ޕީޕިއެމްގެ ވަގުތީ ރައީސް ކަމަށް މައުމޫން ކުރިމަތިލެއްވުމުން ސިޔާސީ ބައެއް ބޭފުޅުން ފާޑު ވިދާޅުވެއްޖެ

ސިޔާސީ ކަންކަމާ ދުރުގައި ހުންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވުމަށްފަހު، ޕީޕީއެމްގެ ލީޑާޝިޕަށް މައުމޫން ވަޑައިގަތުން، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ސިފަކުރައްވާފައި ވަނީ "ސިޔާސީ މަކަރުވެރި ކަމެއް"ގެ ގޮތުގަ އެވެ.
"އެ ޕާޓީ [ޕީޕީއެމް] ގެ އެއްވެސް ކަމަކާ އަޅުގަނޑުމެން މެއެއް ނުގުޑާ. އަޅުގަނޑުމެންނަށް އެނގޭ އެ ޕާޓީގެ ލީޑަރަކަށް މައުމޫން އަންނާނެކަން ވެސް. އެއީ ސިޔާސީ މަކަރުވެރިއެއް،" ހަވީރަށް ދެއްވި އިންޓަވިއުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވި އެވެ.
މޫސަ އިތުރަށް ވިދާޅުވީ ސިޔާސީ މައިދާނުގައި މައުމޫން އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގަންނަވަން ފެއްޓެވުމުން، އެ މަނިކުފާނަށް ދައުލަތުން ދެމުންދާ މާލީ އިނާޔަތްތައް ކަނޑާލަންޖެހޭނެ ކަމަށެވެ. ދައުލަތުން މައުމޫނަށް އިނާޔަތް ދެނީ ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން ނޫޅުއްވައި، އަބުރުވެރި ދިރިއުޅުމެއް އުޅުއްވުމަށް ކަމަށާއި މިހާރު އެމަނިކުފާނަށް އިނާޔަތް ދެއްވާ ނަމަ އެހެން ޕާޓީތަކުގެ ލީޑަރުންނަށް ވެސް އިނާޔަތާއި ސެކިއުރިޓީ ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކުރިން ވެރިކަން ކުރައްވާފައިވާ ބޭފުޅަކު އަލުން ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގަތުމަކީ "ކުރިއަރާފައިވާ ގައުމުތަކުން ފެންނަ މަންޒަރެއް ނޫން" ކަމަށެވެ. އަދި މައުމޫން މަގަމާކަށް ހޮވުމަކީ "އަޅުގަނޑުމެން ޑީއާރުޕީއާ ބެހޭ ކަމެއް ނޫން" ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
އޭނަ އިތުރަށް ވިދާޅުވީ "ޕީޕީއެމްގެ އުފެއްދުމުގެ ޖަލްސާއިން އެ ޕާޓީގައި ޑިމޮކްރަސީ އޮތް މިންވަރު ފެނިގެން ހިނގައްޖެ،" ކަމަށާއި "[ޕީޕީއެމްގެ ވަގުތީ] ކައުންސިލަށް ހޮވުނީ ގޭ ކުދިން ކޮޅަކާއި މަގުމަތީ ކުދިން ކޮޅެއް" ކަމަށެވެ.
"ކައުންސިލްގައި ގިނައިން ތިއްބެވީ މައުމޫނު ބުނީމަ ބުނާހާ ގޮތެއް ހަދާނެ މީހުން،" އޭނާ ވިދާޅުވި އެވެ.
ޑީއާރުޕީއާ އެކު ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ "މައުމޫން އަމަލުކުރައްވަމުން ވަޑައިގަންނަވަނީ އެންމެ ބުއްދިވެރި، ގައުމު އެންމެ އެދޭ ގޮތަށް ނޫން" ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ކޮންމެ ފަރުދަކަށް ވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އޮންނާނެ ކަމަށާއި ނަމަވެސް މައުމޫނަކީ 30 އަހަރު ވެރިކަން ކުރައްވާފައިވާ ބޭފުޅަކަށްވާތީ، އެންމެ ބުއްދިވެރި ގޮތަކީ އެމަނިކުފާނުގެ ތަޖުރިބާ އާއި އިލްމު ބޭނުންކުރައްވައިގެން އިދިކޮޅު ޕާޓީތައް އެއްބައިވަންތަކުރުން ކަމަށެވެ.
"ނަމަވެސް އެ މަންޒަރެއް ނޫން ފެންނަމުން މިދަނީ. އެއީ ވަރަށް ހިތާމަކުރާ ކަމެއް. ކަންބޮޑުވާ ކަމެއް. މައުމޫން އެގޮތަށް އަމަލު ކުރެއްވުމުން އިދިކޮޅު ފަރާތްތަކަށް ހީނަރުކަން އަންނާނެ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ޕީޕީއެމް އުފެއްދުމުގެ ދިގު ޖަލްސާ ރޭ ނިމިގެން ދިޔައިރު އެ ޕާޓީގެ ވަގުތީ ރައީސް ކަމަށް މައުމޫން ނޫން ބޭފުޅަކު ވާދައެއް ވެސް ނުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ