މަގާމުން ވަކިކުރިއަސް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ފިޔަވަޅު އަޅާނަން: ޕީޖީ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަގާމުން އޭނާ ވަކިކުރަން އެމްޑީޕީން މަސައްކަތްކުރި ކަމުގައި ވިޔަސް، ގާނޫނާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޖީ މަގާމުގެ މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާނުކުރައްވާ ކަމަށް ބުނެ ޕީޖީ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ރޭގައި ވަނީ ޕެޓިޝަނެއް ތައްޔާރުކުރަން ފަށައިފަ އެވެ.
"ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު މިއަދު ވިދާޅުވީ މަގާމުން ވަކިކޮށްފާނެ ކަމުގެ ބިރަށްޓަކައި، ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ޖެހިލުންވެ ވަޑައިނުގަންނަވާނެ ކަމަށެވެ. މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅިއަސް އަބްދުﷲ ގާޒީގެ މައްސަލަ ތަހްގީގުކުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވަކިކުރިއަސް ނުކުރިއަސް އެ މައްސަލަ ތަހްގީގްކުރުވައި އެ ކަމުގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން،" މުއިއްޒު ވިދާޅުވި އެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ޕީޖީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ވާހަކަ ދައްކަވާފައިވެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ 800 މިލިއަން ޑޮލަރުގެ މައްސަލަ ވެސް ޕީޖީން ބަލާފައިނުވާ ކަމަށް ބުނެ ޒިންމާތަކަށް އިހުމާލުވެޑައިގެންފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
މުއިއްޒު ވިދާޅުވީ މައްސަލަތައް ތަހްގީގްކުރުމަކީ ޕްރޮސިކިއުޓާ ޖެނެރަލްކުރާ ކަމެއް ނޫން ކަމަށާއި އެ މައްސަލަތައް ހުށަހަޅަންޖެހޭ އިދާރާތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ގެއަށް ސިފައިންނާއި ފުލުހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ވަދެ ސިފައިން އޭނާ ހައްޔަރުކޮށްގެން ގެންދިޔަ ފަހުން މިހާތަނަށް އޭނާގެ އެއްވެސް ޚަބަރެއްނުވެ އެވެ. ގާޒީ ވީ ތަނެއް ނޭނގޭ ކަމަށް ފުލުހުންނާއި އޭޖީ އޮފީހާއި ޕީޖީ އޮފީހުން ބުނާއިރު، އެ ކަމާ ބެހޭ ގޮތުން ސިފައިން އެއްވެސް އެއްޗެއް ނުބުނެ އެވެ. އަދި އާއިލާގެ ފަރާތުން ސިފައިންގެ އަށް ގޮސް އަބްދުﷲ ގާޒީއާ ބައްދަލުކުރަން އެދުމުން ވެސް އެކަން ކޮށްދީފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ