ސުޕްރީމް ކޯޓަށް ގޮންޖަހަން މަޖިލީހުގެ ރައީސް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ އަމުރު ޤާނޫނާއި ހިލާފު ކަމަށް ނިންމި ނިންމުމާއި އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނިންމުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ ކޮމެޓީތަކުން ވެސް ނިންމީ ނިންމުންތައް ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ހިލާފު ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ގޮން ޖެހުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ސުޕްރީމް ކޯޓުގެ އަމުރުތަކާއި ބެހޭ ގޮތުން ބަހުސް ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުގެ ކުރިން ނަޝީދު މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ "މިއީ މިއަދު މަޖިލީހަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމާއި ގުޅޭ މައްސަލައެއް." ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ވަކީލުން ތަމްސީލް ކުރާ މަޖިލިސް. މަޖިލީހުގެ މަސައްކަތައް ވެސް އަދި ބާރުތަކަށް އަރައިގަތުމަށް އެހެން އެއްވެސް މުއައްސަސާ އަކުން މަސައްކަތް ކުރާނަމަ އެއަރައިގަނެވެނީ ރައްޔިތުންގެ ބާރުތަކަށް. އަދި ރައްޔިތުންގެ އުއްމީދުތަކަށް." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިއަދު މަޖިލީހަށް މިހުށަހެޅޭ މައްސަލަ އަކީ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަޖިލީހަށް މަސައްކަތް ނުކުރެވޭނެ ކަމަށް. ބަސް ނުބުނެވޭނެ ކަމަށް އެވިދާޅުވާ ވިދާޅުވުންތަކަކީ" މައްސަލައެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ.
ނަޝީދު ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރުމުގެ ފުރުސަތު ހުރިހާ މެންބަރުންނަށް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. ނަޝީދު ވިދާޅުވީ މެންބަރުން ބަހުސް ކުރުމަށް ފަހު މިމައްސަލައިގައި މެންބަރުން ގޮތެއް ނިންމުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމާއި އެކު ރައްޔިތުންގެ މަޖިލީހާއި، ސުޕްރީމް ކޯޓާއި ދެމެދު ވަނީ އަރައިރުމެއް އުފެދިފައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަންގެ އަޣުލަބިއްޔަތު މިހާރު އޮތީ ވެރިކަން ކުރާ އެމްޑީޕީ އަށެވެ. އެހެންކަމުން އެކޮމިޝަންގެ ނިންމުންތައް ދިފާޢު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން ވެސް ގެންދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ