އިންސާނަކަށް ސަޖިދަކުރަން ހުއްދަ ނަމަ އިލްހާމަށް ސަޖިދަކުރައްވާނަން – ގާސިމް

އިންސާނަކަށް ސަޖިދަކުރަން ހުއްދަ ނަމަ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދަށް ސަޖިދަކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސީމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން ގެމަނަފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވީ އިލްހާމް އަކީ ގެމަނަފުށި ފަހުރުވެރިވާން ޖެހޭ ފަދަ ބޭފުޅެއް ކަމަށާއި އިންސާނަކަށް ސަޖިދަކުރަން ހުއްދަ ނަމަ އޭނާ އިލްހާމަށް ސަޖިދަ ކުރައްވާނަން ކަމަށެވެ.
"އަޅުގަނޑަކީ ހަމަ ގައިމު ވެސް މި ގެމަނަފުއްޓަށް އުފަންވީ ދަރިއެއް ނަމަ، އަދި އިންސާނަކަށް ސަޖިދަ ޖަހަން ހުއްދަކުރައްވާ ނަމަ އެކަން ވެސް އަޅުގަނޑު ކުރާނަން" ގާސިމް ވިދާޅުވި އެވެ.
އިލްހާމްގެ "ޑީއެންއޭ" ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އިލްހާމް އަކީ އަމާނާތްތެރި އަދި ހިތްވަރުގަދަ ފަހުލަވާނެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އިލްހާމް އަކީ ޙާލިދު ބިން ވަލީދު ފަދަ އަދި ސައްޔިދުނާ އުމަރުގެފާނު ފަދަ ފަހުލަވާނެއް ކަމަށް ވެސް ގާސިމް ރޭ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިސްލާމީ ތާރީހުން ބަލާނަމަ އޭނާއަކީ ޚާލިދު ބުނި ވަލީދު ފަދަ ބޭފުޅެކޭ. ނުވަތަ ސައްޔިދުނާ އުމަރުގެފާނު ކަހަލަ ހިތްވަރުދަ ފަހުލަވާނެކޭ،" ގާސިމް ވިދާޅުވި އެވެ.
ގެމަނަފުށީ ދާއިރާއަށް ދެން ކުރިމަތި ނުލައްވާނެކަމަށް ރޭ އިލްހާމް ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތްކުރައްވާ ގާސިމް ވިދާޅުވީ ކޮންމެ ދާއިރާއަކަށް ކުރިމަތިލެއްވިއަސް އިލްހާމް އިންތިޙާބު ކާމިޔާބު ކުރައްވާނެކަމަށެވެ.
ގާސިމް ވިދާޅުވީ ވޭތުވެދިޔަ ތަނުގައި އިލްހާމް އެކަން ސާބިތު ކޮށްދީފައިވާ ކަމަށާއި މިހާތަނަށް އިލްހާމް ވާދަކުރެއްވި ހުރިހާ އިންތިޙާބެއް އިލްހާމް ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ.
އިލްހާމަކީ އަމިއްލަ އެދުމުން ފޯވެފައި ހުރި ބޭފުޅެއް ނޫން ކަމަށާއި "އަމިއްލަ ބޭނުމެއް ފުއްދުމަށްޓަކައި ގޯޅި އަޅައިގެން ނުހައްގު ކަމެއް ކުރާނެ މީހެއް ނޫން" ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފައިސާއަށް ވިކެމުންދާ ކަމަށް ތުހުމަތުކުރައްވާ ގާސިމް ރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަންނަން މަސައްކަތްކުރާ މީހުން ހުށަހަޅާ އަގުތަ ގަބޫލުކޮށް ވިކިއްޖެ ކަމަށްވާނަމަ ސިޔާސީ ފިކުރު ބަދަލުކުރާއިރަށް ޖެހޭނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް ޢަލީއަށް ޖެހުނު ހާލު ކަމަށެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ގަތުމަށް 2 މިލިއަން ޑޮލަރު ހުށަހަޅާފައިވާ ކަމުގެ މަޢުލުމާތު ލިބިފައިވާ ކަމަށާއި އެފަދަ ހުށަހެޅުންތައް ގަބޫލުކޮށް ފައިސާގައި ހިފައިގެން ޕާޓީ ބަދަލުކޮށްފިއްޔާ އަފްރާޝީމަށް ދިމާވި ގޮތް ދިމާވުމަކީ ދުރުކަމެއް ނޫންކަމަށް ގާސިމް ރޭ ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ތެރެއިން އިންޑިއާގެ ޖީއެމްއާރަށް އަލުން އަނބުރާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހޯދައިދިނުމަށް އެމްޑީޕީން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުނުކުރެވޭނެ ކަމަށް ގާސިމް ރޭ ގެ ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ