ޓޫރިޒަމް ދާއިރާގެ އިންސްޕެކްޝަން ސެޕްޓެމްބަރުގައި ނިމޭނެ: އަލީ ވަހީދު

ޓޫރިޒަމް ދާއިރާގެ ކަންކަން އިސްލާހު ކުރުމަށް ކުރިއަށް ގެންދާ އިސްޕެކްޝަން އަންނަ ސެޕްޓެމްބަރު މަހު ނިމޭނެ ކަމަށް ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ މިހާތަނަށް 10 އަތޮޅެއްގެ އިންސްޕެކްޝަން ނިމިފައިވާ ކަމަށެވެ. މީގެ ތެރޭގައި 37 ރިސޯޓާއި ތިން ޓޫރިސްޓް ހޮޓަލާއި 121 ގެސްޓްހައުސްގެ އިތުރުން 47 ޑައިވް ސެންޓަރާއި ޔޮޓް މެރީނާއެއް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި އިންސްޕެކްޝަނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ޓޫރިޒަމް މިނިސްޓްރީ އާއި ފުލުހުންނާއި ސިފައިން ކުރިއަށް ގެންދާ އިންސްޕެކްޝަނެކެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި އިންސްޕެކްޝަނުގެ ތެރެއިން ޓުރިޒަމް ދާއިރާގެ މުވައްޒަފުންނަށް ގާނޫނީ ގޮތުން ލިބިދޭން ޖެހޭ ހުރިހާ ހައްގުތަކެއް ކަށަވަރުވެފައިވޭތޯ އާއި ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ބަލަމުން ދާކަމަށެވެ.
"އަޅުގަނޑުމެން މި އިންސްޕެކްޝަނުގައި މި ބަލަނީ މުވައްޒަފުންނަށް ލިބެން ހުރި ހިދުމަތްތަކާއި ވަޒީފާ އާއި ބެހޭ ގާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބިދެވޭ ހައްގުތަކާއި ސާވިސް ޗާޖް އަދި ދިވެހި މުވައްޒަފުން ތިބި މިންވަރު. މީގެ އިތުރުން ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި އަލިފާނުގެ ހާދިސާއަކުން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވެސް އަޅުގަނޑުމެން އެބަ ބަލަން،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން އަންނަ ސެޕްޓެމްބަރު މަހު މި އިންސްޕެކްޝަންތައް ނިމުމުން އެ މިނިސްޓްރީގެ "މިނިމަމް ރިކުއަޔަމަންޓް އެޕްރޫވަލް" ސްޓިކާ ކޮންމެ ޓޫރިސްޓް ފެސިލިޓީއަކަށް ދޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮންމެ އަހަރަކު އިތުރު އިންސްޕެކްޝަނެއް ކުރުމަށް ފަހު ސްޓިކާ ބަދަލު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރީ ސަރުކާރުން ޓޫރިޒަމް ދާއިރާ ކުރިއެރުވުމުގެ ބަދަލުގައި މަސައްކަތް ކުރީ ރަށްތައް ވިއްކަން ކަމަށާއި މިހާރު މިއޮތް ހާލަތަށް މި ދާއިރާ ވެއްޓުނީ އޭގެ ސަބަބުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ