އޭދަފުށިން ކަރަންޓް ކަނޑަނީ

ބ. އޭދަފުށީގެ ބޮޑުބަޔަކުން ރޭ މެންދަމުން ފެށިގެން މިއަދުގެ އެކިގަޑިތަކުގައި ކަރަންޓް ކެނޑޭމައްސަލަ ބޮޑުވެ އާންމުންގެ ޝަކުވާތައް ފުނިޖެހިއްޖެއެވެ.
ކަރަންޓް ކެނޑުމުގެ މައްސަލަ ފުރަތަމަ ދިމާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އީވީއަށް އެނގިފައިވާ ގޮތުގައި ރޭ 2 ޖަހާ އެހާކަންހައި އިރު ސާޅީހަކަށް މިނެޓަށް ކަރަންޓް ކެނޑުނީ އޭދަފުށީ އިންޖީނުގޭގައި ކަރަންޓް ދޭން ބޭނުންކުރާ 600ކވ. ގެ އިންޖީނަށް ދިމާވީ މައްސަލައަކާ ގުޅިގެންނެވެ.
މިއަދު މެންދުރު ކުރިން ފެށިގެން ރަށުގެ ގިނަ ސަރަހައްދުތަކުން ގަޑިއިރަކަށް ނުވަތަ ދޮޅުގަޑިއިރަށް ކަރަންޓް ކަނޑަމުންދާ ކަމުގެ ޝަކުވާ އާންމުން ކުރަމުންދާއިރު، މިކަމާބެހޭ އެއްވެސް ނޯޓިސްއެއް އިންޖީނުގެއިން އާންމެއް ނުކުރެއެވެ. މައުލޫމާތު ސާފުކޮށްލުމަށް އޭދަފުށީ އިންޖީނުގެ ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ މެނޭޖަރ މުހައްމަދު އާތިފްގެ ފޯނަށް ގުޅުމުން ޖަވާބެއް ނުދެއްވައެވެ. އިންޖީނުގޭގެ ކޮންޓްރޯލް ރޫމުން ބުނީ ކަރަންޓު ކަނޑަމުން ދަނީ އިންޖީނުތަކަށް ބާރުބޮޑުވެ ނުހިފެހެއްޓިގެން ކަމުގައެވެ.
އޭދަފުށީގައި ބޭނުންކުރާ ކަރަންޓްގެ މިންވަރު، އިންތިހާއަށް މަތިވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ހާއްސަކޮށް ހޫނު މޫސުމާ ދިމާކޮށް ކަރަންޓް ކެނޑުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މިކަން ހައްލު ކުރުމަށްކަމަށް ބުނެ 2017ވަނަ. އަހަރު 800ކވ.ގެ އިންޖީނެއްވެސް އޭދަފުށީގައި ވަނީ ބަހައްޓާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ