އިބުރާ ވެސް ހާއްސަ މަޖިލީހުން މުސާރަ ބޭނުން ނުވާ ކަމަށް އަންގަވައިފި

ރައްޔިތުންގެ ހާއްސަ މަޖިލީހުން މުސާރަ ބޭނުން ނުވާ ކަމަށް މާލޭ މެމްބަރު އިބްރާހީމް އިސްމާއީލް )އިބުރާ( ވެސް އަންގަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރެއްގެ ގޮތުން ހާއްސަ މަޖިލީހުގައި ވެސް އިންނަވާ އިބުރާ، ހާއްސަ މަޖިލީހުގެ މުސާރަ ބޭނުން ނުވާ ކަމަށް އަންގަވާފައި ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އިބުރާ މުސާރަ ބޭނުންފުޅު ނުވާ ސަބަބެއް އަހްމަދު ވިދާޅެއް ނުވެ އެވެ.
ހާއްސަ މަޖިލީހުގެ މުސާރަ އިބުރާ ނުނަންގަވާ ގޮތަށް ނިންމެވީ ކީއްވެތޯ އޮޅުންފިލުވުމަށް އިބުރާ އަށް ގުޅުމަށް މިއަދު ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ. ނަމަވެސް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލޭ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) މިއަދު ވިދާޅުވީ ހާއްސަ މަޖިލީހުގެ މުސާރަ އިބުރާ ބޭނުން ނުވާ ސަބަބު އޭނާގެ ގާތުގައި ވިދާޅުވެފައިވާ ކަމަށެވެ.
"އިބުރާ ވެސް ވިދާޅުވީ ގާނޫނު އަސާސީއެއް އިސްލާހުކުރުމަށްޓަކައި މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައިވާވަރު މިހާރު ވެސް މާ ގިނަ ކަމަށް. ގާނޫނު އަސާސީ ނުނިމި ދިގުދެމިގެންދާއިރު، ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވަ ނަންގަވާ ހުންނެވުމަކީ ގަބޫލްކުރެއްވޭ ކަމެއް ނޫން ކަމަށް،" ހާއްސަ މަޖިލީހުގެ މުސާރަ ބޭނުންފުޅު ނުވާ ކަމަށް އާދީއްތަ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައިވާ ނަޝީދު ވިދާޅުވި އެވެ.
ސަތޭކަ ތޭރަ މެމްބަރުންގެ ހިމެނިވަޑައިގަންނަވާ ހާއްސަ މަޖިލީހުގެ ކޮންމެ މެމްބަރަކަށް ވެސް މުސާރަ އަކީ 7،000ރ. އެވެ. އަދި އެލަވަންސްގެ ގޮތުގައި ޖުމްލަ 11،000ރ. ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އޮފީސް އެލަވަންސްގެ ގޮތުގައި 3،000ރ. އާއި ސްޓާފް އެލަވަންސްގެ ގޮތުގައި 1،500ރ. އާއި ފޯނު އެލަވަންސްގެ ގޮތުގައި 1،500ރ. އާއި ލިވިން އެލަވަންސަށް 5،000ރ. އެވެ. ލިވިން އެލަވަންސް ދެނީ މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން އުޅުއްވާ މެމްބަރުންނަށެވެ. އޭގެ އިތުރުން ކޮންމެ އަހަރަކަށް ދަތުރު އެލަވަންސްގެ ގޮތުގައި 12،000ރ. ކަނޑައަޅުއްވާފައި ވެ އެވެ. އެ ފައިސާ ދެއްވަނީ ދަތުރުކުރުމަށް ފަހު ހުށަހެޅުއްވުމުންނެވެ. ހާއްސަ މަޖިލީހުގެ ކޮމެޓީގެ ކޮންމެ ބައްދަލުވުމަކަށް، ކޮންމެ މެމްބަރަކަށް 300ރ. ލިބިވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ