އިންތިޚާބުކުރާ ކައުންސިލްތަކުގެ މައްޗަށް މިނިސްޓަރަކު ހުރުމަކީ ރައްޔިތުންގެ ވެރިކަން ރައްޔިތުން ކުރުމެއް ނޫން: މެންބަރުން

ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގާ އިރު، ރައްޔިތުން އިންތިޚާބުކުރާ އަތޮޅުތަކާއި ރަށު ކައުންސިލްތަކުގެ މައްޗަށް ބަސްކިޔުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މިނިސްޓަރަކު ހުންނެވުމަކީ ރައްޔިތުންގެ ވެރިކަން ރައްޔިތުން ކުރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމާ މެދު މިއަދު ކުރި ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް މި ބިލް މަޖިލީހަށް ބަލައިގަތުމަށް ތާއީދުކުރެއްވި އެވެ. ނަމަވެސް އެ މެންބަރުން ވިދާޅުވީ ބިލްގައި އިސްލާހުކުރަން ޖެހޭ ބޮޑެތި ކަންތައްތަކެއް އެބަހުރި ކަމަށާއި ރައްޔިތުންގެ އެދޭ ފަދަ ތަރައްގީއެއް ހޯދައިދިނުމަށްޓަކައި، މި ބިލް އަވަހަށް ގާނޫނަކަށް ހަދައި ލާމަރުކަޒީ އުސޫލުން ހިންގަން ފެށުން އަވަސްކުރަން ވެއްޖެ ކަމަށެވެ.
ބިލްގައި ހުރި އުނި ކަންތައް ފާހަގަކުރައްވަމުން ބައެއް މެންބަރުން ވިދާޅުވި ގޮތުގައި، ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގުމަށް ގާނޫނު އަސާސީގައި ހިމެނި މަގްސަދާ މި ބިލުން ހާސިލުކުރަން އުޅޭ ކަންތަކާ ފުށުއަރާ ގޮތްވެ އެވެ. މި ދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ، މި ބިލަކީ ގާނޫނު އަސާސީއާ ޚިލާފަށް އެކުލަވާލާފައިވާ ބިލެއް ކަމަށް ވިދާޅުވެ ބިލް ބަލައިނުގަތުމަށް ވެސް ގޮވާލައްވައިފަ އެވެ.
މިއަދުގެ ޖަލްސާގައި ދ. މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވި ގޮތުގައި މި ބިލަކީ ގާނޫނު އަސާސީ އާއި އޭގެ ރޫހާ ވެސް ޚިލާފަށް ސަރުކާރުން އެކުލަވާލާފައިވާ ބިލެކެވެ. ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގުމަށް ބަޔާންކުރުމާ އެކު، އިދާރީ ދާއިރާތައް 21 ދާއިރާއަކަށް )މާލެ އާއި 20 އަތޮޅު( ބަހާލައި ނަންތައް ވެސް ދީފައިވާ އިރު، އަތޮޅުތައް އެއްކޮށްލައި ހަތް ޕްރޮވިންސަކަށް އިދާރީ ދާއިރާތައް ބަހާ އަދި ނަންތަކެއް ދީފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީގައި ދާއިރާތައް ވަކި ގޮތަކަށް ބަހައި ނަންތައް ދީފައިވާ އިރު ބޭނުންހާ އިރަކު އެ ދާއިރާތަކަށް އުނިއިތުރު ނުގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވި ގޮތުގައި އިދާރީ ދާއިރާތައް ހިންގުމަށް އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް އިންތިހާބުކުރަންވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ އިރު، އެ ކައުންސިލްތަކުގެ މައްޗަށް ބަސް ކިޔުމަށް ރައީސް އައްޔަންކުރައްވާ ސްޓޭޓް މިނިސްޓަރަކު ހުންނެވުމަކީ، ކައުންސިލްތަކުން ރައްޔިތުންނަށް ޖަވާބުދާރީވުމަށް އޮންނަ މަގުސަދު ހާސިލުވުމަށް ހުރަސްއެޅޭނެ ކަމެކެވެ. އަދި ސްޓޭޓް މިނިސްޓަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ނެތި އައްޔަންކުރެވޭ ބަޔަކަށް ވުމުން، ކައުންސިލްތަކުގެ ކަންކަމާ ބެހޭ ގޮތުން އެ ބޭފުޅުން މަޖިލީހަށް ޖަވާބުދާރީނުކުރެވުމުގެ އިތުރުން ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް އެ މީހުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ވެސް މަޖިލީހަކު ނުނެގޭނެ ކަމަށް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ މައްޗަށް ބަސް ކިޔުމަށް ސަރުކާރުގެ މިނިސްޓަރެއް ނުވަތަ ސްޓޭޓް މިނިސްޓަރެއް ހުންނަ ނަމަ، ކަތީބުންނާއި އަތޮޅުވެރިން އައްޔަންކޮށްގެން ވެރިކަން ކުރި ކުރުމާ އެއްވެސް ތަފާތެއް ނޯންނާނެ އެވެ.
މާލޭ މެމްބަރު އިބްރާހީމް އިސްމާއީލް )އިބްރާ( ވިދާޅުވި ގޮތުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށާއި އެކަން ކުރަން ޖެހޭނީ ރައްޔިތުން އިންތިހާބުކުރާ ބަޔަކު ކަމަށް ގާނޫނު އަސާސީގައި ލިޔެ ފާސްކުރީ ވަރަށް މަތިވެރި މަގްސަދެއް ހާސިލުކުރުމަށެވެ. ވީއިރު، މި ބިލް ފާސްކުރާ އިރު އެ މަގްސަދަށް ވަރަށް ބޮޑަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށާއި ބިލްގައި ހުރި ބައެއް މާއްދާތަކާއި ބައެއް އުސޫލުތަކާ މެދު ދެ ވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.
އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ އެ ދާއިރާއަކުން އިންތިޚާބުކުރާ މެންބަރުން އެކަނި ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތް އިރު، މި ބިލް ފަރުމާކޮށްފައި އޮތް ގޮތުން، ކައުންސިލްތަކުގެ މައްޗަށް ބަސް ކިއުމަށް ސަރުކާރުން އައްޔަންކުރާ މީހަކު ހުރުމުން އެ މަގްސަދާ ހިލާފުވެދާނެ ކަމަށް ފެންނަ ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.
މި ނުކުތާ އަށް ވާހަކަ ދައްކަވަމުން އއ. މެންބަރު ހުސައިން މުހައްމަދު ވިދާޅުވީ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަކީ އެ ދާއިރާއެއްގެ ރައްޔިތުންގެ ތެރެއިން އިންތިޚާބުކުރެވޭ ބަޔަކަށްވީ ނަމަވެސް، ގާނޫނު ފަރުމާކޮށްފައި އޮތް ގޮތުން، އިންތިޚާބުކުރެވޭ މީހުންނަށް ވުރެ، ރައީސުލް ޖުމްހޫރިއްޔާ އެ ޕްރޮވިންސަކަށް އައްޔަންކުރާ މިނިސްޓަރުންގެ ބާރު ގަދަވާ ކަމަށެވެ.
މީގެ އިތުރުން ބައެއް މެންބަރުން ވަނީ، މި ބިލްގައި އަތޮޅު ކައުންސިލްތަކަށް ދީފައިވާ ބާރުތަކާއި އަތޮޅުތަކުގައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމަށް ކަނޑައަޅާފައި އޮންނަ އުސޫލުތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ.
މި ބިލް އެކުލަވާލާފައިވާ އޮތް ގޮތް ކަމުނުދާ ކަމަށް ވިދާޅުވަމުން، ދ. މެންބަރު އަހްމަދު ނާޝިދު ވިދާޅުވީ ޕްރޮވިންސްތަކުގައި އަމިއްލަ ފަރާތްތަކުން ގާއިމުކުރާ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 ޕަސެންޓަށް ވުރެ ބޮޑު ނޫން މިންވަރެއް އަތޮޅު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ދޭން އޮންނަ އޮތުމަކީ ދެ ވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަތޮޅުތަކުގައި ވަސީލަތްތައް ގާއިމުވެފައި އޮތީ އެކި މިންވަރަށް ކަމަށްވާ އިރު، މި މިންވަރަށް އާމްދަނީން ބައެއް ދޭން އޮތުމުން އަތޮޅުތަކުގެ މެދުގައި ހުރި ތަފާތުތައް އިތުރުވާނެ އެވެ. އެ ގޮތުން މާލެ އަތޮޅާއި އަރިއަތޮޅުގެ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 10 ޕަސެންޓު ވެސް، ދ. އަތޮޅު ހިމެނޭ ޕްރޮވިންސްގައި ހުރި ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 ޕަސެންޓަށް ވުރެ އިތުރުވާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.
ކައުންސިލްގެ ނަމުގައި ހޯދާ ބިންބިމާއި ފަރާއި ފަޅު ފަދަ ތަންތަން އެހެން މީހުންނަށް ދެވޭ ގޮތަށާއި އަމިއްލަ މީހުންގެ މިލްކިއްޔާތުގައި ހިމެނޭ ތަކެއްޗާއި ތަންތަނަށް ބަދަލު ދިނުމަށް ފަހު ކައުންސިލަށް ނެގޭ ގޮތަށް މި ބިލްގެ ނުވަ ވަނަ މާއްދާގައި ހިމަނާފައިވާތީ އެ ކަމަށް ވެސް ބައެއް މެންބަރުން ފާޑުވިދާޅުވި އެވެ.
ދ. މެންބަރު އަހްމަދު ސިޔާމް ވިދާޅުވީ އަމިއްލަ މީހުންގެ އިންވެސްޓްމަންޓްތައް ސަރުކާރަށް ނަގާ އިރު ދޭން ޖެހޭ އަދުލުވެރި ބަދަލު ކަނޑައަޅާނެ ފަރާތެއް މި ގާނޫނުން އެނގެން ނެތް ކަމަށެވެ. އެ ބަދަލު ކަނޑައަޅާނީ މިނިސްޓަރެއްތޯ ސްޓޭޓް މިނިސްޓަރެއްތޯ ނުވަތަ ކައުންސިލަރުތޯ އޭނާ ސުވާލުކުރެއްވި އެވެ.
މާލޭ މެމްބަރު އިބްރާ ވެސް ވިދާޅުވީ ދައުލަތުގެ މުދާ އެކި ފަރާތްތަކަށް ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެކަން ކުރެވޭނީ ވަކި ގޮތްތަކެއްގެ މަތިން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ މީހުންގެ މުދަލާއި ރުއްގަސް ފަދަ ތަކެތި ނެގޭނެ ކަމަށް ބުނެފައިވާ އިރު ރައްޔިތުންގެ މިފަދަ ކަންކަމަށް ހިމާޔަތް ލިބޭނެ ފަދަ ގޮތަކަށް ނޫނީ މި ބިލް ފާސްކޮށްގެން ނުވާނެ އެވެ.
މި ބިލާ ދެކޮޅަށް މި ދިޔަ ހޯމަ ދުވަހު ވާހަކަ ދެއްކެވި ބައެއް މެންބަރުންގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން، ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހީމް ދީދީ ވިދާޅުވީ ސަރުކާރުން މިހާތަނަށް ކައުންސިލްތަކެއް އުފައްދާފައި ނުވާ ކަމަށާއި އައްޔަންކުރައްވާފައި ވަނީ ކައުންސިލަރުންތަކެއް ކަމަށެވެ. އަދި މިފަދަ ގާނޫނެއް ވެސް ނެތީސް ކައުންސިލަރުން އައްޔަންކޮށް ޕްރޮވިންސްތަކަށް ބަހާލައިގެން ލާމަރުކަޒީ އުސޫލުން ސަރުކާރު ހިންގަމުންދަނީ، އެފަދަ ގާނޫނެއް އަންނަންވާ އިރަށް ވެސް ރައްޔިތުން އެ ކަންކަމަށް އަހުލުވެރި ކުރުވައި ރައްޔިތުންގެ ކަންކަން ރައްޔިތުންނާ ވީހާ ގާތުން ކޮށްދިނުމުގެ މަގްސަދުގައި ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ހިންގަން އިތުރު އޮފީސްތަކެއް ހަދާކަށް ސަރުކާރުން ނުވިސްނަ އެވެ. ސަރުކާރުގެ ވިސްނުމަކީ މިހާރު ހުރި އަތޮޅު އޮފީސްތަކާއި ރަށު އޮފީސްތައް ބޭނުންކޮށްގެން ކައުންސިލްތައް ހިންގުމެވެ. އަދި ލާމަރުކަޒީ އުސޫލުން ހިންގުމުގެ މައިގަނޑު މަގްސަދަކީ، މާލެ އާއި އަތޮޅުތަކާ ދެމެދު ހުރި އުޑާއި ބިމާހާ ބޮޑު ތަފާތުތައް ނިމުމަކަށް ގެނެސް ތާހިރު ދިރިއުޅުމެއް ހޯދައިދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ޕްރޮވިންސްތައް އުފައްދައިގެން ކައުންސިލަރުން އައްޔަންކޮށްގެން ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގުމަށް ކުރަމުންދާ މަސައްކަތަށް ބައެއް މީހުން ދެކޮޅުކަން ބައެއް މެމްބަރުން ވިދާޅުވި އެވެ. އަދި އެ މީހުން ދެކޮޅު ހަދަނީ ވެރިކަން ބަދަލުވެފައިވާ ކަން ގަބޫލުކުރަން ބޭނުންނުވާތީ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި މި ބިލާ މެދު 12 މެންބަރަކު ވާހަކަ ދެއްކެވި އެވެ. ދެ ޖަދުވަލާއި 161 މާއްދާ ހިމެނޭ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ހުސްވި މާޗް 19 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ