މީހުން ޓްރެފިކްކުރުން ހުއްޓުވާ ކޮމިޓީއަށް މެމްބަރު ޖީހާނުގެ ނަން ހުށަހަޅައިފި

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ، ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީ އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ނަން ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީ އަށް ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ މެންބަރަކު ކަނޑައެޅުމުގެ މައްސަލަށް ގޮތެއް ނިންމުމަށް ހުޅުވާލުމުގެ ފުރުސަތުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާނު މަހްމޫދުގެ ނަމެވެ. ރޮޒައިނާގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެވެ.
ޖީހާންގެ ނަން ފިޔަވައި އިތުރު ނަމެއް މަޖިލީހަށް ހުށަހެޅިފަ އެއް ނުވެ އެވެ. ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީ އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ވޯޓަށް އެހުމަށް ހަމަޖެހިފައި ވަނީ މިއަދުގެ މަޖިލީހުގައި ވޯޓަށް އެހުމަށް ހަމަޖެހިފައިވާ ވަގުތުގަ އެވެ. އާއްމު އުސޫލުން މަޖިލީހުން ވޯޓަށް އަހަނީ މެންދުރު ފަހު 01:30 ގައެވެ.
ޖިހާނަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ކުރީގެ މެމްބަރެކެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީ އެކުލަވާލެވިފައި ވަނީ 14 މެމްބަރުންގެ މައްޗަށެވެ. އެއީ:
1. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެ މަޖީލީހުގެ މެމްބަރެއް
2. ސުޕްރީމް ކޯޓުން ކަނޑައަޅާ އެކޯޓުގެ ފަނޑިޔާރެއް
3. ހިއުމަން ރައިޓްސް ކޮމިޝަނުން ކަނޑައަަޅާ އެކޮމިޝަނުގެ މެމްބަރެއް
4. ކަމާބެހޭ މިނިސްޓްރީން ކަނޑަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް
5. އެޓާނީ ޖެނަރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލެއް
6. ޕްރޮސެކިއުޓަ ޖެނަރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލެއް
7. މޯލްޑިވްސް އިމިގްރޭޝަން ކޮންޓްރޯލަ ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފެއް
8. ފޮރިން މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް
9. ފުލުހުންގެ މުއައްސަސާ އިން ކަނޑައަޅާ އެ މުއައްސަސާގެ އޮފިސަރެއް
10. މޯލްޑިވްސް ކަސްޓަމްސް އިން ކަނޑައަޅާ އެ އޮފީހުގެ އޮފިސަރެއް
11. ލޭބަ ރިލޭޝަންސް އޮތޯރިޓީން ކަނޑައަޅާ އެ އޮތޯރިޓީގެ މުވައްޒަފެއް
12. ހޯމް މިނިސްޓްރީން ކަނޑައަޅާ އެމިނިސްޓްރީގެ މުވައްޒަފެއް
13. އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް
14. މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތަކުން ހުށަހަޅާ އެޖަމާއަތްތަކުގެ މެމްބަރެއް
މީހުން ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން މީގެ ކުރިން އިންނެވީ ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ރަޝީދު އިންތިހާބު ވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ