މާލީ ބަޔާން ހުށަހަޅާފައި ނުވާ ކެންޑިޑޭޓުންނަށް ދައުވާކުރަން ފޮނުވައިފި

މާލީ ބަޔާން ހުށަހެޅުމަށް ދިން ސުންގަނޑި ހަމަވިއިރު، މާލީ ބަޔާން ހުށަހަޅާފައި ނުވާ ކެންޑިޑޭޓުންނަށް ފިޔަވަޅު އެޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ފޮނުވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުޑައިރުކޮޅެއްގެ ކުރިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީގުގެ އިންތިހާބާ ގުޅިގެން ގާނޫނުގައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓާ މެދު ގާނޫނުގައި ބަޔާންކުރާ ފިޔަވަޅު އެޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި ބަޔާން ހުށަހަޅާފައި ނުވަނީ 36 ކެންޑިޑޭޓުން ކަމަށެވެ. މީގެ އިތުރަށް 11 ކެންޑިޑޭޓެއްގެ މާލީ ބަޔާން ފުރިހަމަ ކުރުމަށް 7 ދުވަހުގެ މުއްދަތެއް އެ ކެންޑިޑޭޓުންނަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް އަކުރަމު ވަނީ މައުލޫމާތު ދެއްވާފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00 ޖެހުމާ ހަމައަށް މާލީ ބަޔާން ހުށަހަޅަންޖެހޭ ވަގުތު ހަމަވިއިރު މާލީ ބަޔާން ފުރިހަމަކޮށް ހުށަހަޅާފައި ވަނީ 347 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވަނީ ބުނެފަ އެވެ. އަދި އެ މުއްދަތު ހަމަވިއިރު މާލީ ބަޔާން ހުށަނާޅާއި 36 ކެންޑިޑޭޓުން ތިއްބެވިއިރު، އެފަރާތްތަކަށް މުއްދަތު އިތުރުކޮށްދިނުން ނުވަތަ އިތުރު ލުޔެއް ދިނުމަކީ ގާނޫނުގެ ތެރެއިން ކޮމިޝަނަށް ކުރެވެން އޮތް ކަމެއް ނޫން ކަމުގައިވެސް ކޮމިޝަނުން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް މުއްދަތުގެ ތެރޭގައި ބަޔާން ހުށަހެޅުއްވި ބައެއް ކެންޑިޑޭޓުންގެ މާލީ ބަޔާން އިސްލާހުކުރަން 7 ދުވަހުގެ މުހުލަތެއް ދީފައިވަނީ ކީއްވެގެން ކަމެއް ކޮމިޝަނުން ބުނެފައެއް ނުވެ އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުނުގެ 75 ވަނަ މާއްދާގައިވާ ގޮތުން މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތުގައި ބަޔާން ހުށަނާޅައިފިނަމަ އެ ކެންޑިޑޭޓަކު ހަމަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން، ނުވަތަ 6،000 ރުފިޔާ އާއި 24،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
މި އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވި އާއްމު އިންތިހާބުގައި މަޖިލީހުގެ 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވަނީ ވާދަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ