ދެ މެޗުން ބަލިވި ނަމަވެސް، ލަންކާއާ ދެކޮޅަށް ރާއްޖޭގެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް

ހިތްވަރާއެކު ކުޅުނު ރާއްޖޭގެ މައްޗަށް ލަންކާއިން ކުރި ހޯދައިފިއެވެ.
މިރޭ ސޯޝަލް ސެންޓަރުގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމާއި ލަންކާގެ ގައުމީ ވޮލީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗު ފެނިގެންދިޔައީ ވަރަށް ވާދަވެރި މެޗެއްގެ ގޮތުގައެވެ. މިރޭގެ މެޗު ލަންކާ އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޝަރަފުވެރިކޮށްދިން އެ މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ ރާއްޖެ އިންނެވެ. ވަރުގަދަ ކުޅުމަކަށްފަހު އެ މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ގެންދިޔައީ 25-22 އިންނެވެ.
ދެވަނަ ސެޓުގައި ލަންކާއިން ކުޅުން ރަނގަޅު ކުރި ތަން ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެ ސެޓުގެ ފަހު ޕޮއިންޓާ ހިސާބަށް ލީޑުގައި އޮތީ ލަންކާގެ ޓީމެވެ. އެ ސެޓު ލަންކާއިން ގެންދިޔައީ 20-25 އިންނެވެ.
އެ މެޗުގެ ތިންވަނަ ސެޓު ދިޔައީ ވަރަށް ހަމަހަމަކޮށެވެ. ފަހު ޕޮއިންޓާ ހަމައަށް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ނަމަވެސް އެ ސެޓު 22-25 އިން ގެންގޮސް، ލަންކާއިން ފަހަތުން އަރައި ލީޑު ނެގިއެވެ.
މެޗުގެ ހަތަރުވަނަ ސެޓުގައި ލަންކާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވަރުގަދަ ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން އެ ސެޓު ލަންކާއިން ކާމިޔާބުކުރީ ބޮޑު ލީޑެއްގައި އޮވެގެންނެވެ. އެ ސެޓު 13-25 އިން ގެންގޮސް، ލަންކާއިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މިރޭ ކުޅުނު މެޗެކޭ އެއްގޮތަށް ރޭ ކުޅުނު މެޗުގައި ވެސް ވަރުގަދަ ލަންކާއާ ދެކޮޅަށް ރާއްޖޭގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. ރޭ ކުޅުނު މެޗު ވެސް ލަންކާއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
ލަންކާ ޓީމު ރާއްޖެއާ ދެކޮޅަށް މެޗުތަކެއް ކުޅުމަށް ރާއްޖެ އައިސްފައިވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ ދައުވަތަކަށް، މިމަހު ނޭޕާލުގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ރާއްޖޭގެ ޓީމު ތައްޔާރުކުރުވުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ