ގެމަނަފުށީގައި ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި

ރެއިން ފެށިގެން ގއ. ގެމަނަފުށީގެ އެކި ސަަރަހައްދު ތަކުން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެއެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނީ، ރޭ 8:00 ޖެހިއިރުން ފެށިގެން އެ ރަށުގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑެމުންދާ ކަމަށެވެ. އަދި ކަރަންޓް ކެނޑެމުން ދަނީ އެރަށުގައި ކަރަންޓް ދިނުމަށް ބޭނުންކުރާ އެއް ޖަނަރޭޓަރުގައި މައްސަލަ ޖެހިގެންކަމަށްވެސް އޭނާ ބުންޏެވެެ.
އޭނާ ބުނިގޮތުގައި، އެރަށުގައި ކުރިން ތިން ޖެނަރޭޓަރު ހުއްޓެވެ. އެއް ޖެނެރޭޓަރުގައި މައްސަލަ ޖެހުމުން އަނެއް ޖެނަރޭޓަރު ބޭނުން ކުރާއިރު، މިހާރު ބޭނުން ކުރަމުން ދަނީ ދެ ޖެނަރޭޓަރު ކަމަށް އޭނާ ބުންޏެވެ. އެ ޖެނެރޭޓަރު ހުރިއިރު، ރަނގަޅަށް ކަރަންޓް ލިބޭކަންވެސް އޭނާ ފާހަގަކުރިއެވެ.
އެހެން ނަމަވެސް އެ ޖެނަރޭޓަރު މިހާރު ވަނީ އެހެން ރަށަކަށް ގެންގޮސްފައެވެ. އެހެންވެ މިހާރު ރަށުގައި ހުރި ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރުގައި މައްސަލަ ޖެހި ރެއިން ފެށިގެން ރަށަށް ކަރަންޓް ދެމުން ދަނީ ފަހަރަކު ލޭނަކަށް ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު ރަށުގައި ބެކަޕް ޖެނަރޭޓަރެއް ނެތުމުގެ ސަބަބުން މިހާރު ހިދުމަތް ދެމުން އަންނަ ކޮންމެ ޖެނެރޭޓަރަކަށް މައްސަލައެއް ދިމާވިޔަސް މުޅި ރަށަށް ކަަރަންޓް ދެވޭ ވަރު ނުވާނެކަމަށް އޭނާ ބުންޏެވެ.
އެރަށު ކައުންސިލް މެންބަރު ޖާދުﷲ ވިދާޅުވީ، ރެއިން ފެށިގެން އެރަށުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެމުންދާ ކަމަށެވެ. އަދި ކަރަންޓް ކެނޑެމުން ދަނީ އިންޖީނު މައްސަލައެއް ޖެހިގެން ކަމަށާއި، ކަރަންޓް މައްސަލަ ހައްލުވާނެ އިރެއް ބުނަން ނޭގޭ ކަަމަށް އޭނާ ވިދާޅުވިއެވެ.
ގެމަނަފުއްޓަކީ އާބާދީގައި 1800 އަށްވުރެ ގިނަ މީހުން އުޅޭއިރު، ރަށުގައި 300 އަށްވުރެ ގިނަ ގެ އެރަށުގައި ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ