ރޫމޭނިއާގެ ހާރިޖީ ވަޒީރު ތިއެޑޯ މެލެހްކާނޫ އާއި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.
ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިހާރު ރޫމޭނިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ހާރިޖީ ވަޒީރު ތިއެޑޯ މެލެހްކާނޫ އާއި އެކު ބޭއްވެވި ބައްދަލުވުމުގައި އެއް ގައުމު އަނެއް ގައުމަށް ގިނަ ދާއިރާތަކަކުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ދިވެހިރާއްޖެއާއި ރޫމެނިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 40 އަހަރުވެފައިވާކަން ފާހަގަކުރައްވާ ދެބޭފުޅުން ވަނީ ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މިމަޝްވަރާ ބައްދަލުވުމުގައި ދެގައުމުގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކޮށް ގުޅިގެން ކުރިއަށް ދެވޭނެ ގޮތްތަކާމެދުވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ދެގައުމު ގުޅިގެން އެއްބާރުލުން ދިނުމަށް އެއްބަސްވެވެޑައިގެންނެވި ދާއިރާތަކުގެ ތެރޭގައި ވިޔަފާރި، ޓޫރިޒަމް، ތައުލީމީ ދާއިރާ އަދި ކާބޯތަކެތި އުފެއްދުުމުގެ ދާއިރާ އާއި ކާރިސާތަކުން ލިބޭ ގެއްްލުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމުގައި ފަންނީ އެއްބާރުލުން އިތުރު ކުރުން ހިމެނެ އެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ދެބޭފުޅުން ވަނީ މަޝްވަރަ ކުރައްވާފަ އެވެ.
މީގެ އިތުރަށް ދެގައުމުގެ ދޭދޭ ގުޅުމާއި ސަރަހައްދީ ކަންކަމުގައި ގަވާއިދުން މަޝްވަރާ ކުރުމާ ގުޅޭ، އެއްބަސްވުމެއްގައި ރާއްޖޭގެ ހާރިޖީ ވަޒީރާއި ރޫމޭނިއާގެ ހާރިޖީ ވަޒީރު ވަނީ ސޮއިކުރައްވާފަ އެވެ.
އަބްދުﷲ ޝާހިދުގެ މިދަތުރުފުޅުގައި ޓެރަރިޒަމާއި ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާއި، ރާއްޖޭގެ އިންޓެލިޖެންސް ނިޒާމު ވަރުގަދަކުރުމާ ގުޅޭގޮތުން އެގައުމުގެ އިންޓެލިޖެންސް ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރ ކްރިސްޓިއަން ބިޒާދީއާވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ޓެރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
އަބްދުﷲ ޝާހިދު ރޫމޭނިއާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ