ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކު ޑީއާރުޕީގެ ދެވަނަ ގައުމީ ޖަލްސާ އިއްޔެ ހަވީރު ނިންމާލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި ޑީއާރުޕީގެ ދެވަނަ ގައުމީ ޖަލްސާ ނިންމުމަށްޓަކައި އިއްޔެ ހަވީރު ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ޕާޓީ އަށް ކުރެވޭނެ ކަމަށާއި އެކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.
ޑީއާރުޕީގެ ޒައީމް އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވާހަކަ ދައްކަވަމުން ވިދާޅުވީ ރައްޔިތުންނަށް ހަގީގަތް އޮޅުން ފިލުވައިދެވިއްޖެ ނަމަ އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ މާ ބޮޑު ކަމެއް ނޫން ކަމަށެވެ.
"ޑީއާރުޕީއާ ދެކޮޅަށް ވާހަކަ ދައްކާ ބަޔަކު ނުވަތަ ދިވެހި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ ބަޔަކު އެ ދައްކާ ވާހަކަތައް ބިނާ ކުރައްވަނީ ހަގީގަތުގެ މައްޗަކަށް ނޫން. އޮޅުވާލުމުގެ މައްޗަށް. ހަގީގަތް އަޅުގަނޑުމެންނަށް އެބަ އިނގޭ. ނަވާރަ ސަތޭކަ ހަތްދިހަ އަށްވަނަ އަހަރު ރާއްޖެ އޮތް ހާލަތާއި މިހާރު ރާއްޖެ އޮތް ހާލަތާ އަޅާ ބަލައިފިއްޔާ މި ހަގީގަތް ވަރަށް ރަނގަޅަށް އޮޅުން ފިލައިގެން ދާނެ. އަޅުގަނޑުމެންނަށް ތަފާތު މައިދާންތަކުގައި ލިބިފައި މިވާ ކުރިއެރުން އަޅުގަނޑުމެން ވަޒަން ކޮށްފިއްޔާ މި ހަގީގަތް ހާމަވެގެންދާނެ. ވަރަށް ގިނަ ބޭފުޅުން ވިދާޅުވި ގޮތުގެ މަތިން މާތް ﷲގެ ވާގިފުޅާއެކު އިރާދަކުރެއްވިޔާ އަޅުގަނޑުމެން މި އިންތިހާބު ވަރަށް ކުލަގަދަ ގޮތެއްގައި ކާމިޔާބު ކުރާނަން،" ޑީއާރުޕީގެ ދެވަނަ ގައުމީ ޖަލްސާ ނިންމުމުގެ ހަފުލާގައި އެ ޕާޓީގެ ޒައީމްގެ ހައިސިއްޔަތުން ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސްގެ ވާހަކައިގައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކާމިޔާބުކުރުމަށްޓަކައި ރައްޔިތުންނަށް ކޮށްދެއްވާނެ ބައެއް ކަންތައްތަކުގެ މައްޗަށް ވެސް އަލި އަޅުވާލައްވައިފަ އެވެ.
"މާތް ﷲގެ އިރާދަފުޅާއެކު އަދި ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދަމަހައްޓާނަން. މާތް ﷲގެ ވާގިފުޅާ އެކު އަދި ދިވެހި ރައްޔިތުންގެ ތާއީދާއެކު ދިވެހިރާއްޖޭގައި އިސްލާމްދީނަށް ހެޔޮ ނޭދޭ ބަޔަކު ވެރިކަމަށް އަޔަކަ ނުދޭނަން. މާތް ﷲގެ ވާގިފުޅާއެކު އަދި ދިވެހި ރައްޔިތުންގެ ތާއީދާއެކު ބޭރުގެ ލާ އިސްލާމީ ހިޔާލުތަކާއި އުސޫލުތަކަށް ވިކިފައި ތިބި ބަޔަކު ރާއްޖޭގެ ވެރިކަމަކަށް އަޔަކަ ނުދޭނަން. މާތް ﷲގެ ވާގިފުޅާއެކު އަދި ދިވެހި ރައްޔިތުންގެ ތާއީދާއެކު ދިވެހިރާއްޖޭގެ އަމާން ކަމާއި ސުލްހަ މަސްލަހަތު ދަމަހައްޓާނަން. ރާއްޖެ އަކީ އުފާ ފާގަތި ކަމާއެކު އާއިލާތަކަށް ދިރިއުޅެވޭނެ ގައުމަކަށް ހަދާނަން. ހުރިހާ ޒުވާނުންނާއި ރައްޔިތުންނަށް ތައުލީމުގެ ފުރުސަތު ހުޅުވިފައިވާ ތަނަކަށް ހަދާނަން. ވަޒީފާގެ ފުރުސަތު އިތުރުކޮށް އިޖުތިމާއީ އަދި އިގުތިސޯދީ ދާއިރާގައި ގިނަ ރައްޔިތުންނަށް ބައިވެރިވެވޭނެ ފުރުސަތު ހުޅުވާލާނަން. މާތް ﷲގެ ވާގިފުޅާއެކު އަދި ދިވެހި ރައްޔިތުންގެ ތާއީދާ އެކު ދިވެހި ރައްޔިތުންގެ ޕާޓީގެ ސަރުކާރަކީ ހަގީގަތުގައި ވެސް ރައްޔިތުންގެ ސަރުކާރެއް ކަމުގައި ހަދާނަން. ރައްޔިތުންގެ އަޑު އަހާ ރައްޔިތުންގެ ހައްގުތައް ހޯދައިދޭ ސަރުކާރަކަށް ހަދާނަން. ދިވެހިރާއްޖޭގެ ސަރުކާރަކީ ތިޔަ ބޭފުޅުންގެ ސަރުކާރު. ދިވެހިރާއްޖޭގެ ސަރުކާރަކީ ދިވެހި ރައްޔިތުންގެ ސަރުކާރު،" ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތައް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް އެ އިބާރާތުން އިއްޔެގެ ޖަލްސާގައި ވާހަކަ ދެއްކެވުމުން އެ ޖަލްސާއަށް ހާޒިރުވި ވަރަށް ގިނަ މެމްބަރުން "ރައީސް މައުމޫން ޒިންދާބާދު" ގޮވައި އަތް ޖަހަމުން ގެންދިޔަ އެވެ.
ތިން ދުވަހަށް ދެމިގެންދިޔަ ޑީއާރުޕީގެ ދެވަނަ ކޮންގްރެސްގައި ވަނީ ހުސްވެފައިވާ ޕާޓީގެ ނާއިބު ޒައީމް ކަމަށް ޕްލޭނިން މިނިސްޓަރު އަދި ރައީސް މައުމޫނަށް ބޮޑު ބޭބެ ވިދާޅުވާ ހަމްދޫން ހަމީދު އިންތިހާބު ކޮށްފަ އެވެ. އަދި އަންހެނުންގެ ގޮފީގެ ނާއިބު ރައީސާ ކަމަށް ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫން އިންތިހާބު ކޮށްފައި ވެ އެވެ. އޭގެ އިތުރުން ކައުންސިލުން ހުސްވެފައިވާ މަގާމުތަކަށާއި މެމްބަރުންގެ ކަންތައްތައް ބަލަހައްޓާ ކޮމެޓީއަށް ވެސް ވަނީ މި ޖަލްސާގައި މެމްބަރުން އިންތިހާބުކޮށްފަ އެވެ. އަދި ޕާޓީގައި ފުރަތަމަ ފަހަރަށް ދީނީ ގޮތްޕެއް އުފެއްދުމަށް ވެސް ފާސްކޮށްފައި ވެ އެވެ.
ޑީއާރުޕީގެ ދެވަނަ ގައުމީ ޖަލްސާގައި ރަށްރަށުންނާއި މާލެއިން 975 މަންދޫބުން ބައިވެރިވެފައިވާއިރު، އެއީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް ޕާޓީގެ އިސް ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ބައްދަލުވުން އިއްޔެ ހަވީރު ނިންމުމަށް ފަހު ކާނިވާ ސަރަހައްދުގައި ރޭ ވަނީ ހަފުލާއެއް ވެސް ބާއްވައިފަ އެވެ. މިއުޒިކް ޝޯއަކާ އެކު ކުރިއަށް ގެންދިޔަ މި ހަފުލާގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ސ. މެމްބަރު އިބްރާހިމް ޝަރީފު (އައްޑޫ ޝަރީފު) އާއި މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު މުހައްމަދު ސަލީމް ވެސް ވާހަކަ ދެއްކެވި އެވެ.
ޑީއާރުޕީގެ ދެވަނަ ގައުމީ ޖަލްސާ ދަރުބާރުގޭގައި ކުރިއަށް ދިޔައިރު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ 1980 އިގެ އަހަރުތަކުގެ ހާލަތު މެމްބަރުންނަށް ދައްކައި ދިނުމަށް ޕާޓީން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމެވެ. އެގޮތުން އެ ދުވަސްވަރު އެކި ރަށްރަށުގައި ފަނުން ހަދާފައި ހުރި ސްކޫލުތަކާއި އޮފީސްތަކުގެ ހާލަތު ދައްކުވައިދޭ ފޮޓޯތައް މެމްބަރުންނަށް ފެންނަ ގޮތަށް ހަރުކޮށްފައި ހުއްޓެވެ. އަދި މި ބައްދަލުވުމުގައި ވަރަށް ބޮޑަށް ރައީސް މައުމޫނުގެ ސަރުކާރުގައި ހޯދާފައިވާ ކާމިޔާބުތައް ބައިވެރިންނަށް އަންގައިދޭން މަސައްކަތް ކޮށްފައި ވެ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން ދެމުން ގައުމީ ޖަލްސާ ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ