އަންނަ ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށް ކުރާ މަސައްކަތުގައި "މާ ބޮޑު ތާއީދެއް" ނުލިބޭ ކަމަށް މަދަނީ އިއްްތިހާދުން މިއަދު ބުނެފި އެވެ.
"މިނިވަން އިއްތިހާދު" ގެ ކޯލިޝަން ހަދައިގެން މަސައްކަތްކުރާ ކުޑަ ހަތަރު ސިޔާސީ ޕާޓީއާއެކު މަދަނީ އިއްތިހާދުން މިއަދު ހަވީރު ނަލަހިޔާ ހޮޓެލްގައި ބޭއްވި ބައްދަލުވުމަށް ފަހު މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ސަޕޯޓު އެއް ކެންޑިޑޭޓަކު ނެރުމަށް ނުލިބެނީ އެ ޕާޓީތަކުން ވަކި ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާތީ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް މަސައްކަތްކުރި ހުރިހާ ބޮޑެތި ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން. އެހެން ނަމަވެސް މިހާރު ސަރުކާރުގައި މި އޮތް ކޯލިޝަނުން ހުރިހާ ޕާޓީތަކުން އެންމެ އެދެވޭ ގޮތުގައި އަޅުގަނޑުމެން ހީކުރި ވަރަށް އެއްބާރުލުމެއް ނުލިބުން،" އަބްދުﷲ ވިދާޅުވި އެވެ.
އެނާ ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރުމަށްކުރާ މަސައްކަތުގައި ހުރިހާ ޕާޓީތަކުން އެއްބާރުލުން ނުލިބުމަކީ ޑިމޮކްރަޓިކް ވެއްޓެއްގައި މައްސަލައެއް ނޫން ކަމަށާއި އެ ޕާޓީތަކުން ނިންމާފައި ވަނީ އެ ޕާޓީގެ މެންބަރުންގެ ވިސްނުމާއި އެއްގޮތަށް ކަމަށެވެ.
ވަކި ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާ ނުވާ ސިޔާސީ ޕާޓީތަކާއި އެކުވެސް ފުޅާދާއިރާ އެއްގައި މަޝްވަރާ ކުރެވުނު ނަމަވެސް އެއް ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީތަކާ އެކުވެސް އެއްބަސްވުމަކަށް ނާދެވުނު ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރުމާއި ގުޅޭ ގޮތުން "މިނިވަން އިއްތިހާދު"ގައި ހިމޭނެ ޕީޕަލްސް ޕާޓީ އާއި އެމްއެސްޑީޕީ އަދި މޯލްޑިވްސް ނެޝަނަލް ކޮންގްރެސްގެ އިތުރުން އައިޑީޕީ އާއި އެކު މަދަނީ އިއްތިހާދުން މިއަދު ބޭއްވި ބައްދަލުވުގައި ވެސް ވަކި ގޮތަކަށް ނިންމިފައެއް ނުވެ އެވެ.
މަދަނީ އިއްތިހާދުން ބުނީ އެ ހަތަރު ޕާޓީއާ އެކުވެސް އިތުރު މަޝްވަރާތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވަކި ކެންޑިޑޭޓެއް ނެރޭނެ ކަމަށް ޕީޕީއެމް އާއި ޑީއާރުޕީ އަދި ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ.
އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް ޕާޓީތަކުގެ އެއްބާރުލުން ކުޑަ: މަދަނީ އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ