ޑީއާރުޕީގެ އާންމު ބައްދަލުވުން: އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ޑީއާރުޕީން ކާމިޔާބުކުރަން ޖެހޭނެ: ޒައީމް

އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބާއި، ރާއްޖޭގައި އޮންނަ ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ސިއްރު ވޯޓު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ކާމިޔާބުކުރަން ޖެހޭނެ ކަމަށާއި އެ ޕާޓީ އަށް އެކަން ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ޒައީމް އަލްއުސްތާޒް މައުމޫނު އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި ޑީއާރުޕީގެ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނަގާ ސިއްރު ވޯޓާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބަކީ އެ ޕާޓީ އަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށެވެ.
"އެ އިންތިހާބު އަޅުގަނޑުމެން ކާމިޔާބު ވެސް ކުރަން ޖެހޭނެ. ދެ ހާސް އަށް ވަނަ އަހަރު ބޭއްވޭ ރިޔާސީ އިންތިހާބު ދިވެހި ރައްޔިތުންގެ ޕާޓީން ކާމިޔާބުކުރަން ޖެހޭނެ. މާތް ﷲ ގެ ވާގިފުޅާއެކީ އަޅުގަނޑުމެންނަށް އެކަން ވާނެ. އެއީ އަޅުގަނޑުމެންގެ ޕާޓީއަކީ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު، ރައްޔިތުން އެންމެ އިތުބާރުކުރާ އެންމެ ކާމިޔާބު ޕާޓީއަކަށް ވާތީ. އަދި މި ގޮތުގައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ދެމެހެއްޓޭނެތީ. އެހެންވެ ތިޔަ ހުރިހާ ބޭފުޅުންގެ އަރިހުން އަޅުގަނޑު އެދެނީ މި ދެންނެވި ދެ ގޮންޖެހުން ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދެއްވުން. ފުރަތަމަ ކަމަކީ މި އަހަރު ބޭއްވޭ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ބެހޭ ވޯޓު އަޅުގަނޑުމެން ބޭނުންވާ ގޮތަށް ކާމިޔާބުކުރުން. ދެވަނަ ކަމަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު، މި ޕާޓީން ބޭނުންވާ ގޮތަށް ކާމިޔާބު ކުރުން،" ޑީއާރުޕީގެ ޒައީމް ވިދާޅުވި އެވެ.
ޒައީމް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު، ގިނަ ޕާޓީތަކެއްގެ މެދުގައި ވާދަކޮށްގެން ބޭއްވޭނެ ކަމަށް އެމަނިކުފާނު އުއްމީދު ކުރައްވާ ކަމަށާއި އެކަމަކު އެކަން ވާނީ މަގު ޗާޓުގައިވާ ގޮތުގެ މަތިން ގާނޫނު އަސާސީ ފާސްކޮށް، އަދި އޭގެ ދަށުން ހަދަންޖެހޭ އިންތިހާބާ ބެހޭ ގާނޫނުތައް ވެސް ފާސްކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް މަގު ޗާޓުގައިވާ ތާރީހަށް ނިންމޭތީ ބެލުމަކީ ޕާޓީގެ އެންމެންގެ ވާޖިބެއް ކަމަށެވެ.
"އެގޮތުގައި އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ. އެހެން ޕާޓީތަކާ ގުޅިގެން އެކަން ކުރުމަކީ އެންމެ މުހިންމު ގޮތް. އެންމެ ފައިދާ ހުރި ގޮތް. އެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރަންޖެހޭނެ. އަޅުގަނޑުމެންގެ ޕާޓީއަކީ އެހެން ޕާޓީތަކާ އަދާވާތްތެރި ޕާޓީއެއް ނޫން."
ޑީއާރުޕީގެ ޒައީމް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އެ ޕާޓީން ކާމިޔާބު ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި އިލެކްޝަން މެނިފެސްޓޯއެއް އޮތުމާއި އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުންނާއި އިންތިހާބު ކަންތައްތަކުގައި ހަރަކާތްތެރިވާނެ އެކްޓިސްޓުން ތަމްރީނު ކުރުމާއި ޕާޓީގެ ކެމްޕެއިން އޮނިގަނޑެއް ހަދަން ޖެހޭ ކަމަށް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވި އެވެ. އަދި އެ މަސައްކަތްތައް ހަލުއިކުރަންޖެހޭ ކަމަށް ވެސް ޑީއާރުޕީގެ ޒައީމް ވިދާޅުވި އެވެ.
މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަންޖެހޭ އެއް ސަބަބަކީ އެ ޕާޓީ އަކީ ރާއްޖޭގައި ޒަމާނީ ޑިމޮކްރެސީއެއް ގާއިމްކޮށް، ދެމެހެއްޓުމަށް އޮތް ހަމައެކަނި ފުރުސަތަށް ވާތީ ކަމަށެވެ.
"އެހެން ޕާޓީތަކުން އަމަލުކުރާ ގޮތުން މި ފުރުސަތު ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަކަށް ބަލާނެ ތަނެއް ނެތް،" ޒައީމް ވިދާޅުވި އެވެ.
މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވީ ޑީއާރުޕީގެ އެތެރޭގެ ހިންގުމާއި އެހެނިހެން ކަންތައްތައް ހަރުދަނާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިހާރު ވެސް އިސްލާހުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ޕާޓީގެ ހުރިހާ މެމްބަރުން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެ ޕާޓީގެ ޒައީމް ވިދާޅުވި އެވެ.
ޑީއާރުޕީގެ ރޭ ގެ އާންމު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން، ރިޔާސީ ގަނޑުވަރުގެ ބަޖެޓް ބޮޑުވެގެން، މުޖުތަމައުގައި ދެކެވެމުންދާ ވާހަކަތަކަށް ވެސް އަލިއަޅުއްވާލެއްވި އެވެ. ރައީސް ވިދާޅުވީ ރިޔާސީ ގަނޑުވަރުގެ ބަޖެޓް ބޮޑުވަނީ ވަރަށް ގިނަ ސަބަބުތަކެއް އޮވެގެން ކަމަށެވެ.
"އެތަނުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އެމީހުންގެ ކޮއްތާއި އެމީހުންނަށް ލިބެންޖެހޭ އިނާޔަތްތައް ވެސް އޮންނަނީ އެ ބަޖެޓުގައި. އަދި އިމާރާތް ބެލެހެއްޓުމުގެ ހަރަދާއި އިމާރާތަށް ދާ ކަރަންޓުގެ ހަރަދާއި ފެނާއި، މިހެން ގޮސް އެ ހުރިހާ ކަމެއް ވެސް އޮންނާނީ އެ ބަޖެޓުގައި ހިމެނިފައި. އަދި އެއަށް ވުރެ ބޮޑީ، އާންމުން ރައްޔިތުންގެ ތެރެއިން، އެކި ކަންކަމަށް އެދޭ މީހުންނަށް ކަންތައްތައް ކޮށްދިނުމުގެ ބައި. ބޭސްފަރުވާ ކޮށްދިނުމާއި އެ ނޫން އެހީތަކަށް ވަރަށް ގިނަ މީހުން އެދޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެތަނެއްގެ ތަނަވަސްކަން ތަންދޭ ގޮތެއްގެ މަތިން، ބައެއް ރައްޔިތުންނަށް އެކި ބޭނުންތައް ފުއްދައިދިނުމަށްޓަކައި ދުނިޔޭގެ ބައެއް ގައުމުތަކުގައި ރައީސްގެ ހަވާލުގައި އޮންނަ އެކައުންޓެއް އޮންނަ ކަމަށެވެ. އަދި ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅެއްގެ ބެއްލެވުމުގެ ދަށުގައި، ބައެއް ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވުމަށް އެކައުންޓެއް އޮންނަ ކަމަށެވެ. އަދި މިސާލެއްގެ ގޮތުން އެމެރިކާގެ ރައީސްގެ ބެއްލެވުމުގެ ދަށުގައި އޮންނަ އެކައުންޓް ނެންގެވި އެވެ.
"އެމެރިކާގެ ރައީސްގެ ބޭނުންފުޅަށް މިކަހަލަ ކަންތައްތަކަށް ހަރަދު ކުރައްވަން، ބަޖެޓުގައި ކަނޑައެޅިފައި އޮންނަ ވަރަށް ބޮޑު އަދަދެއް އޮންނަ ކަމަށް ވަނީ، ކޮންމެ މަހަކު ވެސް ވަކި ވަރެއް. އަޅުގަނޑު އޭނައާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވާ ތަންކޮޅު މި ދަންނަވަނީ. އެއީ އޭނަ އެ ކުރައްވާ ހަރަދުގެ ތަފުސީލު ދައްކަވާކަށެއް ނުޖެހޭ. ބޮޑު ބަޖެޓެއް، ރައްޔިތުންގެ ބޭނުންތަކަށް، އެމެރިކާގެ ރައީސަށް އޮންނަނީ ބަޖެޓުގައި ކަނޑައެޅިފައި. އެ ހަރަދު ކުރައްވާ ގޮތުގެ ތަފުސީލު ރައްޔިތުންނަށް ނުވަތަ މަޖިލީހަކަށް ވެސް އެނގޭކަށް ނުޖެހޭ. މި ފެންވަރުގައި ދުނިޔޭގެ އެހެން ތަންތާނގައި ކަންތައްތައް ހުންނަނީ. އެހެންވީމަ ރާއްޖޭގައި މި ގޮތަކަށް ކަންތައް އޮތުމަކީ އާދަޔާ ހިލާފު ކަމެއް ނޫން. އަޅުގަނޑުމެންގެ ބަޖެޓަކީ އޭގެ ހުރިހާ ތަފުސީލެއް ރައްޔިތުންނަށް އެނގޭ ބަޖެޓެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ފޮރުވާނެ އެއްޗެއް ނެތް. ފޮރުވަން ބޭނުންވާ އެއްޗެއް ވެސް ނެތް. މި ހުރިހާ އެއްޗަކީ ރައްޔިތުންނަށް ހާމައަށް އެނގެން ހުރި އެއްޗެހިތަކެއް. އެހެންވީމަ ވަކި ރިޔާސީ ގަނޑުވަރުގެ ބަޖެޓް ބޮޑުވުމަކީ އެއްވެސް ދިވެހި ރައްޔިތަކު ކަންބޮޑުވާންވީ ކަމެއް ނޫން. އިރާދަކުރެއްވިއްޔާ އޭގެ ފައިދާ ދިވެހި ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި މީގެ ކުރިން ވެސް ވާނީ ލިބިފައި. އަދި ކުރިއަށް އޮތް ތާނގައި ވެސް ލިބެމުންދާނެ،" ރައީސް ވިދާޅުވި އެވެ.
ޑީއާރުޕީގެ ޖަލްސާގައި ރާއްޖޭގައި އޮންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގައި އެ ޕާޓީން ތާއީދުކުރާ ރިޔާސީ ނިޒާމުގެ މައުލޫމާތުތައް މެމްބަރުންނަށް ދިނުމަށް ޕެނަލް ޑިސްކަޝަނެއް ވެސް ބޭއްވި އެވެ. މި ޕެނަލް ޑިސްކަޝަންގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވީ ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޗެއާޕާސަން އަނީސާ އަހުމަދާއި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދެވެ.
ރޭގެ ޖަލްސާގައި ޕާޓީގެ ޒައީމްގެ އިތުރުން ވާހަކަ ދެއްކެވީ ޑީއާރުޕީގެ އަންހެނުންގެ ގޮފީގެ ރައީސާ އައިޝަތު އާޒިމާ ޝަކޫރާއި އަޒީމާ ވަހީދު އަދި މުހައްމަދު އިކްރާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ