ރައީސް ޔާމީން ފެއިލްވީ ލަފާ އަޑުނޭއްސެވުމުން: ދުންޔާ މައުމޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މަސައްކަތް ކުރެއްވިއިރު، އެންމެ ދަތިވިކަމަކީ ދެއްވަވާ ލަފާ އަޑުނޭއްސެވުންކަމަށާ ބައިނަލްއަގްވާމީ ދުނިޔެއާއި ރާއްޖެ އެހާބޮޑަށް ވަކިވީ ދެއްވެވި ލަފާތައް އަޑުނޭއްސެވުމުންކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ވީޓީވީން ގެނެސްދޭ "ހަމީދުގެ މެހެމާންސަރާ" ޕްރަގްރާމްގައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ އެކަމަނާ ފޮރިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ހިތްޕުޅަށް ދަތިކުރި ކިތަންމެ ކަމެއް ހިނގާދިޔަކަމަށެވެ.
އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖެއިން ގައުމަކާއި ގުޅުން ކަނޑާލުން ވެގެންދިޔައީ އެކަމާ ވަރަށް ހިތާމަކުރެއްވިކަމަކަށްކަމަށް ދުންޔާ ވިދާޅުވިއެވެ. ދުންޔާ ވިދާޅުވީ ޒަމާނުއްސުރެ ގުޅުން ބާއްވަމުން އައި ގައުމަކާއި ގުޅުން ކަނޑާލުމަކީ ވަރަށްވެސް ދެރަކަމެއްކަމަށާ އެފަދަ ކަންކަން ސަރުކާރުން ކުރައްވާފައިވަނީ ފޮރިން މިނިސްޓަރުގެ ލަފަޔާ ޚިލާފަށްކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން އެކަންކަން ކުރެއްވިއިރު ވަގުތުން އިސްތިއުފާނުދެއްވީ ކީއްވެގެންތޯ އަބަދުވެސް ބައެއް މީހުން ސުވާލުކުރާކަމަށާ ނަމަވެސް އެކަމަނާއަކީ މަސައްކަތެއް ފެށުމަށްފަހު، އެ މަސައްކަތަކުން އެހާ ފަސޭހައިން ދުރަށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށް ދުންޔާ ވިދާޅުވިއެވެ. ދުންޔާ ވިދާޅުވީ މަގާމުގައި ހުންނެވީ ކަންކަން އިތުރަށް ގޯސްވުމުގެ ފުރުސަތު ނުދެއްވުމަށާއި ގައުމާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މަގުސަދުގައިކަމަށެވެ.
"ރައީސް ޔާމީނާއެކު މަސައްކަތް ކުރިއިރު، އަޅުގަނޑަށް އެންމެ ދަތިކަމަކީ، ދަންނަވާ ލަފާ ނުއެއްސެވުން، އެއްވެސް ގޮތަކަށް ނުވެއް އައްސަވާ. އަޅުގަނޑު ފޮރިން މިނިސްޓަރަކަށް ހުންނަވަނިކޮށް ފުރަތަމަ ފަހަރަށް ރާއްޖެއިން ގައުމަކާއި ގުޅުން ކަނޑާލީ. އެކަމާ އަޅުގަނޑު ވަރަށް ހިތާމަކުރަން. ނަމަވެސް އަޅުގަނޑަކީ ރައީސެއް އިސްޓްރަކްޝަން ދެއްވީމަ އެކަން ކުރަން ހުންނަ މީހެއް ދެއްތޯ. މިހާރުވެސް ފާޑުކިޔުން އެބަ އާދޭ ކީއްވެގެންތޯ އޭރު ދުރަށް ނުޖެހުނީ. ނަމަވެސް އަޅުގަނޑަކީ މަސައްކަތެއް ފަށާފައި އެހާ އަވަހަށް ދުރަށްޖެހޭ މީހެއް ނޫން."
ދުންޔާ ވިދާޅުވީ ބައިނަލްއަގްވާމީ މުޖްތައުއާއި، ދިވެހި ގައުމު ދުރަށް ދިއުމުގެ ފުރުސަތު ނުދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމީ ގައުމުތައްކަމަށްވާ އިރާން އަދި ގަތަރާ ގުޅުން ވަނީ ކަނޑާލާފައެވެ. އަދި ކޮމަންވެލްތާއެކު އޮތް ގުޅުންވެސް ވަނީ ނިމުމަކަށް ގެނެސް، އެ ޖަމާއަތުން ރާއްޖެ ވަކިވެފައެވެ.
ދިވެހިރާއްޖެއާއި އިރާނާއި ދެމެދު 2 ޖޫން 1975 ވަނަ އަހަރު ގާއިމުކޮށްފައި އޮތް ސިޔާސީ ގުޅުން ދިވެހި ސަރުކާރުން ކަނޑާލީ ގަލްފްގެ ގައުމުތަކާއި މުޅި މެދުއިރުމަތީގެ ހަމަޖެހުމާއި ސުލްހައަށް އިރާނުން ހުރަސް އަޅަމުންދާތީ ކަމަށް ބުނެ 2016 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އެވެ. ދިވެހިރާއްޖެއާއި ގަތަރާއި ދެމެދު 26 މެއި 1984 ވަނަ އަހަރު ގާއިމުކޮށްފައި އޮތް ސިޔާސީ ގުޅުން ދިވެހި ސަރުކާރުން ކަނޑާލީ ޓެރަރިޒަމަށް ވާގިވެރިވާ ގޮތަށް ގަތަރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހު އެވެ. ދިވެހިރާއްޖެއިން 1982 ވަނަ އަހަރު ކޮމަންވެލްތްގެ މެންބަރަކަށް ވެފައިވަނިކޮށް ދިވެހި ސަރުކާރުން ކޮމަންވެލްތުގެ މެންބަރު ކަމުން ވަކިވީ ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ހިފެހެއްޓުމަށްޓަކައި ދިވެހި ރައްޔިތުންގެ ހެވާ ލާބަޔަށް އެދިގެން ކަމަށް ބުނެ 206 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ