ޕީޕީއެމްގެ މެންބަރުންނަށް އިދިކޮޅުން ފައިސާ ހުށަހަޅާ މައްސަލަ ބަލަނީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ޕީޕީއެމްގެ ކެމްޕޭންގައި އުޅުއްވާ ފަރާތްތަކަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅާ މައްސަލަ ބޮޑުވެފައިވާ ކަމަށާއި، އެފަދަ މައްސަލަތައް ސީރިއަސް ގޮތެއްގައި ބައްލަވާނެކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ކަންބޮޑުވުންތައް އިންތިހާއަށް އޮތް ބާވަތުގެ ޚަބަރުތަކާއި ޝަކުވާތައް ޕީޕީއެމްގެ އޮފީހަށް ލިބެމުންދާ ކަމަށެވެ. އޭގެ ތެރޭގައި ތަފާތު ބާވަތްތަކުގެ ޝަކުވާތައް ލިބެމުންދާކަމަށް ނިހާން ވިދާޅުވިއެވެ.
"ކަންބޮޑުވުންތައް އިންތިހާއަށް އޮތް ބާވަތުގެ ޚަބަރުތަކާއި ޝަކުވާތައް މިދަނީ ޕާޓީގެ އޮފީހަށް ލިބެމުން، އެކަންކަން މިދަނީ ނޯޓް ކުރަމުން. އޭގެ ތެރެއިން ބޮޑެތި އަދަދުތައް ދީގެން އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންތައް ކޮޅުކޮޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމާއި، އަދި ރަށްރަށުގެ ކެމްޕޭންގައި އޮންނަ ހަމަޖެހުމާއި، ސަލާމަތްތެރިކަން ނަގާލުމަށް ހިތްވަރުދީ ބައެއް މީހުން ކުރަމުން ގެންދާ މަސައްކަތްތައް ހިމެނޭ،" ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ، މިކަންތައްތަކުގެ ފަހަތުގައި ތިއްބެވި ފަރާތްތަކުގެ ނަންތަކާއި، ނިސްބަތްވާ ޕާޓީ ޕްރެސް ކޮންފެރެންސްގައި ހާމަކުރުމުގެ ބަދަލުގައި ކަމާގުޅުންހުރި ފަރާތަތްކަށް ސީރިއަސް ސިފައެއްގައި ހުށަހަޅައިގެން ކުރިއަށް ގެންދަންޖެހޭނެ ކަންތައްތައް ކަމުގައި ވާތީވެ، އެ މަސައްކަތްތައް ޕީޕީއެމް އިން ކުރަމުން ގެންދާ ކަމަށެވެ.
"އެހެން ދިމަދިމާލުގައި ޑިމޮކްރަސީއޭ ކިޔައިގެން އަޑުއުފުލާ ބޭބޭފުޅުން ކުރައްވާ މިޒާތުގެ މުޑުދާރު، ހުތުރު ކަންތައްތައް އެއީ އަޅުގަނޑުމެން ރަސްމީ ސިފައެއްގައި ނޯޓްކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަންތައްތައް،" ނިހާން ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ބޮޑެތި ޖަރީމާތަކަކީ އެއްވެސް ހާލެއްގައި ޕީޕީއެމް އިން ހިތްވަރުދޭނެ ކަންތައްތަކެއް ނޫން ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
"ފައިސާ ބޭނުންކޮށްގެން ކެމްޕޭން ކުރުމާއި، އަދި އައިޑީ ކާޑާއި، ޕާސްޕޯޓާއި، އެނޫންވެސް ލިޔެކިޔުންތަކާއި، ގޯތި ގެދޮރުގެ މޯގޭޖް ކޮށްފައި ހުންނަ ލިޔުންތަކާ މިބާވަތުގެ ތަކެތި ގަނެ ރައްކާކުރުމަކީ ނުރައްކާތެރި ކަމެއް. ޤައުމެއްގެ ޑިމޮކްރަސީ ހަލާކުކޮށް ސުންނާފަތި ކޮށްލާނެ ކަމެއް، އެއްވެސް ބޭފުޅަކު އެއްވެސް ނިޔަތެއްގައި މިކަން އެއްވެސް ބަޔަކު ކުރެއްވުމަކީ ޑިމޮކްރަޓިކް ވެއްޓެއްގައި ޕީޕީއެމް ދުވަހަކުވެސް ހިތްވަރުދޭނެ ކަމެއްނޫން،" ނިހާން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، އިންތިޚާބާ ދިމާކޮށް ރަށްރަށުގައި އިސްކޮށް ސިޔާސީ ގޮތުން ހަރަކާތްތެރިވާ ބޭބޭފުޅުންނަށް ފައިސާގެ ބޮޑެތި އަދަދުތައް ހުށަހަޅައި އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށާއި، އިދިކޮޅުން ދިއްކޮށްލާ ހަމަ ކުޑަ ލާރިކޮޅަކަށް ނަފްސު ވިއްކާ ނުލެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެނަށް އެނގޭ ދިވެހި ރައްޔިތުން އެއަށްވުރެ ހޭލުންތެރިވާނެކަން، އެއަށްވުރެ މި ޤައުމާ ދޭތެރޭގައި ވިސްނަވާނެކަން، އެއަށްވުރެ ކުރިއަށް އޮތް އިންތިޚާބުގައި އެބޭފުޅުން ލައްވާ ވޯޓަކީ އެއަށްވުރެ ބަރުދަނެއް ހުންނާނެ ވޯޓަކަށް ހައްދަވާނެކަން އަޅުގަނޑަށް ހަމަ ޔަޤީން،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ނިކުމެވަޑައިގެން ހުންނެވީ، 2013 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، އަޑުއެއްސެވި އިހުސާސަތަކަށް ހައްލު ހޯއްދެވުމުގައި ކަމަށާއި، ރައީސް ޔާމީނާ އެކުގައި އިހުލާސްތެރިކަމާއެކު ތިއްބެވުން އެދޭ ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރައްވަމުން ގެންދަވާ ޤާނޫނާ ޚިލާފު ކަންކަމުގެ މައްސަތައް ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހުށަހަޅުއްވާނެކަމަށް ޕީޕީއެމް އިން ވިދާޅުވިއިރު، މިފަދަ ކަންތައްތަކެއް ހިނގަމުންދާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ