ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ޖޭއެސްސީން އެޖެންޑާކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މާދަމާ ބާއްވާ ބައްދަލުވުމަށް އެޖެންޑާކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޖޭއެސްސީއަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ހަފުތާގައި ފާސްކޮށްފައެވެ.
ގާނޫނުއަސާސީގެ 285 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގައި ފަނޑިޔާރުންގެ ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން ޖޭއެސްސީން ދެ އަހަރު ދުވަހުގެ ތެރޭގައި ކަނޑައަޅަންވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ޖޭއެސްސީ ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގައި ޖޭއެސްސީގެ މެމްބަރުން ވަނީ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ ކަންކަން ހުއްޓިފައިވާ ކަމަށް ވިދާޅުވެފައެވެ. ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ ކަންކަން ކުރިޔަށް ނުދަނީ ސުޕްރީމް ކޯޓުން އަންގައިގެން ކަމަށްވެސް ޖޭއެސްސީގެ މެމްބަރުން ވަނީ ކޮމެޓީގައި ވިދާޅުވެފައެވެ.
ފަނޑިޔާރުންގެ ފެންވަރު ބެލުމަށް އެޖެންޑާ ކުރިއިރު ޖޭއެސްސީން އަންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ބަލަމުންނެވެ. އަދި ޖޭއެސްސީން ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން އުވާލުމަށް ހުކުމް ކޮށްފައެވެ. މިމައްސަލާގައި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓާއި ދެމެދު ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ