އޮޑިޓަރ ޖެނެރަލްގެ މައްސަލަ ހޫނުވެ މަޖިލީހުގެ ތިން މެންބަރަކަށް އެކިވަރުގެ އަނިޔާވެއްޖެ

19:00ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެނދުކަޑާލައިފައި ވަނިކޮށް ބައެއް މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި މަޖިލީހުގެ ތިން މެންބަރަކަށް އެކިވަރުގެ އަނިޔާވެއްޖެ އެވެ.އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމް މަގާމުން ވަކިކުރުމުގެ މައްސަލައިގައި މަޖިލީހުގެ ބަހުސް ހޫނުވެ، ޖަލްސާ މެދުކަނޑާލުމާ ހިސާބުން މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވެފައި ވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އެމްޑީޕީ މެމްބަރު ޝިފާގް މުފީދު ނުވަތަ ހިސްޓޯ އާއި އއ. ތޮއްޑޫ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޑީއާރުޕީގެ ނާއިބު ލީޑަރު އަލީ ވަހީދަށާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށެވެ.މިއަދުގެ ޖަލްސާ ހޫނުވެފައި ވަނިކޮށް، މި މާރާމާރީ ހިނގީ ފޭދޫ ދާއިރާގެ މެންބަރ އަލްހާން ފަހްމީ ވާހަކަ ދައްކަވަން ހުންނަވަނިކޮށް މަހްލޫފް އެތަނަށް ވަޑައިގެން، އަލްހާންގެ ބުރަކަށީގައި އަތްލަތްވައި، ތިއީ ޑީއާރުޕީގެ ގޮނޑިއެއް ކަމަށް ވިދާޅުވި ހިސާބުން ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި އެހިސާބުން ގިނަ އަދަދެއްގެ މެންބަރުންތަކެއް އަލްހާންގެ ކައިރިއަށް އެއްވުމޖާ ގުޅިގެން ހިނގި ހަމަނުޖެހުމުގައި މަޖިލީހުގެ އެންމެ ބޮޑު ދެ ޕާޓީގެ ބައެއް މެންބަރުންނަށް އަނިޔާވީ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.މި މާރާމާރީ ތަހްޤީޤްކޮށްދިނުމަށް އެމްޑީޕީން އެދިފައިވުމުން މިހާރު އެ މައްސަލަ ތަހްޤީޤްކޮށްދިނުމަށް އެދި މަޖިލީހުން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. ނަމަވެސް ފުލުހުން މިކަމާ ގުޅިގެން އަދި ވަކި އެއްޗެއް ނުބުނެ އެވެ.މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިންގަން ފެށުމާއެކު ގިނަ ބަޔަކު ވަނީ ރައްޔިތުންގެ މަޖިލީސްކުރާގޭ ސަރަހައްދަށް އެއްވެ ހަމަނުޖެހުން ހިންގައިފަ އެވެ. އަދި އެސަރަހައްދަށް އެއްވި މީހުން ކޮންޓްރޯލްކުރުމަށް ދިޔަ ފުލުހުންނާއި އާއްމުނާ ދެމެދު ވެސް ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގައިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ