އަޅުގަނޑުގެ ގެދޮރަށް ހަމަލާދެނީ ސަރުކާރުން ރާވައިގެން: މައުމޫން

ސަރުކާރާއި އެމްޑީޕީގެ އިސް ބައެއް ފަރާތްތައް އިސްވެ ތިބެ ސުޕްރީމް ކޯޓު ދޮށުގައި މިއަދު ހަވީރު ކުރި މުޒާހަރާ އަށް ފަހު، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު ދޮށަށް ގޮސް އެ ގެކޮޅަށާއި ކައިރި ގޭގެއަށް ގެއްލުންދީފައިވަނީ، ސަރުކާރުން ރާވައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެކްޓިވިސްޓުން އެންދެރިމާގެ ސަރަހައްދުގައި މުޒާހަރާކޮށް ހިންގި ހަމަނުޖެހުމުގައި މ. އެންދެރިގަސްގެ އެޕާޓްމަންޓެއްގެ ބިއްލޫރު ދޮރެއް ތަޅާލާފައި. ދި ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން މިއަދު ހަވީރު ވިދާޅުވީ އެ މަނިކުފާނު ދިރިއުޅުއްވާ އެންދެރިމާގެ އަށާއި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ ކާރަކަށް ހަމަލާދީފައިވަނީ އެމްޑީޕީން ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެ ހަމަލާތައް ދެނީ ސަރުކާރުގެ އިސް ވެރިން އަމަލީ ގޮތުން ބައިވެރިވެގެން ސަރުކާރުން ރާވައިގެން ކަމަށެވެ.
"]އެންދެރިމާގެ އަށް ހަމަލާދީ ހަމަނުޖެހުން ހިންގި މީހުންގެ ތެރޭގައި[ ސަރުކާރުގެ އިސް ބޭފުޅުން ތިއްބެވި. އަޅުގަނޑު ދުށިން މައިޒާން އަލި މަނިކު، އެއީ ]މާލޭގެ[ މޭޔަރު. އަދި ދުށީން ޒިޔާދު، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކޮންމެވެސް ސެކްރެޓަރީއެއް. އޭނަ ވެސް މިތާ ހުންނެވި. އެ މީހުން އައީ ތި ވިދާޅުވާ އެކްޓިވިސްޓުން ގޮވައިގެން. އައިސް އަޅުގަނޑުމެންގެ ގެއަށް ވެސް ހަމަލާދިނީ. ކައިރީގައި ހުރި ބައެއް ގޭގެއަށް ވެސް ހަމަލާ ދިނީ. ގޭގޭގެ ބިއްލޫރިތައް ތަޅާލައި އަޅުގަނޑުމެންގެ ކައިރީގައި ހުރި ގޭގެ ގަރާޖް ދޮރުތައް ތަޅާލައި، އަޅުގަނޑުގެ އާއިލާގެ މީހެއްގެ ކާރު ފުނޑުފުނޑުކޮށްލައި، އަދި މުޅި ތަނަށް ގައު އުކައި މި ހުރިހާ ކަމެއް ކުރީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ހުރިހާ ގެއްލުމެއް ދިން އިރު އެ ހިސާބަށް އެއްވެސް ފުލުހެއް ވެސް ސިފައިންގެ މީހެއް ވެސް ނާންނަ ކަމަށެވެ. އަދި އެ ގޮތަށް އެ ކަންތައް ދިއުމުން ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހު ޒާތީ ގޮތުން އެ ގެއްލުންތަކުގެ ޒިންމާ އުފުއްލަވަންޖެހޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އެއީ އެ ބޭފުޅުން އަޅުގަނޑަށް ހިމާޔަތް ނުދެއްވީތީ. އަޅުގަނޑަށް ވެސް އަޅުގަނޑުގެ އާއިލާ އަށް ވެސް އަޅުގަނޑުގެ އަވައްޓެރިންނަށް ވެސް ހިމާޔަތް ނުދެއްވީތީ އެ ދެ ބޭފުޅުން ސީދާ މި ކަމުގެ ޒިންމާ ނަންގަވަންޖެހޭނެ. އަދި ސަރުކާރުން ވެސް ނަގަންޖެހޭނެ. ގާނޫނާއި ގަވާއިދާ ޚިލާފަށް މިކަން މިކުރީ،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރަކީ އެންމެނަށް ވެސް ބިރުދައްކައިގެން ކަންތައް ކުރަން ބޭނުންވާ ސަރުކާރެއް ކަމަށެވެ. އަދި މިއަދު ސުޕްރީމް ކޯޓުގެ ކުރިމަތީގައި މުޒާހަރާ ކުރީ ވެސް ސަރުކާރުން ޝަރުއީ ދާއިރާ އަށް ބިރުދައްކަން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ނުބުނަމޭ އެމްޑީޕީގެ އެކްޓިވިސްޓުންނެކޭ، އެހެން ވިދާޅުނުވާށޭ. މިއީ ސަރުކާރުން ކުރުވާ ކަމެއް. އެ މީހުން އެ ފިއްތަނީ ޝަރުއީ ދާއިރާ އަށް. އެއީ މުސްތަގިއްލު ދާއިރާއެއް. އެއް ގޮތަކަށް ވެސް ބިރުދައްކައިގެން ނުވާނެ. ޝަރުއީ ކޯޓުތަކުން ވަގުތުން ހުކުމް ވެސް އިއްވަންޖެހޭނެ. ސުޕްރިމް ކޯޓުން ވެސް ހުކުމް އިއްވަންޖެހޭނެ އެ ކަންތައް ކުރި ބަޔަކާ ދޭތެރޭގައި ވަގުތުން. އެއީ ގާނޫނު އޮންނަ ގޮތަކީ،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ގާނޫނުތަކުގައި ޝަރުއީ ދާއިރާ ހިމާޔަތްކޮށްފައި އޮންނަ އިރު، ޝަރުއީ ދާއިރާ އަށް ގޮންޖަހާ ފަރާތްތަކާ މެދު ގާނޫނުގައި އޮންނަ ގޮތަށް ފިޔަވަޅުއަޅަން ކޯޓުތައް ފަސްޖެހެނީ ބިރުން ކަމަށެވެ.
"އެކަމު އެ ބޭފުޅުން ނުކުރައްވާ. ބިރުން އެ ތިއްބަވަނީ. މިއީ ބިރުދެއްކުމުގެ ސަރުކާރެއް. އެންމެނަށް ބިރުދައްކަނީ. މިނިވަން މުއައްސަސާތަކަށް ޝަރުއީ ދާއިރާ އަށް. އަމިއްލަ މީހުންނަށް. އާއިލާތަކަށް. ދިވެހި ރައްޔިތުންނަށް ބިރުދައްކައިގެން މި އުޅެނީ. އެއްވެސް މީހަކަށް އެ މީހެއްގެ އަމިއްލަ ނަފްސުގެ ސަލާމަތްކަމެއް މިހާރު ނެތް،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ސަރުކާރުގެ އިސް ވެރިން އިސްވެ ތިއްބަވައިގެން މިއަދު ދިން ގެއްލުންތަކުގެ ވާހަކަތައް ބައިނަލްއަގުވާމީ ފަރާތްތަކަށާއި ބޭރު ގައުމުތަކުގެ ސަރުކާރުތަކަށް ވެސް އަންގަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ