ސީ ލައިފުން ރައީސް ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ސީ ލައިފް ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެކައުންޓަށް 15000 ޑޮލަރު ޖަމާކުރި މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
ރައީސް ޔާމީނުގެ އެކައުންޓަށް 15000 ޑޮލަރު ޖަމާ ކުރުމާއި ގުޅިގެން ސީލައިފްގެ އޮފިޝަލަކާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނީ، އެއީ ރައީސް ޔާމީނު ވެރިކަމަށް ހަވާލުވެވަޑައިގަތުމުގެ ކުރިން ހިނގާފައި އޮތް ވިޔަފާރީގެ މުއާމަލާތެއްގެ ފައިސާ ކަމަށެވެ.
އެގޮތުން އެއީ ސީލައިފާ އަދި އެއްވެސް ވަރަކަށް ހައުސިން ޕްރޮޖެކްޓަކާ ގުޅުން ހުރި ފައިސާއެއް ނޫން ކަމަށް ވެސް އޮފިޝަލް މީޑީއާތަކަށް ވިދާޅުވި އެވެ. އެއީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ) ގެ ކާރެއް ރައީސް ޔާމީންގެ ހަރަދުގައި އެކި ފަހަރު މަތިން މަރާމާތުކޮށްފައި ވާތީ އެކަމަށް ރައީސް ޔާމީނުގެ އަތްޕުޅުން ހަރަދުވި ފައިސާ އަނބުރާ ދެއްކުމަށް އެމަނިކުފާނު އެދިވަޑައިގަތުމުން އައްމަޓީގެ އެދުމަކަށް ކޮށްފައިވާ މުއާމަލާތެއް ކަމަށެވެ.
ތިން މަޝްރޫއަކުން ރައީސް ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާވިކަން އެނގުނީ ކޮމިޝަނުން ހޯދި ބޭންކް ސްޓޭޓްމެންޓްތަކުން ކަމަށް އޭސީސީގެ މެމްބަރުން މިދިޔަ ހަފުތާގައި މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުވެ މެމްބަރުން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބުދެމުން ފާހަގަކުރި އެވެ.
ހުޅުމާލޭގައި ފްލެޓު އެޅުމަށް ކަމަށް ބުނެ އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ސީ ލައިފުން ފައިސާ ނެގިއިރު ބީލަމަށް ނުލައި ހުޅުމާލޭގައި 3000 ހައުސިން ޔުނިޓު އެޅުމަށް ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ވަނީ އެކުންފުންޏާ ހަވާލުކޮށްފަ އެވެ.
ކުރީގެ ސަރުކާރުގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތާ ވެސް ރައީސް ޔާމީނާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރި ނަމަވެސް އެ ތުހުމަތުތައް ވެސް އެމަނިކުފާނު ދޮގު ކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ