އަބްދުﷲ ގާޒީ ހައްޔަރުކުރި ގޮތަށް ޕީޖީ މުއިއްޒު ހައްޔަރުކޮށްފާނެތީ ކަންބޮޑުވޭ: ޑީއާރްޕީ

ގާނޫނު އަސާސީ އާއި ބައިނަލް އަގުވާމީ އުސޫލްތަކާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގިރިފުއްޓަށް ގެންގޮސްފައިވާ ގޮތަށް ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒު ހައްޔަރުކޮށްފާނެތީ ކަންބޮޑުވާ ކަމަށް ޑީއާރްޕީން ބުނެފި އެވެ.
އެ ޕާޓީގެ އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ އެމްޑީޕީން މަޖިލީހަށް ހުށަހަޅައިގެން ޕީޖީ މަގާމުން ވަކިކުރަން އުޅުނަސް ޑީއާރްޕީން އެ ކަމަށް ތާއީދުނުކުރާނެ ކަމަށެވެ.
ޕީޖީ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ މަގާމުން ވަކިކުރުމަށް އެމްޑީޕީން ޕެޓިޝަނެއް ތައްޔާރުކުރަމުންދާ އިރު، މަޖިލީހުގައި އެ ކަމަށް ތާއީދުނުކުރާނެ ކަމަށް ޕީޕީއެމުން ވެސް ވަނީ ބުނެފަ އެވެ.
"ޕީޖީ ވަކިކުރަން މި ޕާޓީގެ ވޯޓެއް ނުދޭނަން. އަޅުގަނޑުމެންގެ ވޯޓު ނުލިބި ގާނޫނީ ހައިސިއްޔަތަކުން ޕްރޮސިކިއުޓާ ޖެނެރަލް ވައްކެއް ނުކުރެވޭނެ. ނަމަވެސް އަޅުގަނޑުމެންގެ ބިރަކީ އަބްދުﷲ ގާޒީ ގެންދިޔަ ގޮތަށް ދޮރު ވައްޓާލާފައި ޕީޖީ ގިރިފުއްޓަށް ގެންގޮސްފާނެތީ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ގައުމު ހިންގަނީ "މާޝަލް ލޯ އެޑްމިނިސްޓޭޝަނުން" ކަމަށާއި ގައުމުގެ ހައްގުގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމެވެ. ރައްޔިތުންގެ ވޯޓާ އެކު ރައީސް ނަޝީދު ވެރިކަމަށް ގެނައީ ދުސްތޫރީ ވެރިކަމެއް ހިންގުމަށް ކަމަށް އެ މަނިކުފާނުގެ ވިސްނުންފުޅު ބަހައްޓަވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"އެކަމަކު ރައްޔިތުންނަށް ފުރަގަސްދީ، ގައުމު މި ވަނީ ނުރައްކަލެއްގެ ތެރެއަށް ވައްޓާލާފައި. ގައުމީ ސަލާމަތަށްޓަކައި ވެސް ރައީސް ނަޝީދު އިސްތިއުފާދެއްވަން ޖެހޭ. ކަންތައް މި ހިނގާ ގޮތަށް ކުރިއަށް ދާނަމަ ރައްޔިތުން މަޑަކުން ނުތިބޭނެ. ނަތީޖާއަކަށް ވާނީ މުޅި ގައުމުގައި ހަމަނުޖެހުން އުފެދުން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލީބިޔާ އާއި މިސްރު ފަދަ ގައުމުތަކުގައި ހިނގައިދިޔަ ކަންތައް ރާއްޖެ އިން ފެނިދާނެތީ ޑީއާރްޕީން ކަންބޮޑުވެ އެވެ. ރައީސް ނަޝީދަކީ ޑިމޮކްރަސީ އަށް ލޯބިކުރައްވާ ބޭފުޅެއް ކަން ސާބިތުކުރެއްވުމުގެ ވަގުތު ޖެހިފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"މަނިކުފާނަށް ސަރުކާރު ހިންގަން އެނގިވަޑައެއްނުގަތޭ. ގައުމު ހިންގުމުގެ ތަޖުރިބާއެއް ނެތޭ. ގައުމުގެ އިގްތިސާދު ދަމަހައްޓާނެ ވިސްނުންފުޅެއް ނެތޭ. މަނިކުފާނުގެ ނައިބަކަށް ހުރީ ކިޔަވައިގެން ހުންނެވި ބޭފުޅެކޭ. ދައުލަތުގެ ހަޒާނާ އިން ބޮޑު މުސާރަ ދީފައި ބަހައްޓަވާފައި ހުންނެވީ މި ބާވަތުގެ ހާލަތު އައީމަ ވެރިކަން ހަވާލުކުރާށޭ،" ސަރުކާރަށް ފާޑުވިދާޅުވެ ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ