތަކަކީ އިންސާނުން ދުނިޔޭގައި އުޅެން ފެށީއްސުރެން ކުރަމުން އަންނަ ކަންކަމެވެ. އެއިން ކޮންމެ ކަމަކީ އިންސާނާ އޭނާގެ ވެރިރައްބާ އޮންނަ ގުޅުން ހަނދުމަކޮށް، އެ އިލާހު ދެއްވި މަތިވެރި ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރާ އިޙްތިފާލުތަކެކެވެ. އިސްލާމްދީނުގައި ވެސް ދީނީ އިޙްތިފާލުތައް ކަނޑައަޅުއްވައިފައި ވެއެވެ. މުސްލިމުންނަށް އެ މީހުންގެ ދީނީ ޒިންމާ ހަނދާންކޮށްދޭ ހަނދާންކޮށްދިނުންތަކެއްގެ ގޮތުންނެވެ. މުޅި އަހަރު ތެރެއަށް ބަހާލެވިފައިވާ ގޮތަށް އަޅުކަމުގެ އެކިއެކި ފޯވަހިތައް ލެއްވިކަމީ ރައްބުލް ކާއިނާތުގެ އޯގާވެރިކަމެވެ. ދާދި މިދާކަށް ދުވަހު އަޅުގަނޑުމެން ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަސް ފާހަގަކޮށްފީމުއެވެ. ޙައްޖު ދުވަހުގެ ދަރުމަ އާއި ސަވާބަށް އެދި ރޯދަ ހިފީމުއެވެ. އަޟްޙާ ޢީދުގެ މަތިވެރިކަން އަދައިގެން ޤުރުބާންކޮށް އޭގެ މަސް ފަޤީރުންނަށާއި ޙާޖާތްތަކަށް ޖެހިފައިވާ މީހުންނަށް ޞަދަޤާތް ކޮށްފީމުއެވެ. ޙައްޖުގެ ދުވަހާއި ޙައްޖުމަސް ނިމުމުން އަހަރު ނިމި، މުޙައްރަމުމަސް ފެށެނީ އިސްލާމީ ކަލަންޑަރުން އައު އަހަރަކަށް އަލިވިލަމުންނެވެ. އިހު ބަޔާން ކުޅަ ފަދައިން އަޅުކަމުގެ އެހެން މޫސުމެއް މުސްލިމުންނަށް ގެނެސްދެމުންނެވެ. މުޙައްރަމުމަހަކީ ﷲ سبحانه وتعالى އެއިލާހުގެ ޒާތުފުޅަށް ނިސްބަތް ކުރައްވައިފައިވާ މަހެކެވެ. އެ މަހަކީ ޝަހްރު ﷲ ކަމުގައި ޙަދީޘްފުޅު ޞައްޙަ ވެގެން އައިސްފައި ވެއެވެ. އެއީ މި ހިނގާ މުޙައްރަމުމަހެވެ. މި މަހުގައި އެންމެ އިސްކަމެއް ދެވޭ ދުވަހަކީ ޢާޝޫރާ ދުވަހެވެ. ޢާޝޫރާ ދުވަހަކީ، މުޙައްރަމުމަހުގެ 10ވަނަ ދުވަހެވެ. މި ދުވަހުގެ ރޯދައިގެ މަތިވެރިކަމާއި މާތްކަމުގެ ވާހަކައިން އިސްލާމީ މުޖްތަމަޢުތައް މި ވަނީ ގުގުމާފައެވެ. އެ ރޯދައަށް ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ބެހެއްޓެވި އަހައްމިއްޔަތާއި، އެއިން ލިބޭ ފައިދާގެ ވާހަކައެވެ. މާތް ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ޢާޝޫރާ ދުވަހުގެ ރޯދައިން، ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ފުއްސަވައި ދެއްވާނެ ކަމަށް ތިމަން ކަލޭގެފާނު އުންމީދުކުރައްވަމެވެ." (الترمذي: 752) މިހާ ބޮޑު އަހައްމިއްޔަތެއް ދެވޭ ޢާޝޫރާ ދުވަހުގެ ޙަޤީޤަތާ މެދު ނަޒަރު ހިނގައިލުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެމެވެ. އެ ދުވަހަކީ ބަނޫ އިސްރާއީލުންނާ އެކު މޫސާގެފާނު ކަނޑު ހުރަސްކުރައްވައި އަމާންކަމާ އެކު ސަލާމަތްވެވަޑައިގެން ދުވަހެވެ. މޫސާގެފާނުގެ ފަސްފަހަތުން އައި އަނިޔާވެރި ފިރުޢައުނާއި އޭނާގެ ލަޝްކަރު އެ ކަނޑުގެ ތެރެއަށް ޣަރަޤު ކުރެއްވުނު ދުވަހެވެ. މޫސާގެފާނަށް ކާމިޔާބު ލިބިވަޑައިގެންނެވި ދުވަހެވެ. ޞައްޙަ ޙަދީޘުގައި ވާރިދުވެފައިވާ ގޮތުން، މި ދުވަސްތަކަކީ أيام الله، އެވެ. މި ދުވަސްތައް ﷲގެ ދުވަސްތަކުގެ ގޮތުގައި، ޚުދު މޫސާ عليه السلام ވެސް ބަނޫ އިސްރާއީލުންނަށް ހަނދުމަކޮށްދެއްވައި އުޅުއްވިއެވެ. އެ މީހުންނަށް ނަޖާތެއް ދެއްވިކަމާއި، މާތް ﷲގެ ފަޟުލަވަންތަ ވެރިކަމުން އެބައިމީހުން ތިބި އަނިޔާވެރިކަމުގެ ތެރެއިން ސަލާމަތްކުރެއްވިކަން ކޮންމެ އަހަރަކު ހަނދުމަކޮށްދެއްވައެވެ. އަދި އެ އަނިޔާވެރި ކަމުން ނެރެ، މިސްރު ދޫކުރައްވައި ބަނޫ އިސްރާއިލުންނައިގެން ވަޑައިގެންނެވި މަގުމަތީ ދިމާވި އެންމެ ބޮޑު ތަކުލީފަކީ ކަނޑުގެ އައްސޭރިއަށް އާދެވުނު ވަގުތު ކަމާއި، ﷲގެ މަތިވެރި މުޢުޖިޒާތެއް ދައްކަވައި އެބައިމީހުންނަށް ޓަކައި ކަނޑު ދެފަޅި ކުރެއްވި ކަމެވެ. އަދި އެ ކަނޑު ދެ ފަރާތަށް ބެހިގެން ގޮސް ފަސޭހަކަމާ އެކު ހިނގޭނެ ބާރަ މަގު، ﷲ ހުޅުއްވައިދެއްވި ކަމެވެ. އެ މަގުތަކުން ހިނގާފައި ދިޔައިރު އުސް ފާރުތަކެއް ފަދައިން ކަނޑުގެ ލޮނުގަނޑު ދެ ފަރާތުގައި މަޑުކުރައްވައިފައި ބޭއްވެވި ކަމެވެ. އަދި އެބައިމީހުން އެ ތަނުން ހުރަސްކުރުމާ އެކު އޭގެފަހަތުން އައި ފިރުއައުނުގެ ލަޝްކަރުގެ މައްޗަށް އެ ލޮނުގަނޑު އޮހިގެން ދިޔަކަމެވެ. އެބައިމީހުން ބަލަބަލައި ތިއްބައި ގަދަފަދަ ކަމަށް ދައުވާކުރި އަނިޔާވެރި ލަޝްކަރުގެ ހަތިޔާރު އެޅި ހަނގުރާމަ ވެރިންނާއި، އަސްވާރުންނާއި، އެ ނޫން އެންމެން ޣަރަޤު ކުރެއްވި ކަމެވެ. އެ ހުރިހާ އެންމެންގެ މައްޗަށް މަތިވެރި ރައްބެއް ކަމަށް ދައުވާކުރި ކިބުރުވެރި ޖައްބާރު އަނިޔާވެރި ފިރުޢައުނު ނިކަމެތި ގޮތަކަށް ފެނުތެރޭ ޣަރަޤުވެދިޔަ ގޮތުގެ ވާހަކައެވެ. މި ހުރިހާ ކަމެއް މޫސާގެފާނު ބަނޫ އިސްރާއީލުންނަށް ހަނދާން ކޮށްދެއްވަމުން ގެންދެވީ އެބައިމީހުން ﷲގެ ރަޙްމަތަށް ޝުކުރު ވެރިވޭތޯއެވެ. ކީރިތި ޤުރުއާނުގައި ވެސް މި ކަން މި މަގުން ބަޔާން ކުރައްވައި ﷲ تعالى ވަޙީކުރައްވަނީ ‎﴿وَلَقَدْ أَرْسَلْنَا مُوسَىٰ بِآيَاتِنَا أَنْ أَخْرِجْ قَوْمَكَ مِنَ الظُّلُمَاتِ إِلَى النُّورِ وَذَكِّرْهُم بِأَيَّامِ اللَّهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ﴾ (ابراهيم: ٥)‏ މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކާއިގެން، މޫސާގެފާނު ފޮނުއްވީމެވެ. (އަދި އެންގެވީމެވެ.) ކަލޭގެފާނުގެ ޤައުމުގެ މީހުން އަނދިރިކަމުގެ ތެރެއިން، އަލިކަމުގެ ތެރެއަށް ނެރުއްވާށެވެ! އަދި އެއުރެންނަށް ﷲގެ ދުވަސްތައް ހަނދުމަ ކޮށްދެއްވާށެވެ! ހަމަކަށަވަރުން، ކެތްތެރިކަން ބޮޑު، ޝުކުރުވެރިވުން ގިނަ ކޮންމެ މީހަކަށް، އެ ކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ." މި އުންމަތުގެ ނަބިއްޔާ މުޙައްމަދު صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم މަދީނާއަށް ހިޖުރަކުރެއްވިއިރު އެ ރަށުގައި ތިބި ޔަހޫދީން މުޙައްރަމުމަހުގެ 10ވަނަ ދުވަހު ރޯދަ ހިފާތީ ފެނިވަޑައިގަތެވެ. އަދި އެ ކަމުގެ ޚަބަރު އޮޅުން ފިލުއްވެވިއެވެ. އެބައިމީހުން ދެންނެވީ މި ދުވަހުގެ ރޯދަ ތިމަންމެން އިޙްތިފާލު ކުރަނީ މޫސާގެފާނަށް ލިބިވަޑައިގެންނެވި ކާމިޔާބަށް ޝުކުރުވެރި ވުމުގެ ގޮތުން ކަމުގައެވެ. އެ ހިނދު ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންނަށްވުރެ، އަހަރުމެން މޫސާގެފާނަށް މާ އައުލާވެގެންވެއެވެ." (مسلم) އެހެންކަމުން މުޙައްރަމުމަހުގެ މާތްކަމާއި މަތިވެރިކަން އިޙްތިފާލުކުރުން އެއީ އާދައިގެ ކަމަކަށްވުރެ މާ ބޮޑު، މާ މަތިވެރި ކަމެކެވެ. އަޅުގަނޑުމެން މުސްލިމުންނަށް އަނެއްކާ ވެސް ލިބޭ އަޅުކަމުގެ ފޯވައްސެކެވެ. ހެޔޮ ކަމަށް އެދޭ މީހުންނަށް ހުރި އުފާވެރި ޚަބަރެކެވެ. މި ހިނގާ މުޙައްރަމުމަހުގެ 10ވަނަ ދުވަސް ދިމާވަނީ އަންނަ ހޮނިހިރު ދުވަހާ ނޫންތޯއެވެ؟ އާޝޫރާ ދުވަހުގެ ރޯދަ ހިފުމުގައި 10ވަނަ ދުވަހާ އެކު އޭގެ ކުރީ ދުވަސް ނުވަތަ އޭގެ ފަހު ދުވަސް ރޯދަހިފުން އެއީ ސުންނަތްކަން ގަދަވެގެންވާ ކަމެކެވެ. އެހެން ކަމުން އެ ދުވަހު ރޯދަހިފުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ތިޔަ ހުރިހާ ކިޔުން ތެރިންނަށް ނަސޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ