ޣިޔާސުއްދީން ސްކޫލު ޕްރައިވެޓައިޒް ކޮށްފައިވާއިރު އެ ސްކޫލު ކުރިއެކޭ އެއްގޮތަށް ސަރުކާރުން ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ބ. ތުޅާދޫ ހަނދުވަރުމަތީގޭ މުހައްމަދު އަސްރާރުގެ ދެ ކުއްޖަކަށް ޣިޔާސުއްދީން ސްކޫލު އިންޓަނޭޝަނަލް ސްކޫލުން ޖާގަ ނުލިބުމާ ގުޅިގެން އޭނާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ އެ ސްކޫލުގެ ހިންގުން ޣައިރު މުސްލިމް ބަޔަކާ ހަވާލު ކުރެވުމާ އެކު އަސްރާރުގެ ދެ ކުދިން އެ ސްކޫލުގައި ބޭތިއްބުމަށް ނޭދޭތީ މާލޭގައި ސަރުކާރުން ހިންގާ އެހެން ޕްރައިމަރީ ސްކޫލަކަށް ބަދަލުކޮށްދިނުމަށް އެދިފައިވާކަން އެނގޭ ކަމަށެވެ. އަދި އެ ސްކޫލުތަކުގައި ޖާގަ އޮތްނަމަ އެ ދެ ކުދިންނަށް ޖާގަ ދިނުމަށް އެޑިއުކޭޝަނުން އެންގުމުން އޭގެ ތެރެއިން ގްރޭޑް 6 އަށް ވަންނަން އެދުނު އަސްރާރުގެ ދަރިފުޅަށް ޣާޒީ ސްކޫލުންނާއި މުހުޔިއްދީން ސްކޫލުގައި ޖާގަ އޮތްކަން އަސްރާރަށް އެންގުމުން އެއިން އެއްވެސް ތަނަކަށް ދަރިފުޅު ވެއްދުމަށް އޭނާ ބޭނުން ނުވި ކަމަށް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ ދެ ސްކޫލުގެ ބަދަލުގައި މާލޭގައި ސަރުކާރުން ހިންގާ އެހެން ސްކޫލަކުން ޖާގަ ހޯދުމަށް އަސްރާރު އެދުނު ކަމަށް ވެސް ހުކުމްގައިވެ އެވެ.
މީގެ އިތުރުން ހުކުމްގައި ވަނީ ގާނޫނު އަސާސީގެ 36 ވަނަ މާއްދާގެ (ށ) ދަށުން އެ ސްކޫލެއްގައި އެ ވަގުތަކު ތިބި ދަރިވަރުން ސްކޫލުގައި ތިބެގެން ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔެވުމުގައި އެ ކުދިންގެ ސްކޫލް ފީ ދައްކައިދިނުން ދައުލަތުގެ މައްޗަށް ލާޒިމްވެގެން ނުވާ ކަމަށާއި ދައުލަތަށް ލާޒިމް ވަނީ ފަށާ ތައުލީމާއި މެދު މަދުރަސީ ތައުލީމް ހިލޭ ފޯރުކޮށްދިނުން ކަމަށްވާއިރު އެކަން ވަކި ސްކޫލެއްގައި ފޯރުކޮށްދިނުން ލާޒިމްވެގެން ނުވާނެ ކަމަށެވެ. އަދި އެ ދަރިވަރަކު ދިރިއުޅޭ ރަށަކުން އެ ކަންތައް ހަމަޖެހިއްޖެ ނަމަ އެއީ ގާނޫނު އަސާސީގެ 36 ވަނަ މާއްދާގެ (ށ) ގައި ބުނާ ކަންތައްތައް ފުރިހަމަވީ ކަމަށް ބެލެވޭނެ ކަމަށް ވެސް ހުކުމްގައިވެ އެވެ. މީގެ އިތުރުން ހުކުމްގައިވާ ގޮތުން ދައުލަތުން ހިލޭ ތައުލީމް ފޯރުކޮށްދޭ ސްކޫލެއްގެ ގޮތުގައި ހުރި ތަނެއް ޕްރައިވެޓައިޒް ކުރުމާއެކު އެ ސްކޫލަކުން ކުދިންގެ އަތުން ފީއެއް ނެގުމަކީ ގާނޫނު އަސާސީގެ 36 ވަނަ މާއްދާއާ ހިލާފު ކަމެއް ނޫނެވެ. އެހެންވެ އެފަދަ ސްކޫލެއްގައި ފީ ދައްކައިގެން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ކުއްޖަކު ދިރިއުޅޭ ރަށަކުން ގާނޫނު އަސާސީގެ 36 ވަނަ މާއްދާގެ (ށ) ގައި ބުނާ ހިލޭ ތައުލީމް ލިބޭނެ ގޮތް ދައުލަތުން ހަމަޖައްސައިދޭންވާނެ ކަމަށް ހުކުމްގައިވެ އެވެ.
"ފީ ދައްކަން ޖެހޭ ސްކޫލެއްގައި ދަރިވަރު ހުރެ އެ ދަރިވަރުގެ ފަރާތުން ސްކޫލަށް ދައްކަންޖެހޭ ފީ ސަރުކާރުން ދައްކާ ކަމުގައިވަނީ ނަމަ، އެއީ ގާނޫނު އަސާސީގެ 36 ވަނަ މާއްދާގެ (ށ) ގައި ދައުލަތުގެ މައްޗަށް ލާޒިމްކުރާ އިލްތިޒާމް ފުރިހަމަ ކުރީ ކަމުގައި ބެލޭނެ ކަމާއި މި މައްސަލާގައި މުހައްމަދު އަސްރާރުގެ ގްރޭޑް 7 ގެ ދަރިވަރުގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މި ދަރިވަރު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ހުރެ ތައުލީމް ފުރިހަމަ ކުރުމާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި މި ދަރިވަރު ތައުލީމް ހާސިލް ކުރުމުގައި މި ދަރިވަރުގެ ފަރާތުން ސްކޫލަށް ދައްކަންޖެހޭ ފީ ދައުލަތުން ދައްކާ ގޮތަށް ހަމަޖެހި އެ ފުރުސަތު އޮވެމެ، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި މި ދަރިވަރު ބަހައްޓަން މުހައްމަދު އަސްރާރު ނޭދޭތީ، އެހެން ސްކޫލަކަށް ބަދަލުވުމަށް އެދުނު ހިނދު، މުހައްމަދު އަސްރާރު އެދުނު ފަދައިން ވަކި ސްކޫލަކުން މި ދަރިވަރަށް ޖާގަ ނުލިބުމަކީ ގާނޫނު އަސާސީގެ 36 ވަނަ މާއްދާގެ (ށ) އިން ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަންތައް ފުރިހަމަ ނުކުރި ކަމަށް ބެލޭނެ ސަބަބެއް ނޫން" ކަމަށް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ކުރެއްވި ހުކުމްގައިވެ އެވެ.
ޣިޔާސުއްދީން ސްކޫލު ސަރުކާރުން ހިންގުމަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ