ޕީޕީއެމްއަށް އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ އުންމީދު ވަރަށް ބޮޑު - މައުމޫން

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ކުރީގެ ރައީސް އަދި އެޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ކައުންސިލުން ނިންމި ރިޔާސީ އިންތިހާބާއި ބެހޭ ގަރާރު ރައީސް މައުމޫން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށާއި ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލު އަހުމަދާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޔާމީނާއި ޖަމީލް ހޮވިވަޑައިގަތުން ކަންތައްތައް ކުރައްވަން ޖެހޭނީ ވަރަށް ޒިންމާދާރު ހަމަޖެހޭ ގޮތަށް ޑިމޮކްރަޓިކް އުސޫލުގެ މަތިން ކަމަށެވެ.
އަދި ރައީސް މައުމޫން ވިދާޅުވީ އިސްލާމް ދީނުގައިވާ އަގީދާތަކާއި ދީނުގައި މާތްވެގެންވާ އުސޫލުތަކާއި މާތް ﷲ އަންގަވާފައިވާ ހުކުމްތަކާއި އެއްގޮތަކަށް ދެބޭފުޅުން އަމަލުކުރައްވަމުން ގެންދެވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ދިވެހި ރާއްޖޭގެ މިނިވަންކަމަކީ ވަރަށް އަގުބޮޑު ނިއުމަތެއް ކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ އެ ނިއުމަތް ރައްކާތެރިކަންކުރަންޖެހޭ ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަކީ ޔާމީނާއި ޖަމީލްގެ ކޮނޑުފުޅުގައި އެޅިފައިވާ ވަރަށް ބޮޑު އަމާނާތަކާއި މަސްއޫލިއްޔަތެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެއިތުރުން އެހެން ގައުމުތަކާއި ވެސް ގާތް ގުޅުމެއް ބާއްވަން ޖެހޭނެކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުގައި ހަރަކާތްތެރިވާން ވާނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެވޭނެ ގޮތަކަށް ކަމަށާއި އަދި މިނިވަންކަމަށް ބުރޫ އަރާ ފަދަ ގޮތަކަށް އެއްވެސް ކަމެއް ނުކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"ރާއްޖެއަށް އިންވެސްޓްތައް ހޯއްދަވަން ޖެހޭނެ، ރާއްޖޭގެ އިގްތިސޯދު ކުރިއަށް ގެންދަވަން ޖެހޭނެ، ރާއްޖޭގެ ރައްޔިތުންނަށް ސިއްހަތާއި ތައުލީމާއި އެހެނިހެން ހިދުމަތްތައް ހާސިލްކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީ ހޯއްދަވަން ޖެހޭނެ،" 30 އަހަރުވަންދެން ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވި އެވެ.
އެހެންނަމަވެސް އެކަންކަން ކުރައްވާއިރު ވެސް އަޅުގަނޑުމެންގެ މިނިވަންކަމަށް ބުރޫ އަރާ ގޮތަކަށް ދިވެހި ރާއްޖޭގެ މުއްސަނދިކަން ބޭރުގެ ބައެއްގެ އަތްމައްޗަށް ދާ ގޮތަކަށް ދިވެހިރާއްޖޭގެ އަގީދާ އުނިކަމެއް އަންނަ ގޮތަކަށް ކަންކަން ކުރައްވައިގެން ނުވާނެ." ރައީސް މައުމޫން އިތުރަށް ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ދިރިއުޅޭ ކޮންމެ ރަށެއްގެ ކޮންމެ މީހަކަށް ވެސް ހަމަހަމަކަމާއިއެކީގައި ކަންތައްކޮށްދެއްވުމާއި ބެހޭގޮތުން ވެސް ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކަމެއްކުރާއިރު އެކަމެއް ކުރަންވާނީ ވަކި މީޙެއްގެ ނަސަބަށް ނުވަތަ އެމީހާގެ ޖިންސަށް ބައްލަވައިގެން ނޫން ކަމަށެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ މިކަންތައްކޮށްދެއްވައިފިއްޔާ ދިވެހި ރައްޔިތުން ދެބޭފުޅުންގެ ހިދުމަތްތައް ބަލައިގަންނާނެ ކަމަށާއި އަދި ދެބޭފުޅުންނަކީ ރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ހޯދާދިން ދެބޭފުޅުން ކަމުގައި ރާއްޖޭގެ ތާރީހުގައި ލިޔެވިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ